މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން ކަރަންޓް އިގްތިސާދު ކުރުމަށް ސްޓެލްކޯ އިން އިލްތިމާސްކޮށްފި އެވެ.
ސްޓެލްކޯ އިން ބުނީ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ހާއްސަކޮށް، ފިނި ކުރުމަށް ގެންގުޅޭ އޭސީ ފަދަ އާލާތްތަށް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، 25 ޑިގްރީއަށް ވުރެ ދަށް ނުވާނެހެން ޓެމްޕަރޭޗަރ ބެހެއްޓުމަށާއި، އިލެކްޓްރޯނިކް އާލާތްތައް ގަންނަ އިރު އިންވާޓާރ އަށް އިސްކަންދިނުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެޓް އޮފީހުން މިއަދު ބުނީ މި މަހު އެހާ ހޫނު ގަދަވަނީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު ކަމަށްވާތީ ކަމަށާއި މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުުރުމުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށެވެ.
މެޓުން ބުނީ މި މަހު ރާއްޖޭގެ އެކި ހިސާބުތަކުގެ ފިނިހޫނުމިން 31.6-32.6 ޑިގްރީއަށް އަރާނެ ކަމަށެވެ. އަދި ހޫނުމިން އިހުސާސްކުރެވޭ މިންވަރު ބައެއް ހިސާބުތަކުގައި 42.3 ޑިގްރީއަށް އަރާނެ ކަމަށްވެސް ބުންޏެވެ.
އެހެންކަމުން ހަށިގަނޑުން ފެން މަދުވެ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް މި ދުވަސްވަރު ގިނައިން ފެންބުއިމަށާއި ހޫނުން ރައްކާތެރިވުމަށްޓަކައި، ކުޑަ ބޭނުންކުރުމާއި ކުލަމަޑު ހަށިގަނޑު ނިވާވާފަދަ ހެދުން ލުމާއި ބޭރަށް ނުކުންނައިރު ސަން ލޯޝަން އަދި ބޮޑަށް ހިޔާވާ ކަހަލަ ތޮފި ބޭނުންކުރުން ފަދަ ކަންކަން ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހޫނު ގަދަވާނެތީ ކަރަންޓް އިގްތިސާދުކުރަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ