ތަލްބީނާ: ސުންނަތުން ސާބިތުވާ ހިތްހަމަޖެހުން ދެނިވި ކެއުމެއް

ތަލްބީނާ އަކީ ބާރުލީ ހިމުންކޮށް މުގުރާލުމަށްފަހު، ކިރާއި މާމުއި އެއްކޮށްގެން ތައްޔާރުކުރާ ކެއުމެކެވެ. މިއީ ހިތާމަތަކާއި ހިތްދަތިކަން ކުރިމަތިވާ ހިނދު، ހިތަށް ލުއިކަން ހޯދައިދިނުމަށް ބޭނުންކުރުމަށް ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އިރުޝާދު ދެއްވާފައިވާ ކެއުމެކެވެ. ސިއްހީ ގޮތުން ބަލާއިރު، ތަލްބީނާއަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ގިނަގުނަ މާއްދާތަކުން މުއްސަނދިވެފައިވާ، ބަލިތަކުން ރައްކާތެރިކޮށްދޭ ފައިދާހުރި ކެއުމެކެވެ. އާންމުކޮށް ތަލްބީނާ ބޭނުން ކުރުމަކީ ބަނޑާއި ގޮހޮރުގެ ދުޅަހެޔޮކަން ދަމަހައްޓައި، ނަފުސާނީ އުނދަގޫތަކާއި، ހަކުރުބައްޔާއި، ދުޅަވުން، އަދި ކޮލެސްޓްރޯލް މަތިވުން ފަދަ ކަންކަމުން ދުރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން، މިއީ ހަށިގަނޑުގެ ސެލްތަކަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދީ، ވިހަ މާއްދާތައް ނައްތާލުމަށް އެހީތެރިވެދޭ އެންމެ ފައިދާހުރި އެއް ކެއުމެވެ. ތަލްބީނާގެ ތާރީޚަށް ބަލާލާއިރު ޢާއިޝާ (ރަޟިޔަﷲ ޢަންހާ) ހިތާމަތަކާއި ކުރިމަތިލާންޖެހޭ މީހުންނަށާއި، ގާތް މީހަކު މަރުވުމުން ލިބޭ ހިތްދަތިކަން ކުޑަ ކުރުމަށް ތަލްބީނާ ބޭނުން ކުރުމަށް އިރުޝާދު ދެއްވައެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ: "ތަލްބީނާއަކީ ބަލިމީހާގެ ހިތަށް އަރާމުދީ، ހިތާމަތަކުން ލުއިކަން ހޯދައިދޭ އެއްޗެއް ކަމަށް ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘް ކުރައްވަނިކޮށް ތިމަން ކަމަނާ އެއްސެވީމެވެ" ތަލްބީނާ އަކީ ރޫހާނީ ގޮތުން ތިމާގެ ސިއްހަތަށް ނުހަނު ފައިދާކުރާ ކެއުމުގެ ބާވަތެއް--ފޮޓޯ/އެރެބްނިއުސް ތަލްބީނާއަކީ ކިރާއި މާމުއި އެއްކޮށްގެން ކައްކާފައިވާ 'ޕޮރިޖް'އެއް ގޮތަށް ހުންނަ ބާވަތެކެވެ. މިއީ ހަށިގަނޑަށް ބޭނުންވާ މައިކްރޯ އަދި މެކްރޯ ނިއުޓްރިއަންޓްސް އިން މުއްސަނދިވެފައިވާ ކެއުމެކެވެ. އޭގައި ހިމެނޭ މެގްނީޒިއަމް، މެންގަނީޒް، ފޮސްފަރަސް، އަދި ސެލެނިއަމް ފަދަ މާއްދާތަކަކީ ހަށިގަނޑުގެ މަސައްކަތްތައް ފުރިހަމައަށް ބެހެއްޓުމަށް ކޮންމެހެން ބޭނުންތެރި މާއްދާތަކެވެ. ތިރީސް އަހަރަށްވުރެ ދިގު މުއްދަތަކަށް ކްލިނިކަލް ނިއުޓްރިޝަނިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ ކެރެލާގެ ޑރ.މުމްތާޒް ޚާލިދު އިސްމާޢީލް ވިދާޅުވެފައިވާ ގޮތުގައި ތަލްބީނާ އަކީ ހީވެސް ނުކުރާ މިންވަރަށް ހަށިގަނޑަށް އެއިން ފައިދާތަކެއް ލިއްބައިދޭ ބާވަތެކެވެ. ތަލްބީނާއިން ހަށިގަނޑަށް ލިބިދޭ ސިއްހީ ފައިދާތަކުގެތެރޭ ހަޖަމުކުރުމުގެ ނިޒާމު ވަރުގަދަކޮށްދިނުން، ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުން، ހަކުރު ކޮންޓްރޯލް ކުރުން، ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ނަފުސާނީ ދުޅަހެޔޮކަން އިތުރުކޮށްދީ ހިތަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދީ ލިބިފައިވާ މާޔޫސްކަން ފިލުވައިދިނުމަށް އެހީތެރިވެދިނުން ހިމެނެއެވެ. ތަލްބީނާއަކީ ހަމައެކަނި ކެއުމެއް ނޫނެވެ. އެއީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮކަން ގެނެސްދޭ، ބަރަކާތްތެރި ފަރުވާއެކެވެ. އެހެންކަމުން ތަފާތު ބަލިތަކުން ރައްކާތެރިވުމަށާއި ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށް ތަލްބީނާ ބޭނުންކުރުމަކީ ސިއްހީ މާހިރުންވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމެކެވެ. ތަލްބީނާ ތައްޔާރުކޮށްލަން ބޭނުންވާނެ ތަކެތި: 3 ޖޯޑު ފުލް ކްރީމް ކިރު 6 މޭޒުމަތީ ސަމުސާ ބާރުލީ ފުށް ކަދުރު އާމަންޑް ކެޝޫނަޓް މާމުއި ތައްޔާރުކުރާނެ ގޮތް: ކުޑަ ތެއްޔެއްގައި ބާރުލީ ފުށް ހިމުންކޮށް ފުނޑާލުމަށްފަހު ރޯފިލަންދެން ކައްކާށެވެ. ދެން އޭގެ ތެރެއަށް ކިރު އަޅާފައި މަޑު ގިނީގައި އޮލަވަންދެން ކައްކާށެވެ. އުނދުން ނިއްވާލުމަށްފަހު ކަދުރު، އާމަންޑް، ކެޝޫނަޓް އަދި މާމުއި ބޭނުންކޮށްގެން ގާނިޝްކޮށްލާށެވެ. މި ކެއުން ބޮޑަށް ރަނގަޅީ ހޫނުކަންމަތީ ހުއްޓާ ކެއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ