މައުމޫނަށް ލަފާދޭ ކޮމެޓީން އުމަރު ވަކި ކުރައްވައިފި
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ލަފާދޭ ކޮމެޓީގެ މެމްބަރުކަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަކިކުރައްވައިފި އެވެ. ޕީޕީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އުމަރު ނިންމެވުމާ އެކު މައުމޫން އޭނާ އެ ކޮމެޓީން ވަކިކުރައްވާފައިވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން އުމަރު ސަން އަށް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އޭނާ ނިންމާފައިވާއިރު، ލަފާދޭ ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށެވެ. މައުމޫން އެ ނިންމުން ނިންމެވީ އޭނައާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑާ މަޝްވަރާ ކުރެއްވުމަށްފަހު ރައީސް މައުމޫން އެ ނިންމުން ނިންމެވީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު އެ ކޮމެޓީގައި ހުރުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް. ރައީސް މައުމޫންގެ އެ ނިންމެވުމަށް ފުރިހަމައަށް އަޅުގަނޑު ތާއީދު ކުރަން،" އުމަރު ވިދާޅުވި އެވެ. 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އުމަރު އިއުލާން ކުރެއްވީ މިއަދު އެވެ. އުމަރު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އޭނާގެ ނަން އޮންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ