އެންމެ ފަހުގެ ޗެމްޕިއަން ސިނާ ފައިނަލަށް

އޮސްޓްރޭލިޔާގައި މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަން ފައިނަލުގެ ޖާގައެއް އިޓަލީގެ ޔަނިކް ސިނާ ހޯދައިފި އެވެ.
ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި އަދި އެންމެ ފަހުގެ ޗެމްޕިއަން ސިނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އެމެރިކާގެ ބެން ޝެލްޓަން އާއި ދެކޮޅަށް ކުޅޫނު މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ސިނާ ގެންގޮސްފައިވަނީ ހަތެއް ހައެއް, ހައެއް ދޭއް އަދި ހައެއް ދޭއްގެ ނަތީޖާއަކުންނެވެ.
އުމުރުން 23 އަހަރުގެ ސިނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދުމާއެކު އޭނާ ވެގެންގޮސްފައިވަނީ 93-1992 ވަނަ އަހަރު ޖިމް ކޫރިއާ އަށްފަހު ޖެހިޖެހިގެން އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ކުޅޭ އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ލިބިފަ އެވެ. އަދި މި މުބާރާތް ސިނާ ކާމިޔާބު ކޮށްފިނަމަ އޭނާ ވެގެންދާނީ ގްރޭންޑް ސްލޭމް ސިންގަލްސް ތިން މުބާރާތް ކާމިޔާބު ކުރާ އިޓަލީގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ސިނާ އާއި ދެކޮޅަށް ސެމީ ފައިނަލުގައި ކުޅުނު ޝެލްޓަން ވަނީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ސިނާ އާއި ދެކޮޅަށް ކުޅެފަ އެވެ. އޭގެ ތެރެއިން ހަތަރު މެޗުން ސިނާ މޮޅުވެފައިވާއިރު ޝެލްޓަން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސިނާ ބުނެފައިވަނީ ޓެނިސް ކޯޓުން ބޭރުގައި ގިނަ ކަންތައްތަކެއް ހިނގަމުންދާ ކަމަށާއި އެހެންކަމުން އޭނާ ބަލަނީ ވީހާވެސް ބޮޑަށް އެކަންތައްތަކާއި ދުރުގައި އުޅެވޭތޯ ކަމަށެވެ.
މިދިޔަ އަހަރު ހެދި ދެ ޑްރަގް ޓެސްޓަކުން ސިނާ ޕޮޒިޓިވް ވެފައިވާއިރު އޭނާއަށް މާ ބޮޑު ފިޔަވަޅެއް ނާޅާ އެ މައްސަލަ މިނިވަން ޓްރައިބިއުނަލް އަކުން ނިންމާލާފައިވާއިރު ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން ވަނީ އެ މައްސަލަ ކޯޓް އޮފް އީބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށައަޅާފަ އެވެ. އަދި ކާސް އިން ވަނީ އެމައްސަލައިގެ އަޑު އެހުންތަކެއް އަންނަ އެޕްރިލް މަހު ބޭއްވުމަށް ތާވަލުކޮށްފަ އެވެ.
އަދި މި މައްސަލަ އާއި ގުޅިގެން ސިނާ އާއިމެދު ކަންތައް ކޮށްފައިވަނީ ހަމަހަމަ އުސޫލަކުން ނޫން ކަމަށް ބުނެ ބައެއް ކުޅުންތެރިން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އެވާހަކަ ދެއްކި ކުޅުންތެރިއަކީ ސަރބިޔާގެ ނޯވަކް ޖޮކޮވިޗް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ