ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ހިންގާ މީހުންނަށް ފިޔަވަޅު އަޅަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިިލިސް މިއަހަރަށް ހުޅުވައިދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ސަރުކާރުން ކޮރަޕްޝަން ނައްތާލުމުގައި ގިނަގުނަ މަސައްކަތްކުރަމުންދާ ކަމަށާއި އެ ގޮތުން ކަމާގުޅޭ ބިލުތައް މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށްޓަކައި ތައްޔާރުވަމުންދާ ކަމަށެވެ. މިގޮތުން، އެންޓި-ކޮރަޕްޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، އެސެޓް ރިކަވަރީއާބެހޭ ބިލާއި، ޖިނާއީ އިޖުރާތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ބިލުތަކުގެ އިތުރުން މަޖިލީހުގެ ކޮމިޓީ މަރުޙަލާގައިވާ ޤާނޫނުލްޢުޤޫބާތު ގައި ނުޙައްޤު މުއްސަނދިކަމުގެ ކުށާގުޅޭ އިޞްލާޙު ގެނައުމުގެ ބިލާއި، ހެއްކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްވުމުން މިބޮޑު މައްސަލައަށް ޙައްލެއް ގެނައުމުގައި ގިނަގުނަ ކުރިއެރުން ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންނަށް އަޅުގަނޑު ދޭ ޔަޤީން ކަމަކީ، ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ހިންގާ އެއްވެސް ފަރާތެއްގެ މައްސަލަ، އެ މައްސަލައިގެ ހެއްކާއެކު އަޅުގަނޑާ ހަމަޔަށް ގެނެސްފިނަމަ، އެ ފަރާތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި އަޅުގަނޑު ކުޑަކޮށްވެސް ފަސް ނުޖެހޭނެކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ދައުލަތުގެ ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒް ކޮށް ނިމުމުން ކޮރަޕްޝަންގެ ވަބާ ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ވަރަށްބޮޑަށް ނެތިގެންދާނޭ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ކޮރަޕްޝަނާއި ވައްކަން ކުރާ މީހުންނަށް ފިޔަވަޅު އަޅާނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ