ތެޔޮ އެތެރެކުރަން 10 ބިލިއަން ރުފިޔާ މިދިޔަ އަހަރު ހޭދަވި؛ "ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން ޖެހޭ"

އެކި ރަށްރަށުގައި ކަރަންޓު ދިނުމަށްޓަކައި ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރަން ދައުލަތުގެ ބަޖެޓުން 10 ބިލިއަން ރުފިޔާ މިދިޔަ އަހަރު ހޭދަވި ކަމަށް، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި، އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ އާންމުގޮތެއްގައި ރާއްޖެއަށް އެތެރެކުރަނީ މެދުއިރުމަތީގެ ގައުމުތަކުންނެވެ. ޚާއްސަކޮށް އޮމާނުންނެވެ. ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޠާރިޤް ވިދާޅުވީ، މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް ތެޔޮ އެތެރެކުރަން 10 ބިލިއަން ރުފިޔާ ހޭދަވި ކަމަށެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 10 އިންސައްތައެވެ. ޠާރިޤް ވިދާޅުވީ، ބޭރުން އެތެރެކުރާ ތެޔޮ މަދުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފްލޯޓިން ސޯލާ ޕެނަލްތައް ހަރުކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށްވާނަމަ، ދެ އަހަރު ދުވަހުތެރޭ އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ޠާރިޤް ވިދާޅުވިއެވެ. ތެލާ ގުޅޭގޮތުން ޠާރިޤް އިތުރަށް ވިދާޅުވީ، ރަށްރަށަށް ކަރަންޓުދިނުމަށް ދުވާލަކު 7،965 ފީފާގެ ތެޔޮ ބޭނުންވާ ކަމަށާއި، އަހަރަކަށް 2.9 މިލިއަން ފީފާގެ ތެޔޮ ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މީހުން ދިރިއުޅޭ ރަށްރަށުގައި 301 މެގަވޮޓުގެ ކެޕޭސިޓީ އެބަހުއްޓެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ކެޕޭސިޓީ ހުރީ މާލެ ސަރަހައްދުގައި ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ރިސޯޓުތަކުގައި 298 މެގަވޮޓު، އަދި ސިނާއީ ރަށްރަށުގައި 30 މެގަވޮޓުގެ ކަރަންޓު ބޭނުންކުރަމުން އަންނަ ކަމަށް، ޠާރިޤް އާންމުކުރެއްވި ތަފާސްހިސާބުތަކުގައިވެއެވެ. ހަމަ އެހެންމެ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭ ޖުމުލަ 115 މެގަވޮޓްގެ ކެޕޭސިޓީ ހިމެނޭ 157 ޖަނަރޭޓު އެކި ރަށްރަށުގައި ބަހައްޓައި، ހަ ރަށެއްގައި އައު އިންޖީނުގެ އިމާރާތްކޮށްފައިވާ ކަމަށްވެސް، އެ ތަފާސްހިސާބުތަކުގައިވެއެވެ. ޠާރިޤް ވިދާޅުވީ އިއާދަކުރުވަނިވި ހަކަތަ މުޅިން ބޭނުންކޮށްގެން ރާއްޖޭގައި ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އަދި ނެތް ކަމަށާއި، ނަމަވެސް ރާއްޖެ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހޭ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ މި ދަނޑިވަޅުގައި ތެލުގެ އަގު އުފުލި ރާއްޖޭގައިވެސް ތެލަށް ކުރާ ޚަރަދު ބޮޑުވެފައިވާއިރު، ސަރުކާރުން ވަނީ ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ ވިސްނުމެއް ނެތް ކަން ހާމަކޮށްފައެވެ. އަދި ތެލުގެ ގައުމީ ރިޒާވެއް ގާއިމްކުރުމަށް ދިރާސާކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްްޒު ވަނީ އިއްޔެ ހާމަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ