'އަބަދަށް'ގެ ޕްރިމިއާ ނައިޓުގައި އަތޮޅުތެރޭ، ރަށްރަށުގައި ފިލްމު އަޅުވަން މިހާރު ބުކް ކުރެވޭނެ
މި އަހަރު އޮލިމްޕަހުގައި އެންމެ ފުރަތަމަ އަޅުވަން ހަމަޖެހިފައިވާ ފިލްމު ކަމަށްވާ "އަބަދަށް"ގެ ޕްރިމިއާ ނައިޓުގައި އަތޮޅުތެރޭ ރަށްރަށުގައި ފިލްމު އެޅުވުމަށް ބުކް ކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ. ފިލްމު 'އަބަދަށް'ގެ ޕްރޮޑިއުސަރު ހުސައިން ނޫރައްދީން ނާސިރު (ނޫރު) ބުނީ، ރަށްރަށުގައި ވެސް އަޅުވަން ބުކް ކުރުމަށް ހުޅުވާލީ ފިލްމު ޕްރިމިއާކުރާ ރޭގެ އެއްވަގުތެއްގައި އެޅުވުމަށް ކަމަށެވެ. އެގޮތުން، ހއ. އަތޮޅާއި ހދ. އަތޮޅުގެ ގިނަ ރަށްތަކާއި އައްޑޫ ސިޓީގައި އެ ރޭ ފިލްމު އެޅުވުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. ފިލްމު އަޅުވަން ބޭނުންވާ ރަށްތަކުން 7447555 އަށް ގުޅައިގެން ބުކް ކުރެވޭނެއެވެ. ފިލްމު އަބަދަށް ގެ ޕޯސްޓަރެއް ---- "ވީހާ ވެސް ގިނަ ރަށްތަކަށް އެ ފުރުސަތު ދިނުން ބޭނުމަކީ އަހަރެމެންގެ ކެޕޭސިޓީ ހުރިވަރަކުން،" ނޫރު ބުންޏެވެ. ކުދި އާބާދީތައް އޮންނަ ރަށްރަށުގައި ފިލްމު އެޅުވޭ ކަހަލަ ތަނަކަށް ހުންނަނީ ހަމައެކަނި ސްކޫލުކަން ފާޙަގަކޮށް، ނޫރު ވަނީ ފިލްމު އަޅުވަން ސުކޫލުތައް ހަމަނުޖެހޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަންނަ ހޯމަ ދުވަހު ދައްކަން ފެށުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ފުރަތަމަ ތިން ޝޯ ވަނީ ހައުސްފުލްވެފައެވެ. އޭގެއިތުރުން، ދާދިފަހުން ރިލީޒްކޮށްފައިވާ ޓްރެއިލަރުން ފިލްމުގެ ތީމަށް ކޮންމެ ވެސް ވަރަކަށް އަލިއަޅުވާލާފައިވެއެވެ. ޓްރެއިލަރުގެ ތީމުން ކިޔައިދޭ ގޮތުގައި ތަފާތު އެކި ކަހަލަ ގޯސް އިހުސާސްތައް ކުރެވޭ ނަމަ އޭގެ ނޭދެވޭ އަސަރުތައް ކުރާނެވެ. ނަފުސާނީ ބަލިމަޑުކަމެއްގެ ޝިކާރައަކަށް ވެފައިވާ މީހެއް އެ ބައްޔާއެކު އުޅޭ އިރު އަމިއްލަ ނަފުސާ ދައްކާ ވާހަކަތައް ވެސް ޓްރެއިލަރުން ދައްކައިދީފައިވެއެވެ. އަލަށް ނެރޭ މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އާއި އިސްމާއީ ރަޝީދު (ކޮޕީ އިއްސެ)އާއި ވާޝިޔާ މުހައްމަދުގެ އިތުރުން ޝާރިފް އަހުމަދު އަދި ސޫޒަން އިބްރާހީމްފުޅެވެ. ނޫރު އެން މޫވީސްގެ ދަށުން ގެނެސްދިނުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓަކީ މީގެ ކުރީން ވެސް މޫމިނާ އެކު މަސައްކަތް ކޮށްފައިވާ ކާސްޓެކެވެ. "ލޫދިފާ" އާއި "ގޮށްރާޅު" އަދި "ނިވައިރޯޅި" ފަދަ ފިލްމުތައް ގެނެސްދީފައިވާ މޫމިންގެ އާ ފިލްމުން ވެސް މިފަދަ ތީމުތަކެއް ފެންނަނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ