ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފިއެވެ. ޢީދު ނަމާދު ކޮށްފައިވަނީ ހެނދުނު 7:00ގައެވެ.
މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ އެއްކަމަކީ ޖަމާޢަތުގައި ކުރެވޭ ނަމާދެވެ. ޚާއްޞަ ގޮތެއްގައި ބޮޑު ޖަމާޢަތްތަކުން މުސްލިމުންގެ އާރާއި ބާރު ދައްކައިދެއެވެ. މިފަދައިން ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީވެސް މުސްލިމުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ދައްކުވައިދީ، އިޖްތިމާޢީ ގުޅުން ބަދަހިކުރުމެވެ.
ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް މާލޭގެ 4 ސަރަަހައްދެއްގައި ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ވަނީ ކޮށްފައެވެ. އެގޮތުން، މާފަންނު ސްޓޭޑިއަމް ސަރަޙައްދު، ވިލިމާލެ ފުޓުބޯޅަ ދަނޑު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސްޖިދު ޙަސަން އާދަމްއާ އިންވެގެން އޮންނަ ހުސްބިމުގައި މިއަދު ޢީދު ނަމާދު ވަނީ ބޮޑު ޖަމާއަތުގައި ކޮށްފައެވެ. މީގެ ތެރެއިން މާލެ ބޮޑު ޖަމާއަތް (މާފަންނު ސްޓޭޑިއަމް) އާއި ވިލިމާލެ ބޮޑު ޖަމާއަތުގައި އިމާމުވެ ޢީދު ނަމާދުކޮށްފައިވަނީ ޒުވާން ދެ ޚަޠީބުންނެވެ.
މިއަދު މާލޭގައި ބޮޑުޖަމާޢަތުގައި ކުރި ޢީދު ނަމާދުގައި ގިނަ އަދަދެއްގެ ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން ވަނީ ބައިވެރިވެފައެވެ. މި ޖަމާޢަތުގައި ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މާލޭ ސަރަޙައްދުގެ ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތަކާއި، ސިޓީތަކުގައިވެސް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފައިވެއެވެ. އަދި އާބާދީ ކުޑަ ބައެއް ރަށްތަކުގައި އެރަށެއްގައި ހުންނަ މިސްކިތްތަކުގައިވެސް ޢީދު ނަމާދު ވަނީ ކޮށްފައެވެ.
ފިޠުރު ޢީދު ނަމާދަށްފަހު، ރާއްޖޭގެ މިސްކިތްތަކުގައި ދިން ޚުޠުބާގައި ވަނީ ޢީދު ދުވަހަކީ ތަކްބީރުގެ ދުވަސްކަމަށާއި، މުސްލިމުންގެ ޢީދުގެ ޒީނަތްތެރިކަމަކީ ތަކްބީރުކަން ފާހަގަކުރައްވާފައެވެ. އަދި މިއަދަކީ ރޯދަވެރިންނަށް ކާމިޔާބުގެ ތާޖާއި އިނާމު ދެއްވާ ދުވަސްކަން ފާހަގަކުރައްވާ، މާތް ﷲ އަށް ކިޔަމަންތެރިވި އަޅުންނަށް މި ދުވަސް ބާއްޖަވެރި ޢީދެއްކަމުގައި ލެއްވިކަމަށާއި، އެއީ ﷲ ގެ އަމުރުފުޅުތަކަށް ތަބާވެ، އެކަލާނގެ އިންތަކަށް ރައްކައުތެރިވިކަމުގެ ހެޔޮ ޖަޒާއެއްގެ ގޮތުންކަމަށްވެސް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިފަހަރު ޢީދުނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފައިވާއިރު ޢީދު ނަމާދަށްފަހު މުޅި ރާއްޖޭގައި ވަނީ ޢީދުގެ ހަރަކާތްތަކާއި ކުޅިވަރުތައް ފަށާފައެވެ. ޢީދު ނަމާދު ހުޅުވިފައިވާ މައިދާނެއްގައި ބޮޑު ޖަމާޢަތުގައި ކުރުމަކީ ސުންނަތެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ