ސިއްހީ ވެލްފެއަރ ނިޒާމު ވަށާޖެހޭހެން ޒިންމާދާރުކުރުވާ ޖަވާބުދާރީ ކުރުވާނެ ފަރާތެއް ނެތުމަކީ މައްސަލަތައް ހައްލުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ރާއްޖޭގެ ސިއްހީ ވެލްފެއާ ނިޒާމުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ދެނެގަތުމަށް ދިރާސާކޮށް ކޮމިޝަނުން އެކުލަވާލި ރިޕޯޓަށް ކުރި ދިރާސާގެ އަލީގައި ފާހަގަކުރެވުނު މައިގަނޑު ހަ މައްސަލައެއް ފާހަގަކުރި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ގާނޫނީ އޮނިގަނޑު ހަރުދަނާ ނުވުމުގެ ސަބަބުން ހިދުމަތް ފޯރުކޮށްދިނުމުގައި ނަޒާހަތްތެރިކަން ކަށަވަރު ކުރެވެން ނެތުމާއި، މި ނިޒާމުގެ ތެރެއިން ހިދުމަތް ލިބުނުކަމުގެ ”ކްލެއިމް ޕްރޮސެސް ވެލިޑޭޓް“ ނުވަތަ ފައިސާ ދޫކުރެވެނީ ލިބޭ ހިދުމަތަށްކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތުމާއި ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި އާ ހިދުމަތާއި ބޭސް ރަޖިސްޓަރީ ކުރުމުގައި ހާމަކަން ކުޑަވުން އަދި އާސަންދަ މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރުމުގެ އިތުރުން މި ނިޒާމު ވަށައިޖެހޭހެން ޒިންމާދާރުކުރުވައި ޖަވާބުދާރީ ކުރުވާނެ ފަރާތެއް ނެތުމުގެ އިތުރުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާދޭއިރު، ހަމަހަމަކަން ނެތުމެވެ.
އޭސީސީ އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ދޭ ތަންތަނުގެ ބިލް 60 ދުވަސްތެރޭ ޕްރޮސެސްކުރުމަށް އިިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ސްކީމުގެ ދަށުން ހިދުމަތްދިނުމަށް ރަޖިސްޓަރީވާ ފާމަސީތަކުން ޢަމަލު ކުރަންޖެހޭ އުސޫލުން ލާޒިމް ކުރާކަމަށެވެ. އެހެން ނަމަވެސް ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ ކަންބޮޑުވުމަކ،ީ ކޮމިޝަނުގެ ރިޕޯޓު ބުނާ ގޮތުގައި ކަނޑައެޅިފައިވާ މުއްދަތުގައ،ި ޕްރޮސެސްކުރުމުގެ ކަންކަން ހަމަޖެހިގެން ނުދިއުމެވެ.
މިކަމަށްޓަކައި ކަނޑައެޅިފައިވާ ޝަކުވާތައް ހުށަހެޅުމުގެ ނިޒާމުގެ ތެރޭގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހުނު ނަމަވެސް އެކަމަށް ހައްލެއް ނުލިބޭކަން އެ ފަރާތްތަކާއި ހަވާލާދީ ރިޕޯޓުގައި ކޮމިޝަނުން ބުނެފައި ވަނީ ފައިސާ ދައްކަން ގަވާއިދުން ކަނޑައަޅައިފައިވާ އެންމެ ލަސް މުއްދަތު 90 ދުވަހުގެ މުއްދަތު ހަމަވެ ކްލެއިމް ޕްރޮސެސް ތެރެއިން ލަސްވާތީ ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރުމަކީ ބޭކާރުކަމެއްގެ ގޮތުގައި ފާމަސީތަކުން ގަބޫލު ކުރާކަމަށެވެ. އަދި ފާމަސީތަކުން ފޮނުވާ އެންމެ ބިލެއްގައި 100 އަށްވުރެ ގިނަ ޓްރާންސެކްޝަން ހިމެނ،ި އެ ޓްރާންސެކްޝަންތަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ބިލުގެ ޖުމްލައިގެ ގޮތުގައި އަރާ ފަހަރުދާކަމަށް ފާހަގަކުރި އެވެ.
މި ގޮތަށް ހިމެނޭ ޓްރާންސެކްޝަންތަކުނ،ް އެންމެ ޓްރާންސެކްޝަނެއްގެ މައްސަލައެއްގައި މުޅި ބިލް ޕްރޮސެސް ނުކޮށް ހޯލްޑްކުރާއިރު އެއީ ވިޔަފާރީގެ ގޮތުގައި ހިދުމަތް ފޯރުކޮށްދޭ ބަޔަކަށް ލިބިގެންދާ ބޮޑު ގެއްލުމެއްކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ކޮމިޝަނުން ބުނީ މިފަދަ ލަސްތަކުގެ ސަބަބުން ނިޒާމުގެ ތެރެއިން ނާޖާއިޒު މަންފާ ނެގުމަށް ފުރުސަތު ހުޅުވިގެންދާކަމަށާއި، މިއީ ގަސްދުގައި މެދުވެރިކުރުވާ ލަސްތަކެއް ކަމުގައި ވާނަމަ އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޖޫރިމަނާގެ ގޮތުގައި ނުވަތަ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ހޯދައިދިނުމަށް އޮތް މަގަކަށް ވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މިއީ ކޮރަޕްޝަނުގެ ކުށެއްކަމުގައިވާ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދުނުމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރި އެވެ.
މައްސަލަ ހައްލު ކުރުމަށް ކޮމިޝަނުން ހުށަހެޅި ލަފައަކީ އާސަންދައިގެ ގަވާއިދުގައިވާ މުއްދަތަށް ފައިސާ ދެއްކުމަށް ދިމާވާ ލަސްތަކަކީ ކޮބައިކަން ދެނެގަނެ އާސަންދަ އަދި އެންސްޕާގެ ތެރެއިން މި ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމެވެ. އަދި ފާމަސީ ތަކުން އަމަލު ކުރަންޖެހޭ އުސޫލުގެ 19 ވަނަ މާއްދާއަށް އިސްލާހު ގެންނަންޖެހޭކަން ދިރާސާކޮށް އިސްލާހު ގެނައުން ލަފާގައި ވެއެވެ.
މީގެއިތުރުން ކޮމިޝަނުން ދިން ލަފައަކީ އާސަންދަ ކުންފުނީގެ މަސައްކަތް ހަރުދަނާކުރުމަށް ކުންފުނީގެ ނީޑް އަދި ޕާފޯމެންސް އެނެލިސިސްއެއް ހަދައި މަސައްކަތްތައް ލަސްވެގެންދާ މަރުހަލާތަކުގައި ކެޕޭސިޓީ އިތުރުކުރާނެ ޕްލޭނެއް އެކުލަވާލައި އެކަމަށް މަސައްކަތް ކުރުމެވެ. އަދި ކްލެއިމްތަކާއި ގުޅިގެން އަންނަ ޝަކުވާ މަދުކުރުމަށް ކްލެއިމް ރިވިއުކުރާ ޕްރޮސެސް ހާމަކޮށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ފަސޭހަކަމާއި އެކު ޕްރޮސެސް ކުރިއަށްދާ ގޮތް ބެލޭނެ ނިޒާމެއް ކަނޑައެޅުން ހިމެނެ އެވެ.
ކޮމިޝަނުން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި ސިއްހީ ވެލްފެއަރ ނިޒާމު ވަށާޖެހޭހެން ޒިންމާދާރުކުރުވާ ޖަވާބުދާރީ ކުރުވާނެ ފަރާތެއްނެތުމެވެ. ސިއްހީ ވެލްފެއަރ ނިޒާމް ބިނާވެފައި ވަނީ އާސަންދަ ސްކީމްގެ މައްޗަށްކަމަށްވެފައި އާސަންދަ ސްކީމަކީ އެންސްޕާގެ ބެލުމުގެދަށުން އާސަންދަ ކުންފުނިން ހިންގާ ސްކީމެއްކަމަށްވުމާއި އެކު މި ސްކީމްގެ ރެގިއުލޭޓަރީ ޒިންމާދާރަކީ އެންސްޕާކަމަށް ރިޕޯޓުގައި ވެއެވެ.
ބޯޑުގައި އާސަންދަ ތަމްސީލު ކުރުން ލާޒިމު ނޫންކަމަށާއި، އާސަންދައަކީ ސްކީމްގެ ތަންފީޒީ އިދާރާ ކަމުގައިވާއިރު އާސަންދަ ތަމްސީލު ކުރާނެ ފަރާތެއް ނުހިމަނައި ބޯޑު އެކުލަވާލުމުގެ ސަބަބުން ސްކީމްގެ އެންމެހާކަންކަމާގުޅިގެން ގޮތް ނިންމުމުގައި ސްކީމް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި އާސަންދައިގެ ތަޖުރިބާއަށް އެންމެ ފުރިހަމަ ގޮތެއްގައި ރިޢާޔަތް ނުކުރެވޭކަމަށް އޭސީސީ ބުންޏެވެ. އަދި ސިއްހީ ވެލްފެއަރ ނިޒާމުގައި އެކި އެލެމެންޓްތައް ހިނގަނީ އެކި އިދާރާތަކުގެ ޒިންމާގެ ދަށުން ކަމަށްވެފައ،ި ވަށާ ޖެހޭ ނިޒާމެއްގެ ތެރެއިން މި ނިޒާމު ބަލަހައްޓައި ޖަވާބުދާރީ ކުރުވާނެ ފަރާތެއް ނެތުމަކީ މައްސަލަ ހައްލުކުރުމަށް އޮތް ގޮންޖެހުމެއްކަމަށް ވަނީ ބުނެފަ އެވެ.
ސިއްހީ ވެލްފެއަރ ނިޒާމު ވަށާޖެހޭހެން ޒިންމާދާރުކުރުވާނެ ފަރާތެއްނެތުމަކީ މައްސަލަ ހައްލު ނުވާ ސަބަބެއް: އޭސީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ