އެހީތެރިކަމާއި މަދަދު ހޯދާނީ ކިހިނެތް؟

އިންސާނުންނަކީ އަބަދުވެސް އެހީތެރިކަމަށް ބޭނުންޖެހޭނޭ ބައެކެވެ. އެހެނަސް އެންމެން އެދޭ ހުރިހާ އެހީތެރިކަމެއް އަބަދު ފޯރުކޮށްދިނުމަކީ މީހަކަށް ކުރެވިދާނޭ ކަމެއްބާއެވެ؟ ދާއިމީކޮށް މިފަދަ ކަންކަމުގައި ދެމިތިބުމަކީ އިންސާނުންނަށް ވަރަށް މަދުން ނޫނީ ނުވާކަމެކެވެ. އެހެންޏާ އެހީތެރިވާ މީހާއަށް އެ ކަން ބުރަވަނީއެވެ. އެހެންޏާ އެހީ ލިބިގަންނަ މީހާ ކެތްތެރިކަން ކޮޅުންލައިގެން ގޮސް އިތުރަށް ނުވަތަ ގިނައިން ހޯދަން އެދެވެނީއެވެ. ނަތީޖާއަކަށް ވަނީ ދެފަރާތައްމެ އެ ކަމުގައި އުނދަގޫތަކެއް ތަޙައްމަލުކުރަން ޖެހުމެވެ. އެންމެ ފަހުން އެހީގެ މަދަދު ނިމުމަކަށް އަންނަނީއެވެ. އެހީތެރިކަމާއި ވާތްގަށް އެދެންވީ، ދެއްވުމުގައި ހިފެހެއްޓުމެއްނެތް، ބަރަކާތާއި ރަޙުމަތުގެ ތަނަވަސްކަން އިންތިހާއަށް ލިބިވޮޑިގެންވާ މަތިވެރިވަންތަ ގަދަ ކީރިތިވަންތަ ﷲގެ ޙަޟްރަތުންނެވެ. އެ އިލާހުގެ ޙަޟްރަތުން ވާތްގާއި މަދަދަށް އެދޭ ހުރިހާ ފަރާތްތަކެއްގެ އެދުން އެންމެ ފުރިހަމައަށް ފުއްދައިދެވޭނޭ ފަރާތަކީ އެއީއެވެ. ލިބުން އެދިގެން ދަންނަވާ ހުރިހާ އެއްޗެއް ދެވޭނޭ ފަރާތަކީ ވެސް އެއީއެވެ. މުޞީބާތްތައް ފިއްލަވާ ފަރާތަކީ އެއީއެވެ. ބައްޔަށް ޝިފާދެއްވަނީ ވެސް އެ ފަރާތުންނެވެ. އެ ކަން އަޅުގަނޑުމެން ދަންނަނީ ކިހާވަރަކަށްބާއެވެ؟ ﷲއީ އެހީތެރިކަމާއި މަދަދު ދެއްވުމުގެ ހުރިހާ ކުޅަދާނަކަމެއް ލިބިވޮޑިގެންވާ ފަރާތްކަން އަޅުގަނޑުމެންނަށް އެނގުމަކުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެއިލާހުގެ ކީރިތިވަންތަކަމާއި ކުޅަދުންވަންތަކަމުގެ ޢިލްމަށް ތިމާ ކިތަންމެ ފަރިތަ ވިޔަސް އެ މަގުގައި ތިމާ ނުހިނގަންޏާ އެނގުމުގެ ބޭނުމެއް ނޯންނާނެއެވެ. އެހެންވީމާ ކިޔަމަންތެރި މުސްލިމަކަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ﷲގެ އަމުރާ އެއްގޮތަށް ޢަމަލުކޮށް އެއިލާހުގެ ޙަޟްރަތުން މަދަދަށް އެދުމެވެ. ﷲ ޙަޟްރަތުން މަދަދަށް އެދެންވީ ގޮތް ބަޔާންކުރައްވައި އެއިލާހު ވަޙީކުރެއްވީ ކެތްތެރިކަމާއި ނަމާދުން ވާގިއެދުމަށެވެ. ﴿وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ﴾ ‎(البقرة: ٤٥)‏ މާނައީ: "އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑު ކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)" ކެތްތެރިކަމާއި ނަމާދުން ވާގިއެދުމަށް އެންގެވި މި އާޔަތް ނިންމަވަމުން، ﷲ އެ އަންގަވަނީ އެފަދައިން ވާގި އެދުމަކީ ބިރުވެތިވާ އަޅުންނަށް ނޫނީ ވަރަށް އުދަގޫ ކަމެއް ކަމުގައެވެ. އެބަހީ ކެތްތެރިކަމާ އެކު ނަމާދުން ވާގި އެދެވޭނީ ﷲއަށް ބިރުވެތިވާ އަޅުންނަށް އެކަންޏެވެ. އެ މީހުންނަނީ އެއިލާހުގެ ޢަޒާބަށް ބިރުވެތިވާ މީހުންނެވެ. އެއިލާހުގެ ރަޙުމަތަށް އުންމީދުކުރާ މީހުންނެވެ. އެ ނޫން ފަރާތްތަކުން ކުރިމަތި ކުރުވައިފާނެ އެއްވެސް ކަމަކަށް ބިރުނުގަންނަ މީހުންނެވެ. އެހެން މީހެއްގެ ކިބައިން ތުރާލެއް ވޭނެއް ޖެހެންޏާ އެ ކަމުން ސަލާމަތްވުމަށް އެދި ﷲއަށް ދަންނަވާ މީހުންނެވެ. އެއިލާހުގެ މަދަދު އަންނަންދެން ކެތްތެރިވާ މީހުންނެވެ. ދުނިޔޭގައި ހިތްހަމަޖެހުން ނުލިބުނަސް ނުވަތަ މާޔޫސްކަން އިތުރު ވިޔަސް އެ ކަމުގެ ޝަކުވާ ނަމާދުގައި ﷲއާ ހަމައަށް އުފުއްލާ މީހުންނެވެ. ނަމާދުގެ ޙަޤީޤީ މާނައިގައި އެ ނަމާދު ކުރާމީހުންނެވެ. މީސްތަކުންގެ ކިބައިން އެހީތެރިކަމާއި މަދަދު އެދުން ހުއްޓައިލާށެވެ. ކޮންމެހެން އެދެންޖެހުނަސް ﷲއަށް ދަންނަވައިފައި ނޫނީ މީހެއްކުރެން ނޭދޭށެވެ. މީސްތަކުން ނިކަން އަވަހަށް ފޫހިވާނެއެވެ. ﷲ ތިބާގެ ދެންނެވުމަށް އިޖާބަދެއްވުމުގައި ދެމިވޮޑިގެންވެއެވެ. ކެތްތެރިކަމާއި ނަމާދުން ވާގި އެދޭށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ