އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްނުދާތީ އެމްޑީޕީން ހުށަހެޅި މައްސަލަ ހޯމަދު ސުޕްރީމް ކޯޓުގައި ފަށާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްނުގޮސް މަޑުޖެހުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފއިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ހޯމަދުވަހުގައި އެ ކޯޓުން ފަށާނެއެވެ.
އަވަހަށް ގޮތެއް ކަނޑައަޅަންޖެހޭ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާކުރި ޖަލްސާ ކުރިއަށްނުގެންދެވި މަޑުޖެހުމުންނެވެ.
މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންވާނީ މަޖިލީހުގެ ނައިބުރައީސް ކަމަށެވެ. އެ މާއްދާގެ މައްޗަށް ބިނާކޮށް މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ މަޖިލީހުގެ ނައިބުރައީސް ނޫން އެހެން ބޭފުޅަކަށް މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެމްޑީޕީން ބުނެފައިވަނީ މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސްގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އޮންނަ ޖަލްސާގައި، މަޖިލީހުގައި އެންމެ ދުވަސްވީ 5 މެންބަރުން ކުރެ ބޭފުޅަކަށް ރިޔާސަތު ބެލެހެއްޓެވޭނެ ކަމަށެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ އަންނަ ހަފުތާގެ ހޯމަދުވަހުއެވެ. އެ ދުވަހަށް އަޑުއެހުން ތާވަލުކޮށް ސުޕްރީމް ކޯޓުންވަނީ އެމްޑީޕީއަށާއި، މަޖިލީހުގެ އިދާރާއަށްވެސް ޗިޓު ފޮނުވާފައެވެ.
ނިމުނު އާދީއްތަ ދުވަހަށް މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ތާވަލުކުރި ނަމަވެސް އެ ދުވަހު އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲއަށް މަޖިލީހަށް ވަޑައިނުގެންނެވުނެވެ. ނަތީޖާއެއްގެ ގޮތުން އެ ދުވަހުގެ ޖަލްސާ ކެންސަލްކޮށްފައިވެއެވެ. އޭގެ ފަހުން އެ މައްސަލަ ތާވަލުކުރި ހުރިހާ ޖަލްސާއެއްވެސް މިހާތަނަށް އީވާގެ އާލާސްކަންފުޅު ރަނގަޅުނުވާތީ ކެންސަލްވެފައިވެއެވެ.
އެ މައްސަލަ ކުރިއަށްނުގެންދެވުމުން އެމްޑީޕީންވަނީ މަޖިލީހުގެ އިތުރު މަސައްކަތެއް ކުރިޔަނުދޭން ނިންމައި، މަޖިލީހުގެ ޖަލްސާތަކުގައި ހަމަނުޖެހުން ހިންގައި އަޑުގަދަކޮށް މަޖިލީހުގެ ރިޔާސަތަށް ހުރަސްއަޅާފައެވެ. އަދި އިންތިޚާބީ ރައީސްގެ ހުވައި ބަލައިނުގަނެ އެމަނިކުފާނުގެ ކެބިނެޓަށްވެސް ރުހުން ނުދޭނެކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ