ކޯޓުގެ ސާވާ ހަލާކުވެގެން ކަމަށް ބުނެ ބަންދުން ދޫކޮށްލި މީހަކު އަލުން ބަންދަށް

ކޯޓުގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ޝަރީއަތް ލަސްވާތީ ކަމަށް ބުނެ، އާއިލީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލި އަމުރު ބާތިލުކޮށް، އެ މައްސަލާގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރި ކުރުން ހައި ކޯޓުން ދަމަހައްޓައިފި އެވެ. 
ވީ ކިހިނެއް؟ - އެކި ދުވަސްމަތިން އަންހެނުންގެ އާއިލާގެ އުމުރުން 8 އަހަރުގެ ކުޑަކުއްޖެއް ގްރޫމްކޮށް، އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އިބްރާހިމް ހަނީފް ހައްޔަރުކޮށްފައިވަނީ 12 ނޮވެމްބަރު 2024ގަ އެވެ.
އެ މައްސަލާގައި ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވާފާނެތީ އާއި ހެކި ނައްތާލާފާނެ ކަމަށް ފެންނާތީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން، އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެކަމަކު އެ މައްސަލައިގެ ޝަރީއަތްތައް ލަސްވާތީ އާއި އެ ކޯޓުގެ ސާވާ ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ޝަރީއަތް ހިނގުމަށް ދަތިވެފައިވާކަން ފާހަގަކޮށް، އެ މައްސަލަ ހައްލުވަންދެން ބަންދުން ދޫކޮށްލައިދިނުމަށް އިބްރާހިމް ހަނީފްގެ ފަރާތުން އެ މައްސަލަ ބަލަމުންދާ އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި މިދިޔަ ޑިސެމްބަރު މަހު އެދިފައިވެ އެވެ.
އެ އެދުމާ އެއްގޮތަށް އެ ކޯޓުން ވަނީ، ބަންދު މުރާޖައާކޮށް، ބަންދަށް ވަގުތީ ގޮތުން ލުއިދިނުމާ އެކު ޝަރުތުކުރުމަށް ފަހު މިދިޔަ މަހުގެ 21ވަނަ ދުވަހު ދޫކޮށްލާފަ އެވެ.
ތަފްސީލް - މި އަމުރު ޕީޖީން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، އިއްޔެ އެ ކޯޓުން އިއްވި ހުކުމުގައި ބުނީ:
ބަންދުން ދޫކޮށްލިއިރު ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަވެފައިވާ ކަމަށް ބެލެވޭކަށް ނެތް 
ބަންދުން ދޫކޮށްލިއިރު އެ ކޯޓުގެ ސިސްޓަމަށް ދިމާވެފައިވަނީ ކޮން މައްސަލައެއް ކަމެއް އަދި އޭގެ ސަބަބުން ޝަރީއަތް ހިންގުމަށް ދަތިވެފައިވަނީ ކިހިނަކުން ކަމެއް ސާފެއްނޫން
މުޖުތަމައުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ގާނޫނުއަސާސީ ދައްކާ މަގެއް ނޫން
އިބްރާހިމް ހަނީފް އެންމެ ފުރަތަމަ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކާވެދާނެތީ؛ ބަންދު މުރާޖައާ ކުރިއިރު މި ސަބަބަށް އެއްވެސް ވަރަކަށް ބަލާފައެއް ނުވޭ
އެހެންކަމުން ހަމައެކަނި ސިސްޓަމަށް މައްސަލައެއް ދިމާވި ކަމަށް ބުނެ ފާހަގަކުރި މި ސަބަބަކީ ބަންދަށް ލުޔެއް ދިނުމަށް ބެލިދާނެ ހާލަތެެއް ނޫން
އިބްރާހިމް ހަނީފްގެ މައްޗަށް ހުށަހެޅި ކުރިއަށްދާ ދައުވާތަކުގެ ތެރޭގައި އޭނާގެ އާއިލީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމާ ގުޅޭ ދައުވާއެއް ހިމެނޭއިރު މިފަދަ މައްސަލަތަކުގައި މުޖުތަމައުގައި ދިރިއުޅޭ އެންމެހާ ކުޑަކުދިންގެ މަސްލަހަތައް ބަލަންޖެހޭ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުން ކުޑަކުދިންނަށް ރައްކާތެރިކަންދީ އެ ރައްކާތެރިކަން ދެމެހެއްޓުމަށް އިސްކަންދޭންޖެހޭ
"އެހެންކަމުން، ކޯޓުގެ އިދާރީ ކަންބޮޑުވުންތަކާއި އިދާރީ ގިންޖެހުންތަކާއި ކޯޓުތަކުގެ ދާހިލީ މައްސަލަތައް ފާހަގަކޮށް އިބްެރާހިމް ހަނީފު ޝަރުތުކޮށް ބަންދުން ދޫކޮށްލަން ނިންމީ ބަންދު މުރާޖައާކުރުމުގައި އެ ގާނޫނުގައި ކަނޑައަޅައި ބަޔާންކުރާ އިޖުރާއަތުތަކާއި ހިލާފަށް ކަމަށް އަހުރެން ދެކެމެވެ،" މި މައްސަލަ ހައި ކޯޓުގައި ބެެއްލެވި ރިޔާސަތު ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ ރައުޔުގައިވެ އެވެ.
މި ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ތާއީދުކުރެއްވުމުން، މި މައްސަލާގައި އިއްވި ހުކުމްގައި ވަނީ، އޭނާ ބަންދުން ދޫކޮށްލަންކުރި އަމުރު ބާތިލުކޮށްފަ އެވެ. އަދި އޭގެ ކުރިން އެ މައްސަލަ ބަލަމުންދާ މެޖިސްޓްރޭޓް ކޯޓުން މީގެ ކުރިން ނެރެފައިވާ ޝަރީއަތް ނިމެންދެން ބަންދުކުުރުމުގެ އަމުރު ދެމިއޮންނާނެ ކަމަށް ކަނޑައަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ