ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެގެ ދައުވަތަކަށް ރައީސް މުހައްމަދު މުއިއްޒު އަންނަ އާދިއްތަ ދުވަހު އެ ގައުމަށް ފައްޓަވާ ދަތުރުފުޅުގެ ތެރެއިން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދުމަށް މަޝްވަރާކުރައްވާނެ ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ރައީސް ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ.
ތަފްސީލް - އިސްތަރުޖަމާނުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މުހައްމަދު ހުސެން ޝަރީފް ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާއާ ގުޅޭ ކަންތަކުގައި ދިމާވާ ދަތިތަކާއި އެކަންތަކަށް ލުޔެއް ހޯދުމަށް މަޝްވަރާ ކުރައްވާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެއީ މިހާރު ވެސް ކުރިއަށްދާ މަޝްވަރާއެއް ކަމަށާއި ރައީސްގެ ދަތުރުފުޅުގައި ވެސް އެކަމާ ގުޅޭ ވާހަކަތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ލަންކާގައި ދިން އީސްޓާ ސަންޑޭ ހަމަލާގެ ފަހުން އެ ގައުމުގެ ވިސާގެ ކަންތައް ހަރުކަށިކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ނިޒާމަށް އައި ބަދަލާ އެކު ދިވެހިންނަށް ދަތިތަކެއް ދިމާވަނީ ތަފާތު ދަތިތަކެއް. އެއް ކަމަކީ އަގު. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، 200 ޑޮލަރު އެބަޖެހޭ ވިސާ ހައްދާ ކޮންމެ ފަހަރަކު ދޭން. އެއް އަހަރަށް ވިސާ އެކްސްޓެންޑުކޮށްދެނީ،" ތަރުޖަމާނު ފާހަަގަ ކުރެއްވި އެވެ.
މީގެ އިތުރުން، 75 ޑޮލަރުގެ މެޑިކަލް އެއްވެސް ވިސާ ހައްދާއިރު ހުށަހަޅަންޖެހޭ ކަމަށާއި ބޮލަކަށް 1000 ޑޮލަރުގެ ޑިޕޮސިޓެއް ވެސް ބަހައްޓަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހާ ލުއިފަސޭހަ ނިޒާމެއް ނޫން މިވަގުތު އޮތީ. މިކަމަށް ހައްލެއް ހޯދުމަކީ ފެށޭ ހަފްތާގައި ރައީސް ކުރައްވާ ދަތުރުފުޅުގައި ކުރެވޭ މަޝްވަރާތަކުގައި ހިމެނޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
މިއީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ހިނގާ މަޝްވަރާއެއް ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - ލަންކާއަކީ މީގެ ކުރިން އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން ދިޔަ ގައުމެކެވެ. މީގެ 9 ވަރަކަށް އަހަރު ކުރިން އެ ގައުމުގައި 12،000އެއްހާ ދިވެހިން ދިރިއުޅުނުއިރު، މިހާރު އެ އަދަދު ވަނީ ގާތްގަނޑަކަށްް 2،000އަށް މަދުވެފަ އެވެ.
ރައީސްގެ ދަތުރުފުޅުގައި ލަންކާ ވިސާގެ ދަތިތައް ހައްލުކުރުމަށް މަޝްވަރާ ކުރައްވާނެ: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ