ރައްޔިތުންގެ ނިންމުން ބަލައިގަތުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި

ދިމިޤްރާޠީ އުޞޫލުން ރައްޔިތުން ބައިވެރިވެ ނިންމި ނިންމުން ބަލައިގަތުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗްއާރުސީއެމުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓު ގުނުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށް ދާއިރު، ދިމިޤްރާޠީ އުޞޫލުން ރައްޔިތުން ބައިވެރިވެ ނިންމި ނިންމުން ބަލައިގަތުމަށް އިލްތިމާސްކޮށްފައެވެ.
އިންތިހާބުގެ ނަތީޖާއަށް އިޙްތިރާމްކޮށް ދެބަސްވުންއޮތް ކަމެއްގައިވެސް އަމާންކަމާއި ސުލްހަވެރިކަން އިސްކޮށް ޤާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ޙައްލުތައް ހޯދުމަށްވެސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވެއެވެ. މިއަދު ކުރިއަށްދިޔަ އިންތިޚާބުގައި 3 ވޯޓެއް ނަގާފައިވެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ތަސްދީގު ކުރުމާ ގުޅޭގޮތުން ނަގާ ވޯޓެކެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،961 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އެއީ ކައުންސިލްގެ މަގާމަށް ކުރިމަތިލެއްވި 1،368 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ 1،593 ކެންޑިޑޭޓުންނެވެ. މި އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ