ފަރުވާ ދިނުން ލަސްވެގެން ނިޔާވި އަބްދުﷲ ރަޝީދު ނިޔާވުމުގައި ފުލުހުންގެ އިހުމާލެއް ނެތްކަމަށް ނިންމައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފަރުވާދިނުން ލަސްވެގެން ނިޔާވި ޢަބްދުﷲ ރަޝީދު ނިޔާވުމުގައި ފުލުހުންގެ އިހުމާލެއް ނެތްކަމަށް ކަނޑައަޅައިފިއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އޭނާ މޭގައި ރިއްސައިގެން ފަރުވާދިނުމަށް ސިއްހީ މަރުކަޒަށް ގެންދަން އެދުނު ނަމަވެސް އޭނާ "އެކްޓު"ކުރަނީ ކަމަށް ބުނެ ފުލުހުން އޭނާ ލޯންޗަށް އަރުވައިގެން ފުރައިގެންދިޔަކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވެއެވެ.
ލޯންޗަށް އެރުވުމާއެކު އޭނާގެ މޭގައި ރިއްސާކަމަށް ބުނި ނަމަވެސް އޭނާ ގޮވައިގެން ފުރައިގެން ދިއުމަށްފަހު އޭނާ ގެންގޮސްފައިވަނީވެސް އެހެން ރަށެއްގެ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ފުލުހުން އޭނާ ގެންދިޔައިރު ޢަބްދުﷲ ރަޝީދުވަނީ ނިޔާވެފައެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާންވަނީ ޢަބްދުﷲ ރަޝީދު ނިޔާވިތާ 6 މަސް އަންނަ ބުރާސްފަތިދުވަހު ފުރޭއިރު އެ މަރުގެ ތަހުގީގުން މިހާތަނަށް ހާސިލުވީ ކޮން ކަމެއްތޯ ސުވާލުކުރައްވާފައެވެ.
ޢަބްދުﷲ ރަޝީދުގެ އާއިލާގެ އެދުމާ ދެކޮޅަށް އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމެއް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުން ގުޅިގެން ހެދި ނަމަވެސް ޕޯސްޓްމޯޓަމްގެ ރިޕޯޓެއް އެއިން އެއްވެސް އިދާރާއަކުން ހާމަނުކުރެއެވެ.
ފިރުޝާން ވިދާޅުވި ގޮތުގައި ޕޯސްޓްމޯޓަމް ހެދިފަހުން ތަހުގީގީ އެއްވެސް އިދާރާއަކުން އަބްދުﷲ ރަޝީދުގެ އާއިލާއަށް ފޯނު ކޯލެއްވެސް ނުކުރެއެވެ. އެއްވެސް މައުލޫމާތެއް އެއްވެސް އިދާރާއާކުން އާއިލާއާ ހިއްސާނުކުރެއެވެ.
ފިރުޝާނުގެ ސުވާލަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ އެ މައްސަލާގައި ފުލުހުން އޭނާއަށް ގަސްތުގައި އަނިޔާއެއް ދިންކަން ނުވަތަ އިހުމާލުވިކަން އެނގޭނެ އެއްވެސް ހެއްކެއް ނެތެވެ. ދައްކާ ވާހަކައަކަށް ބިނާކޮށް ފިޔަވަޅެއް ނޭޅޭނެ ކަމުގައިވެސް އިމްރާން ވިދާޅުވިއެވެ.
ޢަބްދުﷲ ރަޝީދު ފުލުހުންގެ ލޯންޗަށް އެރުވި ވަގުތު މެއަށް ތަދުވާތީ ފަރުވާއަށް އެެދުނުއިރު އެތަނުގައި ހާޒިރުވެވަޑައިގެން ހުންނެވި އެއް ބޭފުޅަކީ ފިރުޝާނެވެ. ފިރުޝާނުގެ އިތުރަށް ރަށު ސިއްހީ މަރުކަޒުގެ މެނޭޖަރުވެސް އެތަނުގައި ހުންނެވިކަމަށާއި، ޑޮކްޓަރު ލޯންޗާ ހަމައަށް ގެނެސްދިނުމަށް އޭނާ ހުށަހެޅުއްވުމުން އެކަމަށްވެސް ފުލުހުން ފުރުސަތު ނުދިންކަމަށް ފިރުޝާނު އަދި އެރަށު ކައުންސިލުގެ ރައީސް ވިދާޅުވެފައިވެއެވެ.
އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއްވާކަމަށް ބުނާތީ އިމްރާން ނުރުހުން ފާޅުކުރެއްވިއިރު އިމްރާނަކީ 2015 ވަނަ އަހަރުގެ މޭޑޭގައި އޮތް މުޒާހަރާގައި އުގޫފާރު ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޑރ.އަފްރާޝީމް އަލީގެ ޤަތުލާ ގުޅިގެން 7 މީހަކު މަރުވެފައިވާކަމަށް ވިދާޅުވި ބޭފުޅެކެވެ. އެ ދުވަހު އިމްރާނު ދެއްކެވި އެއްވެސް ވާހަކައަކަށް މިހާތަނަށް އެއްވެސް ހެއްކެއް އިމްރާން ނުދައްކަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ