ތަރައްޤީއާއި ގުޅުންހުރި 1000އަށްވުރެ ގިނަ މަޝްރޫޢު މިއަހަރު ކުރިއަށްދާނެ: ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިއަހަރު 1000 އަށްވުރެ ގިނަ ތަރައްޤީގެ މަޝްރޫޢު ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެތެރޭގައި މިހާރު ހުއްޓިފައިވާ މަޝްރޫޢުތަކާއި، ހިންގަމުންދާ މަޝްރޫޢުތަކުގެ އިތުރުން މުޅިން އަލަށް ފަށާ މަޝްރޫޢުތައް ހިމެނޭކަމަށެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްދާނެ ތަރައްޤީއާއި ގުޅުންހުރި މަޝްރޫޢުތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވިއިރު ހުއްޓިފައިވާ އެތައް މަޝްރޫޢެއް ހުރިކަމަށާއި، އިންތިޚާބާއި ދިމާކޮށް އެއްވެސް ބަޖެޓެއް އަދި ޕްލޭނެއް ނެތި ކޮންޓްރެކްޓްކޮށްގެން، އެއްގޮތަކަށްވެސް މަސައްކަތް ނުފެށިހުރި މަޝްރޫޢުތައް ހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރުވެސް ހިންގަމުންދާ މަޝްރޫޢުތައް ކުރިއަށްގެންދިޔުމާއެކު، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެއްޓެވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެގޮތުން ފެނާއި ނަރުދަމާއާއި، ސްކޫލް ޢިމާރާތްތަކާއި، ސިއްޙީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ތަންތަން ތަރައްޤީކުރުމުގެ އެތައް މަޝްރޫޢެއް މިމަހާއި އަދި މާރިޗު މަހުގެ ތެރޭގައި ފެށޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ 1000 އަށްވުރެ ގިނަ މަޝްރޫޢެއްގެ މަސައްކަތް މިއަހަރު ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.
"ހުރިހާ ބާވަތެއްގެ މަޝްރޫޢުތައް ހިމެނޭހެން ބަލާއިރު، ހުއްޓިފައިވާ މަޝްރޫޢުތައް ފެށުމާއި، ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމާއި، އަލަށްފަށާ މަޝްރޫޢުތަކާއެކު، ޖުމްލަ 1043 މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ކުރިއަށްދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ރަށްރަށުން ފާޅުކުރާ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށްރަށުގައި ކުރިއަށްނުގޮސް ހުއްޓިފައިވާ މަޝްރޫޢުތަކުގެ މައްސަލަތަކެވެ. މިގޮތުން އަސާސީ ޚިދުމަތްތަކާއި ގުޅިފައިވާ މަޝްރޫޢުތައް ކުރިއަށް ނުގޮސް ހުއްޓިފައި ހުރުމަކީ، އެތައް ރަށެއްގެ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން މިފަދަ 1000 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިޔުމުގެ ޔަގީންކަމާއެކު މިރަށްރަށުގެ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ