ފްރެންޗް އޯޕަންގެ ކުއާޓާ ފައިނަލުން ސިނާ އާއި ޖޯކޮވިޗް ޖާގަ ހޯދައިފި

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ކުއާޓާ ފައިނަލުން މި މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޔަނިކް ސިނާ އާއި ހަވަނައަށް ސީޑު ކުރެވިފައިވާ ނޯވަކް ޖޯކޮވިޗް ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުން ސިނާ ޖާގަހޯދީ ހަތަރު ވަނަ ބުރުގައި ސަތާރަ ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ އަންޑްރޭ ރުބްލޭވްއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ތިން ސެޓު ސިނާ ކާމިޔާބު ކޮށްފައިވަނީ ހައެއް އެކެއް، ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ސިނާ ބައްދަލުކުރާނީ ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ފަސް ވަނައަށް ސީޑު ކުރެވިފައިވާ އިނގިރޭސިވިލާތުގެ ޖެކް ޑްރެޕާ ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަހޯދި ކަޒަކިސްތާންގެ އެލެގްޒެންޑާ ބުބްލިކްއާއެވެ. މިމެޗު ބުބްލިކް ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ސެޓު ފަހެއް ހަތަކުން ޑްރެޕާ ކާމިޔާބު ކޮށްފައިވަނިކޮށް ފަހަތުން އަރައި ޖެހިގެން އައި ތިން ސެޓު ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ތިނެއް، ހައެއް ދެއެއް އަދި ހައެއް ހަތަރަކުންނެވެ. މި މުބާރާތުގައި ކުޅޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ ސާބިއާގެ ޖޯކޮވިޗް ކުއާޓާ ފައިނަލުން ޖާގަހޯދީ ހަތަރު ވަނަ ބުރުގައި އިނގިރޭސިވިލާތުގެ ކެމެރޮން ނޯރީއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ދެއެއް، ހައެއް ތިނެއް އަދި ހައެއް ދެއަކުންނެވެ. މި ކާމިޔާބީއާއެކު ކުއާޓާ ފައިނަލްގައި ޖޯކޮވިޗް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ތިންވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވަރޭވް އާއެވެ. ޒުވަރޭވް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ނެދަލަންޑްސްގެ ޓެލޮން ގްރީކްސްޕޯ އާއި ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރަކުން ކާމިޔާބުކޮށް ދެވަނަ ސެޓުގައި ތިން ގޭމުން ލީޑު ނަގާފައިވަނިކޮށް ގްރިކްސްޕޯއަށް އަނިޔާވެ މެޗު ދޫކޮށްލަން ޖެހުމުންނެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުން ކުރިން ޖާގަހޯދާފައިވާ، ދެވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި ބާރަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޮމީ ޕޯލްގެ މެޗާއި އަށްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ލޮރެންޒޯ މުސޭޓީ އާއި ފަނަރަ ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ފްރަންސެސް ޓިއަފޯ ބައްދަލުކުރާ މެޗު މިރޭ ކުޅޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ