ވެނުމަސް ވެނަށް ކާންދިނަ ނުދޭށެވެ.
މިއީ ދިވެހީން ދަންނަ އިބާރާތެކެވެ. ދިވެހި މާހައުލާ ގުޅުން ހުރި ދިވެހި އިބާރާތެކެވެ. މި ކުރު އިބާރާތުގައި ދިވެއްސަކަށް މާނަ ނޭނގޭނޭ ހަމަ އެންމެ ލަފުޒެއް ވެސް ނެތެވެ. ދިވެހި ރަށްރަށް ވަށައިގެން ލެވިފައިވާ ތޮށިތަކާއި ފަރުތަކުގެ ގާތަކުގައި އުޅޭ ވެނަކީ ގިނަ ދިވެހީން ދެކެފަރިތަ ދަންނަ އެއްޗެކެވެ. ވެނުގެ އެކި ބާވަތަށް އެކި ނަންނަމުން ކިޔައިއުޅެއެވެ. އުނިމޫވެނާއި ދެކޮޅުންކާވެނާއި ފޫޅުކާވެނާއި ކަންފަތްވެނާއި ކަޅުވެނާއި ކިރުޅިޔަވެނާއި ކުރެހިވެނާއި ކޯވެނާއި ވަޅުވެނާއި ރިވެލިކަނޑާވެން ފަދަ އެތައް ނަމެއް ދިވެހިބަސް ފޮތް ހޯދައިލުމުން ފެންނާން އެބަހުއްޓެވެ. މިއިން ކޮންމެ ނަމެއް ފެނުނަސް ދިވެހިންނަށް މިއީ ވެނުގެ ބާވަތެއްކަން އެނގި ކަށަވަރުވެއެވެ. އަދި ނަން އިވުނަސް ބިރުވެރިކަން ހިތަށް ވަދެއެވެ. ވެނަކީ ދިވެހީންނަށް ނުރައްކާތެރި އެއްޗެއްގެ ގޮތުގައި އަބަދުވެސް ސިފަކުރެވެއެވެ. އަޅުގަނޑުމެން ކުޑައިރު، ކަޅުވެނުގެ ބިރުވެރިކަމާއި ނުރައްކާތެރިކަން އަޅުގަނޑުމެންގެ މައިންބަފައިންނާއި އަޅުގަނޑުމެންނަށް ވުރެ ބޮޑެތި މީހުން، އަޅުގަނޑުމެންނަށް އަބަދުވެސް ވިސްނައިދެއެވެ. މީގެ ސަބަބުން އަޅުގަނޑުމެންނަށް ވިސްނިފައި އޮންނަނީ ވެނަކީ ވަރަށް ނުރައްކާތެރި އެއްޗެއްގެ ގޮތުގައެވެ. ބިރުވެރި އެއްޗެއްގެ ގޮތުގައެވެ. ކަޅުވެނަކަށް ގޯނާ ކޮށްފިއްޔާ އޭގެ ބަދަލު ކޮންމެވެސް ގޮތަކުން ހިފާނޭ ކަމަށް އިހުތިބީން ބުނެއުޅެއެވެ. ދިވެހި ވާހަކަތަކުގައި ވެސް ކަޅުވެން ސިފަކުރަނީ ނުރައްކާތެރި އެއްޗެއްގެ ގޮތުގައެވެ. ދޮން ހިޔަލައާއި އަލިފުޅު ވާހަކައިން އެކަން ސާފުވާނެއެވެ. ސުރުޚީގައި ލިޔެފައިވާ އިބާރާތުގެ މާނަ ހޯދައިލުމަށް ދިވެހިބަސް ފޮތް ބަލައިލީމެވެ. ލިޔެފައި އޮތީ، "މީހެއްގެ އެއްޗެއް އެ މީހާއަށް ނާންގާ، އެހެން މީހެއްގެ އެއްޗެއްގެ ގޮތުގައި އެ މީހަކަށް ދިނުން" މިއެވެ. މިއީ އަދަބީބަހެއް ކަމުގައި ވެސް ބަސްފޮތުގައި ލިޔެފައި އޮތެވެ. މި އަދަބީބަހަކީ ދިވެހީން ބޭނުންކޮށް އުޅޭ ބަހެކެވެ. އަދަބީ ބަހުގެ ލަފުޒީ މާނައަށް ވިސްނައިލުމުން ތިމާއަށް ދެނެގަންނާން ނޭނގޭ މާނައެއް އެކުލެވޭ ލަފުޒެއް މި އަދަބީބަހުގައި ނެތެވެ. އެހެންވީމާ ލަފުޒީ މާނައެއް ކަމުގައި އަޅުގަނޑަށް ވިސްނެނީ، މޫދުގައި އުޅޭ ވެން ނަގައިގެން، އެ ވެނުގެ މަސް، ހަމަ އެ ވެނަށް ކާން ދިނުމެވެ. އެއީ ކޮން ބާވަތެއްގެ ވެނެއް ކަމެއް ބަޔާންކޮށްފައި ނެތަސް ދިވެހީން އާންމުކޮށް ދެކޭ ކޮންމެ ވެނަކަށް މި މާނަކުރެވޭނެއެވެ. ދިވެހިބަސް ފޮތުގައި މިއީ އަދަބީބަހެއްކަމުގައި ބަޔާންކޮށް އަދަބީ ބަހުގެ މާނައެއް ކަމުގައި ލިޔެފައި އޮތް ލިޔުމަށް ތަފުސީލީ ވިސްނުމަކުން ވިސްނައިލަމާތޯއެވެ. "މީހެއްގެ އެއްޗެއް އެ މީހާއަށް ނާންގާ، އެހެން މީހެއްގެ އެއްޗެއްގެ ގޮތުގައި އެ މީހަކަށް ދިނުން" އޮޅުވައިލުމެއް ފޮރުވުމެއް ނެތް މިންވަރަށް، ވަރަށް ސާފުކޮށް ވިސްނިވަޑައިގަންނަވާ ނޫންތޯއެވެ. ތިބާގެ އެއްޗެއް، ތިބާ އަތުން ނަގައިގެން ގޮސް ތިބާއަށް ނާންގާ އަނެއްކާ އެ ނެގި އެތި ގެނެސް ތިބާ އަށް ދެނީއެވެ. ތިބާއަށް އެ ދޭ އިރު މި ދެނީ އެއީ ތިބާ އަތުން ނެގި އެތިކަން ތިބާއަށް ނާންގާ، ދޭ މީހާގެ ހެޔޮކަމާއި ރަނގަޅުކަމުން ދޭ އެއްޗެއްގެ ގޮތުގައެވެ. މި ދެއްކި ވާހަކަތައް މިއަށްވުރެ ވެސް ތިލަކޮށްލަމާ ހިންގަވާށެވެ. ރައްޔިތުންގެ އަތުން އެކި ނަންނަމުގައި ސަރުކާރުތަކުން ފައިސާ ނަގައެވެ. ގާނޫނުތަކާއި ގަވައިދުތައް ހަދައިގެންނެވެ. ރައްޔިތުންގެ ހެވާއި ލާބައަށެވެ. ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށެވެ. ގާނޫނުތަކާއި ގަވައިދުތައް ހަދާމީހުންނަށް ވެސް މުސާރަ ދެނީ ރައްޔިތުންގެ ފައިސާއިންނެވެ. ގާނޫނުތަކުގައި ރައްޔިތުންނަށް ކޮށްދިނުމަށް މަޖުބޫރުކޮށްފައިވާ ހުރިހާ ކަމަކަށް ވެސް ޚަރަދުކުރަނީ ރައްޔިތުންގެ ފައިސާއެވެ. ކުރަންޖޭ ކަންކަން ކުރުމަށް އައްޔަނުކޮށްފައިވާ ކޮންމެ މީހަކަށް މުސާރަ ވެސް ދެނީ ރައްޔިތުންގެ ފައިސާއިންނެވެ. ކަންކަން ކުރުމަށް ތިބޭ މީހުންގެ ދަތުރުތަކާއި އެ ދަތުރުތައް ކުރުމަށް އުޅަނދާއި އުޅަނދު ދުއްވުމަށް ކުރަންޖެހޭ ހުރިހާ ޚަރަދަކާއި އުޅަނދު ދުއްވާ ފަޅުވެރީންގެ މުސާރައަށް ދާންދެން ހަމަޖައްސައިދެނީ ރައްޔިތުންގެ ފައިސާއިންނެވެ. މި ހުރިހާ ކަމަކަށް ރައްޔިތުންގެ ފައިސާ ޚަރަދުކޮށްފައި ކަންކަން ކޮށްދިނުމަށް ފަހު، އެކަން ކޮށްދިނީ ކޮށްދިން މީހާކަމުގައި ދައްކަން މަސައްކަތްކުރުމަކީ ވެނުމަސް ވެނަށް ކާންދިނުމެވެ. އިންތިޚާބަކާ ދިމާވާ އިރަށް ރައްޔިތުންނަށް ޚިދުމަތްކުރުމަށް ރައްޔިތުން މުސާރަދީފައި ތިބޭ ބަޔަކު ރައްޔިތުން ގާތަށް އައިސް، މަ މި ވެނިކަމެއް ކޮށްދީފީމޭ، މަ އެވެނި ކަމެއް ކޮށްދީފީމޭ، އެހެންވީމާ މަށަށް ވޯޓު ލައިދޭށޭ ބުނުމަކީ ވެނުމަސް ވެނަށް ކާންދިނުމެވެ. އަލުން ވޯޓެއް ލައިދިނުމަށް އެދުމަކީ، ކުރިން ކާންދިން މަސްގަނޑު މީރުތޯ އަހައިލައި ދެވަނަ މަސްގަނޑެއް ބޭނުންވެގެން އުޅުމެވެ. ރައްޔިތުންނޭވެ. ސަމާލުވާށެވެ. ވޯޓާ ދިމާކޮށް، ތިބާގެ ގާތަށް ކަޅު ދަބަހަށް ފައިސާ އަޅައިގެން އެ އަންނަ މީހުން އެ އަންނަނީ ތިބާއަށް ހެޔޮ އެދިގެނެއް ނޫނެވެ. އެ ދަބަސްތަކުގައި ހުރީ، އޭނާގެ ފައިސާއެއް ނޫނެވެ. ތިބާ ބުރަ މަސައްކަތްކޮށްގެން ހޯދައިފައި ހުރި ފައިސާއެވެ. ޓެކުހުގެ ގޮތުގައި ތިބާ އަތުން ނަގައިފައިވާ ތިބާގެ ފައިސާއެވެ. އިރުވައި މޫސުމަކީ ދޮންދޫނި ވަރަށް ތިޔާގި މޫސުމެކެވެ. މި ދުވަސްވަރަކީ މި ދެންނެވި ޒާތުގެ ދޮންދޫނިތައް ވަރަށް ގިނައިން ރަށްރަށަށާއި ގޯތިގޯއްޗަށް ޒިޔާރަތްކުރާ ދުވަސްވަރެކެވެ. އިށީންނާނެ ހިކި ހޯލިކޮޅުކޮޅާއި ގަސްގަސްތައް ހޯދުމަށް އެ ދޮންދޫނިތައް ދަނީ މަސައްކަތްކުރަމުންނެވެ. ބައެއް ދޫނިތައް އަންނަނީ ބައިގަނޑުގަނޑަށެވެ. އަނެއް ބައި ދޫނިތައް އަންނަނީ ސިއްރުސިއްރުންނެވެ. ސަމާލުވެ ތިއްބަވާށެވެ. ތިބާގެ ހަށިގަނޑުން މަސްކޮޅެއް ދޭންވާނީ އެ މަސްކޮޅު ތިބާއަށް ކާންދީފާނެކަން ދަނެތިބެއެވެ. ވެނުމަސް ވެނަށް ކާންދޭ އުސޫލު ދިވެހި މާޙައުލާ ކިތަންމެ ގުޅުނަސް، އަދި ކިތަންމެ ރައްޓެއްސަސް، މިއީ ދިވެހީން ސަމާލުވެ، ނިމުމަކަށް ގެންނާން ވެއްޖެ ސަގާފަތެކެވެ. ތިމާގެ ހެވަށެވެ. ތިމާގެ އާއިލާގެ ރައްކަލަކަށެވެ. އަމިއްލަ ރަށާއި އަމިއްލަ އަތޮޅާއި އަމިއްލަ ގައުމުގެ ކުރިމަގަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ