އިރު އޮއްސެމުން ދިޔަ ވަގުތެވެ. ގަދަ ވައިގެ އަޑު ހުރީ ހިއްޕާލައިފަ އެވެ. ކުޑަ ހިފައިގެން ކާފަ ނުކުތީ އަޅުގަނޑު ގޮވައިގެންނެވެ. ހުޅަނގުން ޖެހެމުން އަންނަ ގަދަ ވަޔާ އެކު ބޯވާރޭގެ ތިކިތައް ކުޑައިގެ ދަށުން މޫނާއި ހަށިގަނޑު ތެމެނީ އެވެ. އަޅުގަނޑުގެ އުމުރުން ވާނީ ހަތެއް ނޫނީ އަށް އަހަރެވެ.
ކުރިމަތީގައި އޮތް ބޮޑު ފަޅުން ގޮނޑުދޮށަށް ޖަހަމުން ދިޔަ ރާޅުތަކުގެ އަޑު ވެސް މަޑެއް ނޫނެވެ. ކާފަގެ މަގުސަދަކީ އެ ވިލާގަނޑުގައި ކެކެމުން ދިޔަ މޫދުގައި އަޅާފައި އޮތް މަސް ދޯނީގެ ހާލަތު ދެނެގަތުމެވެ. ނަގިލި ކަހާލުން ފަދަ ކަމެއް، ވާ ކަނޑައިގެން ދިއުން ފަދަ ކަމެއް، ވެފައި ހުރިތޯ ދެނެގަތުމެވެ.
އިރުކޮޅަކު ބަލަން ހުރެފައި އެކަހަލަ ނުރައްކަލެއް ދޯންޏަށް ނެތްކަން އެނގުމުން ގެއަށް ދާން ހިނގައިގަތެވެ.
އަނެއް ދުވަހު އިރު އެރިއިރު އެ ކޮޅިގަނޑުން ސަލާމަތްވެ، އެ ބޮޑު ފަޅު އޮތީ ހިމޭންވެފަ އެވެ. ނޫ ކުލައިގެ ރީތި މޫދެވެ. ގުދުރަތީ ގޮތުން އަމާން ބަނދަރެކެވެ. ދިއްދޫގައި މީހުން އާބާދުވާން ފެށުމުގެ އަސްލެވެ. އިރުމަތީ ފަރާތުގައި ޒަމާނީ ބަނދަރު ހެދެންދެން ދިއްދޫގެ އޮޑިވެރިން ބޭނުންކުރީ އެ މޫދެވެ. އަހަރަކު އަންނަ މަދު ދުވަސްތަކެއްގައި، އަޅުގަނޑުގެ ހަނދާނުން އަދިވެސް ފިލައިގެން ނުދިޔަ އެ ދުވަސް ފަދަ، މޫސުން ގޯސްވެ ގަދަވިޔަސް، އެ ފަޅަކީ މުޅި ރަށަށް ލިބިފައި އޮތް ގުދުރަތީ އެންމެ ބޮޑު އެއް މުއްސަނދިކަމެވެ. ނަލަ ރީތިކަމެވެ.
ނަަމަވެސް މިއަދު ހއ. ދިއްދޫ ރައްޔިތުން ރަށުގެ ހުޅަނގު ފަރާތަށް ނުކުމެ އުފާކުރަމުން އެ ގެންދަނީ އެ ރީތި ފަޅު އެއްކޮށް ހިއްކާތީ އެކަމަށެވެ. އެއާޕޯޓާއި ދިއްދޫގެ 'ތަރައްގީ'އަށް ބޭނުންވާ ބިންތަކަށް ރަށުގެ ރީތިކަން ގުރުބާންކޮށްލަނީ އެވެ. އެ ފަޅު އެއްކޮށް ހިއްކައިގެން ނޫނީ އެ ތަރައްގީ ނުގެނެވޭނެކަން، ރައްޔިތުންނަށް ވިސްނައިދީގެން ސިޔާސީ ކާމިޔާބީއެއްގެ ޔަގީންކަން ހޯދައިދެނީ އެވެ.
އަޅުގަނޑަކީ ދިއްދުއަށް އުފަން މީހެކެވެ. އެކަމަކު އުމުރުން 10 އަހަރުގައި މާލެ އައި ގޮތަށް މި އުޅެނީ މާލޭގައި ވަޒަންވެރިވެގެންނެވެ. ރަށަށް ނުދާތާ ވެސް އެތައް އަހަރެކެވެ. އެހެންކަމުން ދިއްދުއަށް އަންނަ 'ތަރައްގީ'އާ މެދު މޫސައަށް ދެއްކޭނެ ވާހަކައެއް ނޯންނާނެއޭ، ދިއްދޫގައި ދިރިއުޅޭ މީހުންނަށް ބުނެވިދާނެ އެވެ. ދިއްދޫ ފަޅުގެ ރީތިކަން ވެސް، އެ ފަޅުގެ ފަސޭހަކަން ވެސް ނުވަތަ ވައި ގަދަ، މޫސުން ގޯސް ދުވަސްވަރު އެ ފަޅުގެ ރާޅުތައް ވެސް ތަޖުރިބާކުރަނީ ތިމަންނަމެންނޭ ބުނެ، ރަށުގެ ބިން ހިއްކުމާ 'ކަލޭ ނުބެހި ދުރުގައި ހުންނާށޭ' ވެސް ބުނެފާނެ އެވެ.
އެކަމަކު އަޅުގަނޑަކީ ލިއުންތެރިޔަކަށް ވެފައި، ރާއްޖޭގެ ކޮންމެ ކަމަކާ މެދު ވެސް ލިއުމުގެ ޝައުގުވެރިކަން ހުރެ އެވެ. އެއީ އަޅުގަނޑަށް އޮތް ހައްގެކެވެ. އަޅުގަނޑުގެ މަސައްކަތުގެ ޒިންމާއެކެވެ. އެހެންކަމުން ދިއްދޫގެ ގުދުރަތީ އެ ބޮޑު ނިއުމަތް ތަރައްގީގެ ނަމުގައި ގުރުބާންކުރާ ތަން ބަލަން، އަޅުގަނޑުގެ އިހުސާސްތައް ނުލިޔެ، މި އުޅެނީ ނުހުރެވިގެންނެވެ.
ދިއްދުއަށް އެއާޕޯޓެއް ބޭނުންވެގެން ރައްޔިތުން އެންމެ ބޮޑަށް އުޅެގަތީ ހޯރަފުށީގައި އެއާޕޯޓް އެޅުމުންނެވެ. އެކަމަކު ހޯރަފުއްޓާއި ދިއްދޫ އޮތް ހިސާބުގެ ގޮތުން ހޯރަފުއްޓަށް ބޭނުންވާ އެއާޕޯޓް ދިއްދުއަށް ކޮންމެހެން ބޭނުމެއް ނުވެ އެވެ. ދާދި ފަހުން ބޮޑު ތަރައްގީއެއް ގެނައި ހަނިމާދޫ އެއާޕޯޓާއި ދިއްދުއާ ދެމެދު ކުރާ ލޯންޗު ދަތުރަށް ނަގަނީ، މޫސުން ރަނގަޅު ދުވަހެއް ނަމަ، ގާތްގަނޑަކަށް ވިއްސަކަށް މިނިޓެވެ. މޫސުން ގޯސް ނަމަ، އާއެނކެވެ!، ރާއްޖެއަކީ ކަނޑު ދަތުރުކުރާ ގައުމަކަށް ވާތީ، އުނދަގޫތައް ކުރިމަތިވެ އެވެ.
ހަނިމާދޫ އެއާޕޯޓް އެންމެ ގިނައިން ބޭނުންކުރާ އެއް ބަޔަކީ ދިއްދޫ މީހުންނެވެ. ދެން ދިއްދުއާ ކައިރީގައި އޮންނަ ކެލަ އާއި އުތީމު ފަދަ ރަށްރަށުގެ ރައްޔިތުންނެވެ. އެހެންކަމުން ދިއްދޫގައި އެއާޕޯޓެއް އަޅައިފި ނަމަ ކައިރި އަވަށްޓެރި ރަށްރަށުގެ މީހުން ހިމަނައިގެން، ރާއްޖޭގެ ގިނަ އެއާޕޯޓްތަކަށް ވުރެ ރަނގަޅަށް ދަތުރުތައް ކުރެވޭނެ ތަނަކަށް، ދިއްދޫ އެއާޕޯޓް ވެދާނެ ކަމަށް، ބައެއް މީހުން ދެކެ އެވެ.
އެކަމަކު ގިނަ މީހުންނަށް ނުވިސްނެނީ، ނުވަތަ ވިސްނަން ބޭނުންނުވަނީ، ދިއްދޫގައި އެއާޕޯޓް އަޅަން ވާން ޖެހޭ ގުރުބާނީ އެވެ. އެ ނަޒަރުން ވިސްނުމުގެ ފުރުސަތު ރައްޔިތުންނަށް ނުދެނީ ސިޔާސީ ވެރިންނެވެ.
ރާއްޖެއަކީ ނެދަލެންޑްސްއެއް ނޫނެވެ. ބިން ހިއްކަން ގެންގުޅޭ ބޮޑެތި ބޯޓުފަހަރު އޮޕަރޭޓްކުރާ ނެދަލެންޑްސްގެ ކުންފުނިތަކުން އެހެން ގައުމުތަކުގެ ގުދުރަތީ ރީތިކަން ފުނޑުފުނޑުކޮށްލާއިރު އެ ކުންފުނިތައް ނިސްބަތްވާ ގައުމުގެ ރައްޔިތުން ނުކުމެ ތިބީ ލިބިފައި އޮތް އެއްޗެއް ހިމާޔަތްކުރާށެވެ. މިސާލެއް ދައްކާނަމެވެ.
އެމެޒޯންގެ ވެރިޔާ ޖެފް ބޭޒޯސްގެ އަގުބޮޑު ޔޮޓް، 500 މިލިއަން ޑޮލަރުގެ 'ކޮރު' ބަނދެ، ބާލައިގެން އޭގެ އަޖުމަ ބަލަން ރޭވީ ނެދަލެންޑްސްގެ ތާރީހީ ބިނާއެއް ކަމަށް ބަލަމުން އަންނަ ބްރިޖް، ކޮނިންޝަވަން ބްރިޖް، ރޫޅާލައިގެންނެވެ. ސަބަބަކީ އެ ޔޮޓްގެ ދިގު ކުނބުތަކާ އެކު އެ ބުރިޖްގެ ދަށުން ހުރަސްނުކުރެވޭނެތީ އެވެ. ބްރިޖް ހަދާފައި ހުރީ ވެސް ރޫޅާލައި އަލުން ރާވާލެވޭ ގޮތަށެވެ. އެއީ މިހާރު ބޭނުންކުރާ ބްރިޖެއް ވެސް ނޫންމެ އެވެ. ނަމަވެސް މަހުޖަނެއްގެ ޔޮޓް ކަނޑަށް ނެރެން ބްރިޖް ރޫޅާލަން ރައްޔިތުން ދެކޮޅެވެ. ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އިންޒާރު ދިނެވެ: މިތަނުން ނިކަން ޔޮޓް ނެރެބަލާށެވެ. ކުކުޅު ބިހުން ވެސް ޔޮޓަށް ހަމަލާދޭނަމެވެ.
ރައްޔިތުންގެ އެ ކަންބޮޑުވުމާ އެކު އެންމެ ފަހުން ނިންމީ ބްރިޖް ރޫޅާނުލުމަށެވެ. އެ ޔޮޓް ކަނޑަށް ނެރުނީ، ކުނބުތައް ނުޖަހާ، އެހެން ދިމާލަކުންނެވެ.
އެ ރައްޔިތުން ދެކޮޅަށް ނުކުތީ ލިބިފައި އޮތް ގުދުރަތީ ރީތިކަމެއް ނައްތާލަން އުޅޭތީއެއް ނޫނެވެ. ބޭނުން ވެސް ނުކުރާ އެކަމަކު ތާރީހީ ރަމްޒެއްގެ ގޮތުގައި ބަލާ ބްރިޖެއް ދެތިން ދުވަހަށް ރޫޅާލަން އުޅުމުންނެވެ.
އަޅުގަނޑުމެން ގިނަ ދިވެހިން ރާއްޖޭގެ ގުދުރަތީ ރީތިކަން ދެކެ ލޯތްބެއް ނުވެ އެވެ. ސިޔާސީ ވެރިން އަދި އަމުދުން ލޯތްބެއް ނުހުރެ އެވެ. އެމީހުން ބަލަނީ ރައްޔިތުންގެ ވޯޓު ލިބޭނެ ގޮތެކެވެ. ފަހުގެ ނަތީޖާއަކީ އެ ވޯޓު ނުލިބުން ކަމަށް ވިޔަސް މެ އެވެ. އެހެންކަމުން ދިއްދޫ ކަހަލަ އާބާދީ ބޮޑު ރަށްރަށުގެ ރައްޔިތުންނަށް ވިސްނައިދެނީ، ކީއްކުރާ މޫދެއް ހެއްޔެވެ؟ ހިއްކާލާފައި އެއާޕޯޓެއް އެޅިއްޔާ މާ ރަނގަޅުވާނެ އެވެ. ތަރައްގީއަކީ އެ އެވެ.
ރައްޔިތުން ނުވިސްނާނެ އެވެ. ރައްޔިތުންގެ އެ ހޭލުންތެރިކަމެއް ވެސް ނެތް މެ އެވެ. ރައްޔިތުންނަށް ގަބޫލުކުރެވެނީ، މިވެނި ރަށެއްގައި ހަދައިފިތަ! ތިމަންމެންގެ ރަށުގައި ވެސް ހަދަން ޖެހޭނެ އެވެ. އެވެނި ރަށެއް ހަލާކުކޮށްލުމުން، ތިމަންނަގެ ރަށް ހަލާކުކުރިޔަކަ ނުދޭނަމޭ، ބުނާނެ ދިވެހިންނެއް ނެތެވެ. ހިތާމަހުއްޓެވެ.
ދިއްދޫގައި އަޅުގަނޑަށް ލިބިފައި އޮތް ބިމެއް އޮވެ އެވެ. ބައެއް ރައްޓެހިން މިހާރު ވެސް ބުނެ އެވެ. އެއާޕޯޓާ އެކު ދިއްދޫ ބިމުގެ އަގު މައްޗަށް އަރާނެ އެވެ. ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރެވޭނެ އެވެ.
ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރަން ވިސްނާއިރު ޓޫރިސްޓުންނަށް ދިއްދޫން ދައްކަން އޮތީ ގުދުރަތީ ކޮން ރީތި ކަމެއް ހެއްޔެވެ؟ އެ މީހުން މޫދަށް އެރޭނީ ކޮން ތަނަކަށް ހެއްޔެވެ؟ އެ މީހުން ހިނގާލާފައި ދާނީ ގުދުރަތީ ކޮން ތުނޑިއެއްގައި ހެއްޔެވެ؟
އަނގައެއް އޮތިއްޔާ ވާހަކަ ދެއްކޭނެ އެވެ. ކިތައްމެ ބޮޑު ފޮންޏެއް ވެސް ކަނޑާލެވިދާނެ އެވެ. އެފަދަ ފޮނި ވާހަކަތައް ދައްކާ މީހުންނަށް ބުނެލަމެވެ: ދިއްދޫގެ އެ ރީތި ބޮޑު ފަޅުން އެންމެ ތަންކޮޅެއް ވެސް ނުބާއްވައި، މުޅި މޫދަށް ފަސް އަޅާ ފޮރުވާލުމަކީ، ދިއްދުއަށް އުފަން މީހެއްގެ ގޮތުން، އަޅުގަނޑުގެ ލޮލުން ކަރުނަ އަންނަ ވަރުގެ އަނިޔާއެކެވެ. އެ ފަޅާ ގުޅިފައި ހުރި ކުޑައިރުގެ ހަނދާންތައް އާވާތީއެއް ނޫނެވެ. މުށިމަސްގަނޑުން ފަޅުތެރެ ފުރިފައި އޮންނަ އިރުގެ މަންޒަރުތައް ފެންނާތީއެއް ނޫނެވެ. ކުދި ދޯނިފަހަރުގައިި ފަޅުތެރޭގައި ދުއްވި ދުއްވުމުގެ ތަސްވީރުތައް ކުރެހޭތީއެއް ނޫނެވެ. އެކަމަކު ހަމަ އެ ފަޅުގެ ރީތިކަމާ ހެދި އެވެ. ދިއްދޫގެ ގުދުރަތީ މުއްސަނދިކަމުގެ ބަޔަކަށް އެ ލޮނުގަނޑު ވާތީ އެވެ.
ހިތާމަކުރަމެވެ. ދިއްދޫ ރައްޔިތުންނަށް މިއަދު އޭގެ އަގު ވަޒަނެއް ނުކުރެވެ އެވެ.
އެ މީހުންގެ ލޮލުގައި ސިޔާސީ ވެރިން އަނދުން އަޅުވައިފި އެވެ.
ދިއްދޫ ރައްޔިތުންނަށް އުފާވެރި ދުވަހެއް، އަޅުގަނޑަށް ހިތާމައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ