ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓެއް ނުވަތަ ބިމެއް ލިބުމުން ކުރިން ލިބިފައިވާ ބިމެއް އާއިލާގެ އެހެން މީހަކަށް ދޭން ބޭނުންވާ ނަމަ ބިމެއް ނުވަތަ ފްލެޓެއް ނެތް އާއިލާގެ މީހަކަށް އެކަނި ދެވޭ ގޮތަށް އުސޫލެއް އިއްޔެ އާންމުކޮށްފި އެވެ.
ވީކިހިނެއް؟ - އިއްޔެ ސަރުކާރުގެ ގެޒެޓްގައި ހައުސިން މިނިސްޓްރީން ވަނީ 'ގްރޭޓާ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ދޫކޮށްލުމަށް އެއްބަސްވާ ބިމާއި ފުލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު'ގެ ނަމުގައި އުސޫލެއް އާންމުކޮށްފަ އެވެ.
ތަފްސީލް - އެ އުސޫލުގައިވާ ގޮތުން، ކުރިން ލިބިފައިވާ ބިމެއް އާއިލާ މީހުންގެ ތެރެއިން ބިން ދޫކޮށްލެވޭނެ އާއިލާގެ މީހުންނަކީ:
އުފަން ދަރިއަކަށް
މަންމަ
ބައްޕަ
އަނބިމީހާ/ފިރިމީހާ
އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހުންގެ ތެރެއިން މީހެއް
އާއިލާގައި މިއިން މީހަކު ނެތްނަމަ ސަރުކާރުން ކަނޑައަޅާ މީހަކަށް
އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައިވާ ބިން ނުވަތަ ތަރިކައިންނާއި ވަސިއްޔަތުން ލިބެން އޮންނަ ބިމަކުން ދޫކޮށްލެވެނީ އާއިލާގެ ތެރެއިން ހަމަ މި މީހުންނަށް ކަމަށް އުސޫލުގައިވެ އެވެ.
މިގޮތަށް ބިން ދޫކޮށްލާ އާއިލާ މީހަކީ 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތަކުން އޭނާގެ ނަމުގައި ފްލެޓެއް ނެތް މީހަކަށް ވާން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.
އޭގެ އިތުރުން، ކުރިން ލިބިފައިވާ ފްލެޓެއް ދޫކޮށްލަން ޖެހޭނީ ސަރުކާރުން ކަނޑައަޅާ މީހަކަށް ކަމަށް އެ އުސޫލުގައިވެ އެވެ. އެގޮތުން:
ފްލެޓް ދޫކޮށްލަން ވާނީ ފްލެޓް ހަވާލުކުރެވުނު އިރު ހުރި ގޮތަށް އެކަށީގެންވާ ފެންވަރެއްގައި؛ ތަނުގެ ހާލަތަށް އައި އެކަށޭނަ ބަދަލުތައް ފިޔަވައި އެހެން ގެއްލުންތައް މަރާމާތުކުރުމަށް ފަހުގައި
މިހެން ދޫކޮށްލާ ފްލެޓެއް ވެސް ލިބޭ މީހަކީ 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތަކުން އޭނާގެ ނަމުގައި ފްލެޓެއް ނެތް މީހަކަށް
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓެއް ނުވަތަ ބިމެއް ލިބޭ މީހަކު ކުރިން ލިބިފައިވާ ބިމެއް ނުވަތަ ފްލެޓެއް 5 އަހަރުދުވަހުގެ ތެރޭގައި ދޫކޮށްލަން ޖެހޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.
ދޫކޮށްލާ ބިން ދެވޭނީ ބިމެއް ނުވަތަ ފްލެޓެއް ނެތް އާއިލާ މީހަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ