ތެލްސީމިއާ ސެންޓަރުގެ ހާލަތު އެހާ ގޯސްކަން އޮތީ ނޭނގި، ކުރިއަށް އޮތްތާ ރަނގަޅުވާނެ: ރައީސް

ތެލްސީމިއާ ސެންޓަރުގެ ހާލަތު އެހާ ގޯސްވެފައިވާ ކަމާއި މިހާތަނަށް އެއްވެސް ވަރެއްގެ ކުރިއެރުމެއް ނުލިބި އޮތްކަން މިއަދާ ހަމަޔަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި މިއަދުން ފެށިގެން އެކަންކަން ހައްލުކޮށް ހިދުމަތަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަން އަންގައި މުހުލަތެއް ދެއްވާފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް ވަނީ ތެލްސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ މެނޭޖުމަންޓާއި މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަނުގެ ހާލަތު ބައްލަވާލަވާލައްވައިފަ އެވެ. އަދި ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް މިހާރު ތައްޔާރުކުރެވެމުންދާ 'އޮރެންޖް ހިޔާ' އަށް ވަޑައިގެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ބައްލަވާލެއްވި އެވެ.
ރައީސް ތެލްސީމިއާ ސެންޓަރަށް މިއަދު ރައީސް ވަޑައިގަތީ އެ ސެންޓަރުގެ ހިދުމަތްތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކުން ރޭ މުޒާހަރާކޮށްފައިވަނިކޮށެވެ.
ބުނީ ކީކޭ؟ - މި ބައްދަލުވުމަށްފަހު ރައީސް ވިދާޅުވިގޮތުން:
އެތަނުގައި 2017ވަނަ އަހަރުން ފެށިގެން ޑިރެކްޓާ ޖެނަރަލެއް ނެތް
ނަރުހުން އެކަށީގެންވާ މިންވަރަކަށް ނެތް
ސީނިއާ ފިޒީޝަނެއް ނެތް
ސެންޓަރަށް ބޭނުންވާ އެކިކަހަލަ ސާމާނުތައް ހުރީ ހޯދަންޖެހިފައި
ލޯބޯޓަރީއަށް ބޭނުންވާ ބައެއް ތަކެއްޗާ މުވައްޒަފުންގެ ދަތިކަން ވެސް އެބައޮތް
ރައީސް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި އެ ހުރިހާ ކަމެއް ހަމަޖެއްސުމަށާއި ހިދުމަތް ރަނގަޅު ފެންވަރެއްގައި ދިނުމަށް ކުރަންޖެހޭ ކަންކަން ވަގުތުން ވަގުތަށް ކުރިއަށް ގެންދިއުމަށް އަންގަވާފައިވާނެ ކަމަށެވެ. އަދި އެކަންކަން ފުރިހަމަ ކޮށް ނިމެންވާނެ މުހުލަތުތަކެއް ވެސް މިއަދު ދީފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ވެސް ބައިވެރިވި މި ބައްދަލުވުމުގައި އެކަން ކަން ހަމަޖެއްސުމަށް ފައިސާގެ ދަތިކަމެއް ނާންނާނެ ގޮތަކަށް ކަންކަން ހަމަޖައްސަައިދޭނެ ކަމުގެ ޔަގީންކަން އަރުވާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިގޮތަށް މިކަން އޮތްކަން އަދި މިހިސާބަށް އައިރުގައި ވެސް އެއްވެސް ވަރެއްގެ ކުރިއެރުމެއް ނާންނަކަން އަޅުގަނޑަށް ނޭނގި އޮތީ. ދެން ސަރުކާރުގެ އެކި ފަރާތްތަކާ މި ތެލްސީމިއާ ކަންތަކުގައި އުޅޭ ފަރާތްތަކުން ބައްދަލުކުރައްވާފައި އޮތްކަން މިއަދު ބަލާލުމުން ލިޔެކިއުންތަކުން އެކަން ސާފު. އެކަމަކު އަމަލީ ސިފައެއް ނައިސް މިއޮތީ،" ރައީސް ވިދާޅުވި އެވެ.
އެހެންވެ، ތަނުގެ ތެރެއަށް ގެންނަންޖެހޭ އެތެރޭގެ ބަދަލުތައް ވެސް ގެންނަން މިއަދު ނިންމަވާފައިވާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެބަދަލުތައް ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭގައި ހުންނަ އޮރެންޖު ބިލްޑިންއަކީ ޖާގައިގެ ގޮތުން ބޮޑުތަނެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެތަނަށް ދިއުމަށް ޓްރާސްޕޯޓުގެ ކަންކަން ފަސޭހަކޮށްދޭން ބަހުގެ ހިދުމަތް އެ ސަަރަހައްދަށް ދެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.
"ކުރިއަަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ އެހެނެއް ނުވާނެ. ކުރިއަށް އޮތްތަނުގައި ތެލްސީމިއާ ކުދިންނަށް ދިމާވާ ހުރިހާ ދަތިތައް ހައްލުކުރުމުގައި ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން އެކަންކަން ކުރިއަށް ގެންދާނަން." ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ