ނިޔާ އުރީދޫގައި 20 އަހަރު؛ ޖެން ޒީންއަށް މި ކިޔައިދެނީ ސިއްރު

އޭނާ އެންމެ ފުރަތަމަ ނުކުތީ ގައުމަށް ހިދުމަތް ކުރަން ސިފައިންގެ މީހެއްގެ ގޮތުގަ އެވެ. އެކަމަކު ބަޑި ހިފައި ގެނެއް ނޫނެވެ. އޭނާ ގައުމީ ހިދުމަތާ ގުޅުނީ ކުރާ ހިތްވާ ދާއިރާއަކުން ގައުމަށް ހިދުމަތް ކުރުމުގެ އަޒުމުގަ އެވެ. އެ ފުރުސަތު ހޯދާށެވެ. 
އެހެންވެ، ސިފައިންގެ މީހެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރީ ވޯކީޓޯކީ އާއި މުވާސަލާތީ އެކި އެކި ވަސީލަތްތައް މަރާމާތުކުރާ ސިފައިންގެ ޔުނިޓް، އޭރިއަލްސް ޑިޕާޓްމަންޓުގެ ޓެކްނީޝަނެއްގެ ގޮތުގަ އެވެ. 
މިއީ އުރީދޫގެ މިހާރުގެ ޗީފް ކޮމާޝަލް އޮފިސާ (ސީސީއޯ)، ހުސެއިން ނިޔާޒު (ނިޔާ)ގެ ވާހަކަ އެވެ. އުރީދޫން ރާއްޖޭގައި ހިދުމަތް ދޭތާ މިއަހަރަށް 20 އަހަރުވީއިރު ނިޔާޒުގެ އުރީދޫގެ ހިދުމަތަށް ވެސް 20 އަހަރުވެއްޖެ އެވެ. މިއީ އެއް ތަނެއްގައި މީހަކު ވަޒީފާގައި އުޅެން ލައްކަ ޒަމާނެވެ. 
"އޭރު ސިފައިންގޭގައި އުޅުނު އަޅުގަނޑާއި ރަށްޓެއްސަކާ ނިންމީ ސިފައިން ގޭގައި މިހާރު މާ ގިނަ ދުވަސް ވެއްޖޭ. ހިނގާށޭ ބަދަލުކޮށްލަން. ޓެކްނޮލޮޖީގެ ކެރިއާގައި ހިނގާށޭ އެހެން ދިމާލަކަށް ދާން. އޭރު ވަތަނިއްޔާ ރާއްޖެ އަންނަ ހަބަރު ނޫސްތަކުން ފެނިގެން އެޕްލައިކުރީ ދެ މީހުން. އެޕްލައިކޮށްލާ އިރަށް ފަސޭހައިން ލިބިއްޖެ،" 12 އަހަރަށް ފަހު ސިފައިންގެ ހިދުމަތާ އަލްވަދާއު ކިޔައި އޭރުގެ ވަތަނިއްޔާ މިހާރުގެ އުރީދޫއާ ގުޅުނު ގޮތް ނިޔާޒު ކިޔައިދިނެވެ. 
ކުޑައިރުއްސުރެ ވެސް އޭނާގެ ޝައުގުވެރިކަން އޮތީ ޓެކްނޮލޮޖީ ނުވަތަ ޓެކް ދާއިރާއަށެވެ. އޭނާގެ ބައްޕައަކީ ކަރަންޓް އެކި ސާމާނު މަރާމާތުކުރި މީހަކަށް ވުމުން އޭނާއަށް ދަސްވީ ވެސް އެ ދާއިރާގެ މަސައްކަތްތަކެވެ. ކުޑައިރުއްސުރެ އެ ދާއިރާއަށް ހިތުގައި ހާއްސަ ލޯތްބެއް އުފެދުނީ އެވެ. ސިފައިންގެ މީހެއްގެ ގޮތުގައި ވެސް އެ ދާއިރާއިން އޭނާ ގައުމަށް ހިދުމަތްކުރަން ފެށީ ވެސް އެހެންވެ އެވެ.
އުރީދޫއާ އެކު މުޅިން އާ މަސައްކަތުގެ މާހައުލަކަށް ބަދަލުވީ ނަމަވެސް ބަދަލުނުވި އެއްކަމަކީ އޭނާ ކުރާ ހިތްވާ މަސައްކަތާ ދުރަށް ނުދިޔުމެވެ. ވަތަނިއްޔާގެ ވަޒީފާ ވެސް އޭނާ ފެށީ ޓެކްނީޝަނަކާ ހަމައިންނެވެ. 
"ބައްޕައަކީ ޓީވީ، ރޭޑިއޯ ކަހަލަ އިލެކްޓްރޯނިކްސް ސާމާނު މަރާމާތުކޮށް ހަދާ މީހެއް. ދެން ކުޑައިރު ބައްޕަ ކައިރީ ތިބެން މޭޒު ކައިރީ ކަނެއްގައި އެ މަސައްކަތް ކުރާތަން ބަލަން. ދެން އޭރު ލިބޭނީ ބެޓެރި އެއްޗެއް ކުޅެލަން ވެސް، ބައްޕަ އަތަށް ލައިދޭނެ. އެ ހިސާބުން ޓެކް ކަންކަމަށް ޝައުގުވެރިކަން އުފެދުނީ،" ނިޔާޒު ވިދާޅުވި އެވެ. 
"ކުޑައިރުއްސުރެ ވެސް އުފެދުނު ޕެޝަންއެއް މިއީ ޓެކް ދާއިރާއަށް. އެހެންވެ، އެ ދާއިރާއާ ދުރަށް ނުދަން ކޮންމެ ތާކު ހިދުމަތް ކުރިއަސް." 
ނިޔާޒު ގަބޫލުކުރައްވާ ގޮތުގައި އުރީދޫއާ އެކު 20 އަހަރު ދެމި ހުރެވުމުގެ ސިއްރަކީ އޭނާގެ ޝައުގުވެރިކަން އޮތް ދާއިރާގައި މަސައްކަތް ކުރަން ލިބިފައި މިވާ ފުރުސަތެވެ. މިޒަމާނުގައި، ހާއްސަކޮށް ޒުވާނުންނަށް ގިނަ ދުވަހު އެއްތަނެއްގައި ވަޒީފާއެއްގައި އުޅެވުމަކީ އާދަޔާހިލާފު ކަމެކެވެ.
އެކަމުގެ ސިއްރު ނިޔާޒު ކިޔައިދެއްވި އެވެ. 
"ކެރިއާއެއް ބިލްޑްކުރަން ވިސްނަންވީ. އެ ވިޝަން އޮންނަންވީ. ވަޒީފާއަކީ އަސްލު ވަޒީފާއެއްގެ ގޮތުގައެއް ނޫން ބަލަންވީ. ބަލަނީ މިއީ ޕެޝަންއެއްގެ ގޮތުގައި. ހޮބީއެއްގެ ގޮތުގައި ވަޒީފާ ނަގަނީ. ބައްޕަ ކައިރިން މި އުފެދިގެން އައި ޓެކްނޮލޮޖީ މިއީ ޕެޝަން،" ނިޔާޒު ވިދާޅުވި އެވެ.
"އޭގެ ތެރެއިން ވަޒީފާ ވެސް މި އަންނަނީ. ޓެކްނޮލޮޖީ ވަޒީފާގެ ތެރޭގައި ހުރިހާ ކަމެއް ބިލްޑްވަމުން މިއައީ. ކުރާ ހިތްވާ ކަމަކަށް ވަޒީފާ ބައްޓަން ކުރީމާ ހުރިހާ ކަމެއް ވެސް ރަނގަޅަށް ދާނީ. އުނދަގޫ ކަމަކަށް ނުވާނެ."
އުރީދޫގައި އޭނާ ކުރަމުން މިދާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ދަތުރުގައި އޭނާ ހުރީ ހިތްހަމަ ޖެހިގެންނެވެ. ފަހުރުވެރިވެފަ އެވެ.
އުރީދޫ އަކީ ރާއްޖޭގެ ބޮޑު ޓެލެކޮމިޔުނިކޭޝަން ކުންފުންޏަކަށް ހެދުމުގައި އޭނާއަށް އަދާކުރެވުނު ދައުރު ބޮޑެވެ. ދަތި އުނދަގުލުގައި ދިގު ދަތުރުތައްކޮށް އަތްވާއި ވާރޭގައި ކުރި މަސައްކަތުން އުރީދޫއަކީ ދިވެހިން ބިނާކުރި ވަރުގަދަ ނެޓްވޯކަކަަށް ވަނީ ވެފަ އެވެ. ނިޔާޒު ވިދާޅުވި ގޮތުގައި އެއީ ކަމަށް ކަމޭ ހިތައިގެން ހިތްވަރު ދޫނުކޮށް ކުރި މަސައްކަތުގެ ފޮނި ނަތީޖާ އެވެ. 
ނިޔާޒުމެން އެ މަސައްކަތް ކުރި ޒަމާނުގައި ކަންކަން ވަރަށް ތަފާތެވެ. ގިނަ ރަށްރަށުގައި އެކަށީގެންވާ ބަނދަރެއް ވަސީލަތްތަކެއް ނެތެވެ. ހުރިހާ ކަމެއް ކުރަން ޖެހުނީ ވަރަށް ބުރަ އާއި ދަތީގަ އެވެ. އެކަމަކު، އެ ހުރިހާ ކަމެއް ހުރަސްކޮށް ކާމިޔާބު ހޯދި އެވެ. ނިޔާޒުއަށް މިއަދު އޭނާގެ ހަޔާތުގައި ހަމަ ނޭވާއަށް ލައިގެން އެ ހުރެވެނީ އެ މަސައްކަތުގެ ނަތީޖާއިންނެވެ. 
"އަޅުގަނޑުުމެން ގިވް އަޕެއް ނުކުރަން. ދުލެއް ނުކުރަން. ސުނާމީ އަރައިގެން ދެވަނައަށް ވީ މަހު އަޅުގަނޑުމެންނަށް ލައިސަންސް ދީފައި އިނީ ހަ މަސް ތެރޭ މުޅި ރާއްޖެ ކަވާކުރަން. ކުރިން ތިބި އޮޕަރޭޓަރުންނަށް އެކަން ކުރެވިފަ ވެސް ނެތް. ވަރަށް ދަތިހާލުގައި އެކަން ކުރަން ޖެހުނީ. ރަށްރަށުގައި އޭރު ހާލަތު ވަރަށް ދަށްކޮށް އޮތީ. އޭރުގައި ގެސްޓްހައުސްތަކާއި ބަނދަރާ މިކަހަލަ ކަންކަން ވެސް ނުހުރޭ. ޓަވަރުތަކާ އެއްޗެހި ބާލަން މި ޖެހުނީ ހަމަ މޫދަށް. މޫދަށް ބާލާފައި އަތިރިމަތިން ވާގަނޑު ޖަހައިގެން ގެންދަން ޖެހެނީ. އޭރު ޕިކަޕްތަކާއި ހެވީ ވެހިކަލްތައް ރަށު ޕިކަޕްތަކާ މިހަލަ އެއްޗިއްސެއް ނުހުރޭ، ދަމާގާޑިޔާ ހުންނަނީ،" ނިޔާޒު ވިދާޅުވި އެވެ. 
"ޓަވަރުތަކުގައި ދެން އަޅުގަނޑުމެން އެންޓަނާތައް ޖަހަން ވެސް ބޭނުން ކުރަނީ ދޯނި އެހެލާ ވިންޗް. ރަށު ރައްޔިތުން ނިކުންނާނެ އަޅުގަނޑުމެންނާ އެކު ވަލަށް ދަމާނެ ޓަވަރުތަކަށް އެއްޗެހި އަރުވަން ދޯނި ދަމާހެން. ކަވަރޭޖާ އެއްޗެހި އަންނާތީ ވަރަށް ފޯރީގައި އެކަން ކުރީ. އެ އެޗެލެންޖުތަކުގައި މި ހިސާބަށް އައިސްފައި މިހުރީ. މިއީ ދިވެހިން ބިލްޑްކުރި ނެޓްވޯކެއް. އެކަމާ ވަރަށް ފަހުރުވެރިވޭ." 
އެ ބުރަ މަސައްކަތަށް ފަހު ދެން ވެސް ކުރިމަތިވީ ކުޑަ ގޮންޖެހުމެއް ނޫނެވެ. ވަތަނިއްޔާއަށް ތިކަމެއް ނުވާނެއޭ ކިޔާ މީހުން ފަތުރަމުން ދިޔަ ވާހަކަތަކެވެ. އެކަމަކު އެ ހުރިހާ ވާހަކަތަކަށް އޭނާ ރައްދު ދިނީ މާޔޫސްނުވެ ބުރަ މަސައްކަތްކޮށް ނަތީޖާ ނެރެގެންނެވެ. 
"ވަތަނިއްޔާ ޒަމާނުގައި 2-3 އަހަރު ވީއިރުގައި ވަރަށް ގިނަ މީހުން އަޅުގަނޑުގެ ރަށްޓެހިން ވެސް ބުނި ވަތަނިއްޔާއެއް މިހާރު ތި މީހުން ތިއުޅޭ ގޮތުން ނޯންނާނޭ މާ ގިނަ ދުވަހަކު. ވަރަށް އަވަހަށް ދާނޭ. އެކަމަކު އަޅުގަނޑުމެން މިހާރު މިތިބީ ވަރަށް ކުރީގައި. ރާއްޖޭގެ އެންމެ ގުނާލެވޭ، އެންމެ ވަރުގަދަ ޓެކްނޮލޮޖީ ކުންފުނިތަކުގެ ގޮތުގައި އަޅުގަނޑުމެން މިތިބީ،" ނިޔާޒު ވިދާޅުވި އެވެ.
"މިއީ ހިތްވަރު ދޫކޮށްނުލާ ޕެޝަންގައި ކުރި މަސައްކަތުގެ ނަތީޖާ. އެއް ފަހަރު ވެސް ގިވަޕެއް ނުކުރަން." 
ނިޔާޒު އުރީދޫގައި މިހާރު ހުރި މަގާމަށް އައީ ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުންނެވެ. އެއް ދުވަހަކުން މިހާރު އެ ހުރި މާގާމަށް ރާސްލާފައި އޭނާ އައީއެއް ނޫނެވެ. އުރީދޫގެ އެކި މަގާމުތަކުގައި އޭނާ ވަނީ ހިދުމަތް ކުރައްވައި ތަޖުރިބާ ހޯއްދަވައިފަ އެވެ. 
ނިޔާޒު ވިދާޅުވީ އޭނާއަށް މައްޗަށް އައުމުގެ ފުރުސަތު ލިބުނީ އުރިދޫއަށް ހިދުމަތް ކުރާތާ ނުވަ އަހަރު ފަހުން ސީއީއޯއަކަށް ވަޑައިގެން ވިކްރަމަ ސިންހަ ދެއްވި ފުރުސަތެއްގައި ކަމަށެވެ. އެގޮތުން، އޭނާއާ އެންމެ ފުރަތަމަ ހަވާލުކުރީ ހެޑް އޮފް ސޭލްސްގެ މަގާމެވެ. އަހަރުތަކަށް ފަހު މިހާރު ހުރި ސީސީއޯގެ މަގާމެވެ. 
"ވިންކުރަމަ ސިންހަ އޭރު އައިސްފައި ބޭނުންވީ ޓެކްނިކަލް ލެންގުއޭޖް އެނގޭ މީހަކު ކޮމާޝަލްއަށް އަންނަން. އެއީ ކަސްޓަމަރުން ކައިރިއަށް ގޮސް މިއޭ މީގައި ޓެކްނިކަލީ ވާ ގޮތަކީ ކިޔައިދީ ހެދޭނެ ވަރު މީހެއް. އެ ހިސާބުން ކޮމާޝަލްއަށް އަޅުގަނޑު ބަދަލުވީ އެ ބޭފުޅާގެ އެދުމަކަށް،" ނިޔާޒު ވިދާޅުވި އެވެ. 
އެއް ކުންފުންޏެއްގައި 20 އަހަރު ހުރެ ނިޔާޒު ކުރަމުން އަންނަ ހިދުމަތަކީ މަސައްކަތުގެ މާހައުލަށް ނިކުންނަން ތިބި އާ ޖީލުގެ ޒުވާނުން ނުވަތަ ޖެން ޒީންނަށް ފިލާވަޅެކެވެ. އިބުރަތެކެވެ. 
އިންޓަވިއު ނިންމާލައްވަމުން ނިޔާޒުގެ އެ ތަޖުރިބާއިން އޭނާ ޖެން ޒީންނަށް މެސެޖެއް ދެއްވި އެވެ. މިއީ އެ މީހުން ކަނުލާ އަޑުއަހަން ޖެހޭ ވާހަކަ އެކެވެ. 
"މިހާރު މި ނިކުންނަ ޖެން ޒީ ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ ބްލިޑްޔޯ ކެރިއާ ޓްޔޯ ޕެޝަންއޭ. ޖޮބަކަށް ދާންށޭ ކިޔާފައި ޖޮބަކަށް ނުދާށޭ. ޕެޝަންއަށް ޖޮބަށް ދާށޭ. ޕެޝަން ފަހަތުން ދަންޔާއޭ ކުރިއަށް ދެވޭނީ. އޭރުން މާނައަކީ ޖޮބް ނުވާނޭ އަށް ގަޑިއިރުގެ ޖޮބަކަށް. އެ ވާނީ 24ގަޑިއިރުގެ ޖޮބަކަށޭ. ޕެޝަންއަކީ މީހާގެ ސިކުނޑީގައި އިންނަ އެއްޗެއް. ހިތުގައި އިންނަ އެއްޗެއް،" ޖެން ޒީންއަށް ދެއްވި ނަސޭހަތުގައި ނިޔާޒު ވިދާޅުވި އެވެ.
"އެ މީހުންނަށް [ޖެން ޒީންއަށް] ޖޮބަކީ މާމުހިންމު އެއްޗަކަށް ނުވޭ. އެ މީހުންނަށް އެ މީހުންގެ ޕޭރަންޓްސް [މައިންބަފައިން] އެ މީހުންގެ ކަންތައްތައް ކުރަން މިތިބެނީ. އެކަމަކު ހަޔާތުގެ ވަކި ހިސާބަކަށް ދިޔައިމާ ޖޮބް ވަރަށް މުހިންމުވާނެ. އެހެން ވީމާ މިހާރުއްސުރެ ޕެޝަންއެއް ނަގައިގެން އޭގެ މަތީގައި ވޯކް ލައިފް ބިލްޑް ކުރާށޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ