ޔުމްނު ވެއްޓުން: އިންކުއަރީ ކޮމިޝަނުން ރައުދުއާ ސުވާލުކޮށްފި

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި އޭނާ ވެއްޓުނު ހ. ފެންޓެނޯއީގައި އެކުގައި އުޅުނު ރައުދު އަހުމަދު ޒިލާލްއާ އެ މައްސަލަ ބެލުމަށް ހަވާލުކޮށްފައިވާ އިންކުއަރީ ކޮމިޝަނުން މިއަދު ސުވާލުކޮށްފި އެވެ.
ވީކިހިނެއް؟ - ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޔުމްނު، 21، ވެއްޓުނު މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ސުވާލު އުފެދިފައިވަނިކޮށް އެ މައްސަލަ ތަހުގީގުކުރަން ރައީސް މުއިއްޒު ރިޔާސީ ކޮމިޝަނެއް ވަނީ އުފައްދަވާފަ އެވެ.
ތަފްސީލް - އެ ކޮމިޝަނުން މިއަދު އެކްސްގައި ލިއުނު ގޮތުގައި، ހާދިސާ ހިނގި ގޮތާ ގުޅޭ ގޮތުން، މި ވަގުތު ފުލުހުންގެ ބަންދުގައި ހުރި ރައުދުއާ ވަނީ ސުވާލުކޮށްފަ އެވެ.
ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަފުތާއެއް ފަހުންނެވެ. އެ ގޮތުން:
ރައުދުގެ ބަންދު ތިން ފަހަރެއް މަތިން ކޯޓުން އިތުރުކޮށްފައިވޭ
ފުރަތަމަ 5 ދުވަސް، ދެވަނަ ފަހަރު 10 ދުވަސް، އަދި މިދިޔަ ހޮނިހިރު ދުވަހު 5 ދުވަސް ކޯޓުން ޖެހި
އެނގުން މުހިންމު - ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުނީ އޭނާއާ އެކު އެ ގޭގެ ތެރޭގައި އުޅުމުގެ ތެރޭގަ އެވެ.
ރައުދު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. ފަހުން ރައުދު ހައްޔަރުކޮށް ބަންދުކުރަން ނެރުނު އަމުރުން އެނގުނު ގޮތުގައި އެ ރޭ ރައުދުއާއި ޔުމްނުއާ ދެމެދު 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ.
ނަމަވެސް ޔުމްނުގެ އާއިލާއިން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައުދުގެ އިތުރުން ހަތަރު މީހުން އެ ގޭގައި ތިބި ކަމަށް ޔުމްނުއާ ހަވާލާދީ ބުނެފައިވެ އެވެ.
ފަސްފަހަތް - ހާދިސާ ހިނގި ހ. ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން ޔުމްނު ވަނީ އެ ރޭ، މއ. މާންދޫގެދެކުނުގޭގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ގޮސްފަ އެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގެ އެވެ.
އެ ގޭގެ ނަން ފުރަތަމަ ފުލުހުން ހާމަނުކުރުމާއި ޕާޓީގައި ތިބި މީހުން މަސްތުވާތަކެއްޗަށް ޓެސްޓްކުރަން ކުޑަކަމުދާތަކެތި ދިނުމަށް ދެކޮޅު ހެދި ކަމަށް ބުނެ އިތުރު ފިޔަވަޅެއް ވެސް ފުލުހުން އަޅާފައިނުވުމުން މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ.
ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރާފައިވާ ކަމުގެ ތުހުމަތާއި ތަހުގީގާ މެދު އާންމުންގެ ތެރޭގައި ސުވާލު އުފެދެން ފެށީ އެ ކަމާ ގުޅުވަ އެވެ. ނަމަވެސް ތަހުގީގަށް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށް އަމީން ވިދާޅުވެފައިވެ އެވެ. ޕާޓީ އޮތް ތަނަކީ ވެސް ސީދާ އޭނާއާ ގުޅުމެއް ނެތް ތަނެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ