ތެލަސީމިއާގެ މައްސަލަތައް ހައްލުކުރަން ހާއްސަ ސަމާލުކަމެއް ދޭނަން: ރައީސް

ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު ވަނީ މިއަދު ހެނދުނު އެމަނިކުފާނުގެ އޮފީހުގައި ތެލަސީމިއާ ކޮމިއުނިޓީއާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ތެލަސީމިއާ ކޮމިއުނިޓީއިން ވަނީ ތެލަސީމިއާއާ ގުޅުން ހުރި މައްސަލަތަކަށް ހައްލު ހޯދައިދޭން ސަރުކާރުން ކުރާ މަސައްކަތްތައް ފާހަގަކޮށް، އިތުރަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކޮށްފަ އެވެ.
އެގޮތުން ފާހަގަކުރި ބައެއް ކަންތައްތަކަކީ:
ތެލަސީމިއާ ހޮސްޕިޓަލްގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށްގެންދިއުން
އެ ހޮސްޕިޓަލްގެ މަސައްކަތްތަކުގައި ވީހާ ވެސް ބޮޑަށް ތެލަސީމިއާ ކޮމިއުނިޓީގެ މަޝްވަރާ އާއި ހިޔާލު ހޯދުން
ސަރުކާރުން ތެލަސީމިއާއާ ގުޅޭ ނިންމުންތައް ނިންމުމުގައި އެ ކޮމިއުނިޓީގެ ބައިވެރިވުން އޮންނަ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށްދިނުން
މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އިން ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ހިދުމަތް ދިނުން
އެމްބީއެސްގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށްދީ، ޕޭޝަންޓުންނާ ވީހާ ވެސް ގާތުން މަސައްކަތް ކޮށްދިނުން
ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އެއީ 'ވެލިޑް'، މުހިންމު ކަންކަން ކަމަށާއި އެ ކަންތައްތައް ހައްލުކޮށްދެއްވަން ސަމާލުކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ތެލަސީމިއާ ޕޭޝަންޓުންގެ ބައިވެރިވުން އޮވެގެން، މިކަމާ ގުޅޭ ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރެވޭނަކަން ގަބޫލުކުރައްވައި ރައީސް ވިދާޅުވީ އެކަމަށް މަގުފަހިކޮށްދެއްވާނެ ކަމަށެވެ.
މި ސަރުކާރުން ތެލަސީމިއާ ޕޭޝަންޓުންނަށް ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރައްވާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ