ބާސެލޯނާ (ޖެނުއަރީ 14) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ހިލާލް ދޫކޮށް ލޯން އެއްބަސްވުމެއްގެ ދަށުން ޕޯޗުގީސް ފުލްބެކް، ޖޮއާއޯ ކަންސޭލޯ، ބާސެލޯނާ އަށް ބަދަލުވެއްޖެ އެވެ.
ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ކަންސެލޯ، 31، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު، އަލް ހިލާލް އަށް ސޮއިކުރީ 25 މިލިއަން ޑޮލަރުގެ ޑީލެއްގައި މެންޗެސްޓާ ސިޓީ ދޫކޮށެވެ.
ސިޓީގައި އޭނާ ހޭދަކުރި ފަހު ދޮޅު އަހަރު ތެރޭ ލޯނަކަށް ވަނީ، ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކުޅެފަ އެވެ.
ސައުދީ ޕްރޯ ލީގުގައި އެކަށީގެންވާ މިންވަރަށް ކެރިއަރަށް ކުރިއެރުމެއް ލިބޭނެ ކަމަށް ނުބެލެވޭތީ، ކަންސެލޯ އެ ޓީމުގެ މެނޭޖްމަންޓުގައި އެދިގެން ޓްރާންސްފާ އަކަށް ބާސެލޯނާ އަށް ބަދަލުވިއިރު، މިއީ އޭނާ، އެ ކްލަަބަށް ކުޅޭ ދެ ވަނަ ފަހަރެވެ. ދެ ފަހަރު ވެސް ބަދަލުވީ ލޯނަކަށެވެ.
ބާސެލޯނާ އިން ކަންސެލޯގެ ޑީލް ހަމަޖެއްސުމުގައި، ގަވާއިދުގެ ތެރެއަށް ފެއްތުމަށް ހަމަޖެއްސީ އަންޑްރެއަސް ކްރިސްޓެންސަންގެ ޖާގައެކެވެ. އެ ގޮތުން، ބާސެލޯނާގެ ސެލަރީ ކެޕް މައްސަލަތަކެއް އަދިވެސް ދިމާވެފައި ހުރިއިރު، ކަންސެލޯ ރަޖިސްޓްރީކޮށްފައިވަނީ، ކްރިސްޓެންސަންގެ 80 ޕަސެންޓް ސެލަރީ ލިމިޓް ބޭނުންކޮށްފަ އެވެ. މި ވަގުުތު ކްރިސްޓެންސަން ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.
ޕޯޗުގަލް ގައުމީ ޓީމަށް ވެސް ކުޅޭ ކަންސޭލޯ، 2012-2015 އަށް ބެންފީކާ އަށް ކުޅުނުއިރު، 2015-2018 އަށް ވެލެންސިއާ އަށް ކުޅެފަ އެވެ. އޭގެ ތެރެއިން ފަހު އަހަރު ލޯނަކަށް ކުޅުނީ އިންޓަ އަށެވެ. އިންޓަ އަށް ފަހު، ދެން އައި އަަހަރު ޔުވެންޓަސް އަށް ކުޅުނު ކަންސެލޯ، އެއް އަހަރަށް ފަހު، 2019 ވަނަ އަހަރު މެންޗެސްޓާ ސިޓީ އަށް ބަދަލުވި އެވެ.
ސިޓީ އަށް 2023 ވަނަ އަހަރުގެ ޖެނުއަރީއާ ހަމައަށް ކުޅުމަށް ފަހު، ދެން ލޯނަކަށް ބަޔާނާއި ބާސެލޯނާ އިން ފެނުނު ކަންސެލޯ ބަދަލުވީ ހިލާލް އަށެވެ. އެކަމަކު، އަނެއްކާ ވެސް 18 މަސް ދުވަސް ފަހުން، ބާސެލޯނާ އަށް ކުޅެން ކަންސެލޯ ނިންމީ އެވެ.
ކަންސެލޯ އަނެއްކާ ވެސް ބާސެލޯނާ އަށް ކަންސެލޯ އަނެއްކާ ވެސް ބާސެލޯނާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ