ހުޅަނގު އައްސޭރީގެ އުދުވާނު ހުއްޓައެއްނުލާ، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 8 މީހުން ޝަހީދު

ޣައްޒާގައި ހިންގަމުން ގެންދިޔަ އުދުވާނުތައް މަޑުޖައްސާލި ނަމަވެސް، ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރަށްތަކުގައި ހިންގާ ޖަރީމާތައް ހުއްޓާނުލާ ކުރިއަށް އެބަގެންދެއެވެ.
ފަލަސްތީނު ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް، ހުޅަނގު އައްސޭރީގެ ރަށްތަކުގައި ބަޑިޖަހައި ފަލަސްތީނުގެ 8 މީހުން ޝަހީދުކޮށް، އެތައް ބަޔަކު ޒަޚަމްކޮށްލާފައިވާ ކަމަށެވެ.
ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވަނީ، ޖެނީންއާއި، ނާބުލުސްއާއި، އަލްބައިރީއާއި، ޤަބަތިޔާއިންނެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފައިވަނީ، ގެތައް ރެއިޑްކޮށް ޒަޚަމްކޮށްލި ބައެއް މީހުންނަށް ފަރުވާދޭން ގާތްވިޔަ ދިނީވެސް، ޒަޚަމްވެ އެތައް އިރަކު އޮތުމަށްފަހު މަރުވިފަހުން ކަމަށެވެ.
އިސްރާއީލުގެ ޓެރަރިސްޓު ސިފައިން މިހާރުވެސް ތިބީ ޖެނީން ރެފިއުޖީ ކޭމްޕްގެ މައި ދެ ހޮސްޕިޓަލް ހިސާރުކޮށްގެންނެވެ.
އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޓޭންކާއި، އެނޫންވެސް ބަރު ހަތިޔާރާއެކު ފަލަސްތީނުގެ ރަށްތަކާއި ގެތައް ރެއިޑްކުރަމުން އެބަގެންދެއެވެ.
ރަށްތަކަށް ވަދެގަންނަން އިސްރާއީލު ސިފައިންނަށާއި، އެމީހުންގެ ވެހިކަލްތަކަށް ފަލަސްތީނުގެ ޒުވާނުންވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ.
އޮކްޓޫބަރުމަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ރަށްތަކުގައި ބަޑިޖަހައި މިހާތަނަށް ފަލަސްތީނުގެ 237 މީހުން ޝަހީދުކޮށްލާފައި ވެއެވެ.
އަދި އެތައްހާސް ޒުވާނުން ހައްޔަރުކޮށް، ހުޅަނގު އައްސޭރީގެ ގެތަކާއި އެތައް އިމާރާތެއް ހަލާކުކޮށް އަދި ބުލްޑޯޒަރު ބޭނުންކޮށްގެން މަގުތައްވެސް ހަލާކުކޮށްލާފައި ވެއެވެ.
އިސްރާއީލު ސިފައިންގެ އިތުރުން، ޔަހޫދީ ޓެރަރިސްޓު ވަޒަންވެރިންވެސް ހަތިޔާރާއެކު ރަށުތެރެއަށް ނުކުމެ ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށް، ގެދޮރަށާއި، މުދަލަށް ބޮޑެތި ގެއްލުންތައް ދެމުން ގެންދެއެވެ.
ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުން މިއަދު ބުނެފައިވަނީ، އިސްރާއީލުގެ ބޭނުމަކީ ހުޅަނގު އައްސޭރީގެ ރަށްތަކުންވެސް ފަލަސްތީނުގެ ރައްޔިތުން ނައްތާލައި، އިސްރާއީލުގެ އާބަދީތައް ހެދުން ފުޅާކުރުން ކަމަށެވެ. އިސްރާއީލުން މިހާރު ކުރަމުންދާ ހަނގުރާމައިގެ ބޭނުމަކީވެސް އެއީ ކަމަށް ބުނެފައި ވެއެވެ.
އިސްލާމިކް ޖިހާދު ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުން ކުރާ ހަނގުރާމައާ ހުރިހާ ދިމާއަކުންވެސް ކުރިމަތިލާނެ ކަމަށާއި، ފަލަސްތީނު ރައްޔިތުން އަމާން ނުދޭނެ ކަމަށެވެ.
ފަލަސްތީނު ރައްޔިތުންނަށް ލިބިފައިވާ ހުރިހާ ވަސީލަތެއްގެ ބޭނުންކޮށްގެން އިސްރާއީލުން ހިންގާ ޓެރަރިޒަމާ ދެކޮޅަށް ޖިހާދު ކުރާނެ ކަމަށްވެސް އިސްލާމިކް ޖިހާދުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ