އުތުރުގެ އުންމީދު ކަމަށްވާ، ހަނިމާދޫ އެއާޕޯޓުގެ 83 ޕަސެންޓު މަސައްކަތް ނިމިއްޖެ
އުތުރުގެ އެންމެ ބޮޑު އުންމީދު ކަމަށްވާ, ހދ. ހަނިމާދޫގައި ތަރައްގީކުރާ އިންޓަނޭޝަނަލް އެއާޕޯޓު މަސައްކަތުގެ 83 ޕަސެންޓު ނިމިފައިވާ ކަމަށް, މޯލްޑިވްސް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)އިން ބުނެފިއެވެ. މިއީ 2019ވަނަ އަހަރު އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: ރީޖަނަލް އެއާޕޯޓްސް މި މަޝްރޫއުގެ ދަށުން ބޮޑު މިނުގައި 42،000 އަކަފޫޓު ހުންނަ އޭޕްރަނަކާއި، 2،400 މީޓަރުގެ ރަންވޭއަކާއި 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ތަރައްގީ ކުރުމަށް އޮތީ ނިންމައިފައެވެ. އަދި 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އާމް އަދި ފިއުލް ޖެޓީގެ މަސައްކަތްތަކެއް ވެސް ކުރާނެއެވެ. މިދިޔަ އަހަރުގެ ޖުލައިގައި އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫއު މި އަހަރުގެ މާރިޗަށް ނިމޭނެ ކަމަށެވެ. އޭރު އޮތީ މުޅި މަޝްރޫއުގެ 67 ޕަސެންޓު ނިމިފައެވެ. ރީޖަނަލް އެއާޕޯޓްސްއިން އިއްޔެ ބުނީ އެ މަޝްރޫގެ 83 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި މިއީ އުމްރާނީ ތަރައްގީއަށް ބޭނުންވާ މުހިންމު ޕްރޮޖެކްޓަކަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. ރާއްޖޭގެ އެންމެ އުތުރުގައި ރިޒޯޓުތަކާއި ގެސްޓްހައުސްތައް ހުރިނަމަ ވެސް، އެ ފަދަ ބޮޑެތި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުން މާލެއަށް ބަރޯސާވާން ޖެހުމެވެ. ޓޫރިސްޓުން މާލެއިން ފުރައިގެން ހަނިމާދުއަށާއި އެހެން ރަށްތަކަށް ފްލައިޓުގައި ދަތުރުކުރާނަމަ، އެ ޓިކެޓަށް ކުރަންޖެހޭ ހޭދައިން މާލެ ކައިރީ ގެސްޓްހައުސެއްގައި ހަފުތާއެއްހައި ދުވަހު ހުރެވޭނެއެވެ. އުތުރުގެ ރިޒޯޓުތަކާއި ގެސްޓްހައުސްތަކަށް އޮންނަ ޑިމާންޑު ދަށްވާ ސަބަބަކީ މިއެވެ. އެހެން ނަމަވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމި, އިންޓަނޭޝަނަލް ފްލައިޓްތަކުގެ ދަތުރުތައް ގަވާއިދުން ބާއްވަން ފެށުމުން މި ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން އެމެރިކާ ޑޮލަރަށް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްއަކީ އިމާރާތް ކުރުމުގެ ދާއިރާއާއި ހަކަތައިގެ ދާއިރާގެ މަޝްރޫއުތައް ހިންގާ އިންޑިއާގެ ކުންފުންޏެކެވެ. އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރި ކްރެޑިޓް ލައިނުން ހިންގާ މި މަޝްރޫއުގެ ތެރެއިން ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން ފެށި މަޝްރޫއެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއު ވަރަށް ބާރަށް ކުރިއަށްދާއިރު މި މަސައްކަތް ނިމި, އެ ތަން ރަނގަޅަށް ހިނގަން ފަށާނެ ދުވަހަކަށް އެ ސަރަހައްދުގެ ގިނަ ބަޔަކު އުންމީދު ކުރެއެވެ. އެ ސަރަހައްދަށް ހަގީގީ ތަރައްގީ ގެނެވެން އޮތީ އޭރުން ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ގަބޫލު ކުރެއެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހެދި ހަނިމާދޫ އެއާޕޯޓް އެތައް ޒަމާންތަކެއް ވަންދެން ބޭނުން ކުރަމުން ދިޔައީ ހަމައެކަނި ޑޮމެސްޓިކް ދަތުރުތަކަށް އެކަންޏެވެ. ފަހުން 2012 ވަނަ އަހަރު ވަނީ އެތަނުގެ ނަން ބޯޑް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކޮށްފައެވެ. ނަމަވެސް ބައިނަލްއަގުވާނީ ދަތުރަކަށް ކުރަމުން އައީ އިންޑިއާގެ ޓްރެވަންޑްރަމަށް ހަފުތާއަކު ދެތިން ފަހަރު ބާއްވާ ދަތުރެއް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ