އިރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިއާ ފެސިލިޓީތަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފި އިރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިއާ ފެސިލިޓީތަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފި

އިރާނުގެ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ ފެސިލިޓީތައް ހިމެނޭހެން އަށް ސަރަހައްދަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއްދީ އެ ގައުމުގެ އަސްކަރިއްޔާގެ އިސް އެތައް އޮފިޝަލުންނަކާއި ނިއުކްލިއާ ސައިންޓުސްޓުން މަރާލައިފި އެވެ.
އިޒްރޭލުން ހަމަލާދިން ތަންތަނުގެ ތެރޭގައި އިރާނުގެ ވެރިރަށް، ތެހެރާނާއި އެ ގައުމުގެ އެންމެ ބޮޑު ޔުރޭނިއަމް ފައްކާކުރާ މައުކަޒާއި ތަބްރީޒްގައި ހުންނަ ނިއުކްލިއާ ރިސާޗު ސެންޓަރު ހިމެނެ އެވެ.
އިރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި އިރާނުގެ އާންމުންނާއި ސިފައިން ހިމެނޭހެން އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. މިހައިތަނަށް މަރު ކަށަވަރުވެފައިވާ މީހުންގެ ތެރޭގައި އިރާން ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑާ އިން ޗީފް، ހޮސެއިން ސަލާމީ އާއި އިރާން އާމްޑް ފޯސެސްގެ ޗީފް އޮފް ސްޓާފް، މުހައްމަދު ބަޣޭރީގެ އިތުުރުން އެ ގައުމުގެ ނިއުކްލިއާ ސައިންޓިސްޓުން، މުހައްމަދު މެހްދީ ތެހްރާންޗީ އަދި ފެރޭދޫން އައްބާސީ ހިމެނެ އެވެ.
ހަމަލާތަކާ ގުޅިގެން އިރާނުގެ ރޫހާނީ ލީޑަރު، އާޔަތުއްالله އަލީ ހަމަނާއީ ނެރުއްވި ސްޓޭޓްމެންޓެއްގައި ވިދާޅުވީ އިޒްރޭލުގެ ހަމަލާތަކުގައި އިރާނުގެ އަސްކަރީ ކޮމާންޑަރުންނާއި ނިއުކްލިއާ ސައިންޓިސްޓުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އެ ހަމަލާގެ ބަދަލު ވަރަށް ހިތިކޮށް ލިބިގަންނާން ތައްޔާރުވުމަށް ހަމަނާއީ ވަނީ އިޒްރޭލަށް އިންޒާރު ކުރައްވައިފަ އެވެ.
މިއަދުގެ ފަތިހު އިޒްރޭލުން ދިން ހަމަލާތަކާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ މި ހަމަލާތަައް ދީފައި ވަނީ އިރާނުގެ ނިއުކްލިއާ މަސައްކަތްތައް ކުރަމުންދާ ތަންތަނާއި ބެލިސްޓިކް މިސައިލް އުފައްދާ ކާރުހާނާތަކަށް ކަމަށެވެ.
ވީޑިއޯ މެދުވެރިކޮށް ދިން އެ މެސެޖުގައި ނަތަންޔާހޫ ބުނީ އިރާނުގެ ފަރާތުން އިޒްރޭލަށް އޮތް ނުރައްކާ އެއްކޮށް ނައްތައިލެވެންދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން މި އޮޕަރޭޝަނަށް ނަން ދީފައި ވަނީ "ނޭޝަން އޮފް ލަޔަންސް" ގެ ނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ