މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން، 500،000ރ. ގާޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަދިޔާކޮށްފި އެވެ.
ވީ ކިހިނެއް؟ - ޒަކާތުގެ ގޮތުގައި މި އަހަރު 15.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބުނު އަހަރެވެ. އަދި، މިއީ މިހާތަނަށް ހަމަހަމަކޮށް ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ބެހި ފަހަރު ވެސްމެ އެވެ. އެގޮތުން ބޮލަކަށް 6،000ރ.ގެ މަގުން ފިތުރު ޒަކާތް ބަހާ ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ބުންޏެވެ.
ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން މިސްކީނުންނާއި ފަގީރުންނަށް ބަހާފައި ވަނީ، 13.8 މިލިއަން ރުފިޔާ އެވެ.
ތަފްސީލް - ޒަކާތު ހައުސްއިން މިއަދު ބުނީ، އެ ފައިސާގެ ތެރެއިން ގާޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 500،000ރ. 'އިސްރާ އެސޯސިއޭޝަން'އާ ހަވާލުކޮށްފައިވާ ކަމަށެވެ.
އިސްރާ އެސޯސިއޭޝަނަކީ، އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކުގައި، ހާއްސަކޮށް ފަލަސްތީނާއި ގާޒާއަށް އެހީތެރިވުމާއި ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާއެކެވެ.
މީގެ އިތުރުން ރާއްޖޭގައި ދަތި ހާލުގައި އުޅޭ މީހުންނަށް އެހީވުމަށް ސޯޝަލް މިނިސްޓްރީގެ އިޖުތިމާއީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 423,749ރ. ވެސް އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.
ފިތުރު ޒަކާތަށް 15 މިލިއަން؛ ގާޒާއަށް ކާބޯތަކެތި ފޯރުކޮށްދޭން 5 ލައްކަ ހަދިޔާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ