މުދާ އުފުލުމުގައި ހުރި ހުރަސްތައް ނައްތާލުމަށް އެކުލަވާލެވޭ ސިޔާސަތުތައް މިހާރު އެއް ވުޒާރާއެއްގެ ދަށުން ވިލަރެސްކުރެވުމަކީ ވިޔަފާރިވެރިންނަށް އައު ދޮރުތަކެއް ހުޅުވައިދޭނެ ކަމެއް ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޔޫސުފް ރިޒާ ވިދާޅުވެއްޖެއެވެ.
ރިޒާ މިހެން ވިދާޅުވީ، އިޤުތިޞާދީ ވުޒާރާއިން "ޓްރޭޑް ޑެސްކު"ގެ ނަމުގައި ކުރިއަށްގެންދާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ އިޤުތިޞާދުގައި ފަތުރުވެރިކަމާއި މަސްވެރިކަން ފިޔަވައި ދެން އެންމެ ބޮޑު ހިއްސާއެއް ކުރަނީ ދަތުރުފަތުރުގެ ސިނާޢަތެވެ. މި ސަބަބަށްޓަކައި ސަރުކާރުގެ އޮނިގަނޑަށް ދާދި ފަހުން ގެނައި ބަދަލުތަކުގެ ތެރެއިން، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ މެންޑޭޓުގެ ތެރެއަށް ދަތުރުފަތުރާ ބެހޭ މަސައްކަތްތައް ވަނީ ބަދަލުކޮށްފައެެވެ.
މި ބަދަލާ ގުޅޭގޮތުން "ޓްރޭޑް ޑެސްކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޔޫސުފް ރިޒާ ވިދާޅުވީ، ވިޔަފާރިއާއި ދަތުރުފަތުރުގެ ސިނާޢަތަކީ ވަކިކުރެވެން ނެތް ދެ ސިނާޢަތެއް ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް ނެޗުރަލް ކޮމްބިނޭޝަނެކޭ ވިޔަފާރިއާއި ޓްރާންސްޕޯޓް އެކުވުމުން. މުޅި ސަޕްލައި ޗެއިން އެފިޝަންޓްކޮށް ބޭއްވުމަށްޓަކައި ދަތުރުފަތުރު ހަރުދަނާކޮށް އޮންނަންޖެހޭ." ރިޒާ ވިދާޅުވިއެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއްކަން ފާހަގަކުރައްވާ ރިޒާ ވިދާޅުވީ، ހުރިހާ މުދަލެއްވެސް ރަށްރަށަށް ފޯރުކޮށްދެވެނީ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ކަމަށެވެ. އެެހެންކަމުން މި ދެ ދާއިރާ އެއް ފުރާޅެއްގެ ދަށަށް ގެނައުމަކީ ވިޔަފާރިތަކަށް ބޭނުންވާ ލޮޖިސްޓިކްސްގެ ކަންކަން ފަސޭހަވެ، މުޅި ސަޕްލައި ޗެއިންގެ ހިންގުން މިހާރަށްވުރެ ހަލުވިވެގެންދާނެކަމެއް ކަމަށް ރިޒާ ވިދާޅުވިއެވެ.
ރިޒާ ވިދާޅުވީ، ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިވުމުން މުދަލުގެ އަގުތަކަށްވެސް ހެޔޮ ބަދަލެއް އައުމުގެ ފުރުސަތު ބޮޑު ކަމަށެެވެ. އަދި ދަތުރުފަތުރުގެ ހަރަދުތައް ކުޑަކުރެވޭނެ ގޮތްތަކާއި، މުދާ އުފުލުމުގައި ހުރި ހުރަސްތައް ނައްތާލުމަށް އެކުލަވާލެވޭ ސިޔާސަތުތައް މިހާރު އެއް ވުޒާރާއަކުން ވިލަރެސްކުރެވުމަކީ ވިޔަފާރިވެރިންނަށް ލިބޭނެ އިތުރު ފަސޭހައެއް ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މި ދެ ދާއިރާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށާއި، ޚާއްޞަކޮށް އަތޮޅުތެރޭގެ ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް މި ބަދަލުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޔޫސުފް ރިޒާ ވިދާޅުވިއެވެ.
"އިޤްތިޞާދާއި ދަތުރުފަތުރު އެއްކޮށްލުން، ވިޔަފާރިވެރިންނަށް އިތުރު ދޮރުތަކެއް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ