އެކައުންޓަކުން ފައިސާ ގެއްލޭތީ ކުއްލި މައްސަލައެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓްތަކުން ފައިސާ ގެއްލޭތީ އެކަމުގެ ޝަކުވާ އާންމުން ކުރަމުން އަންނަ ދުވަސްވަރެއްގައި. އެކަން ހައްލުކުރުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ، މިހާރަކަށް އައިސް ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން ގިނަ ބައެއްގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ އެކި ގޮތްގޮތުން ގެއްލެމުންދާއިރު، އެފަދަ ގިނަ މައްސަލަތައް ކުރިމަތިވަނީ ބީއެމްއެލުގައި ރައްކާކުރެވިފައިވާ އާންމުގެ ވަރަށް ހައްސާސް އަދި ޕާސަނަލް މައުލޫމާތު ބޭނުންކޮށްގެން ޕޯނުގެ ޒަރީޔާއިން ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކަމަށެވެ.
މެމްބަރު ވިދާޅުވީ، އާންމުން ބުރަ މަސައްކަތުން ހޯދާ ލާރިކޮޅު، ސިކުންތެއްގެ ތެރޭގައި ގެއްލުމުން، އެ މައްސަލަ ބޭންކަށް އަދި ފުލުހުންނަށް ހުށަހެޅި ނަމަވެސް، އެކަން ރިޕޯޓު ކުރުމުގެ ސަބަބުން ގިނަ ގުނަ އިތުރު ތަކުލީފުތަކެއް އާންމު ރައްޔިތުންނަށް އުފުލަން ޖެހޭ ކަމަށެވެ. އެހެންކަމުން މި ކުއްލި މައްސަލައަކީ މިފަދަ މައްސަލަތައް ހައްލު ކުރުމަށް ގޮވާލާ ހުށަހަޅާ މައްސަލައެއް ކަމަށް މެންބަރު ވިދާޅުވިއެވެ.
މި ކުއްލި މައްސަލަ މަޖިލީހުން ބަލައިގެންފައިވާއިރު، މައްސަލަ ބަލައިގެންފައިވަނީ 33 މެންބަރުންގެ ވޯޓާއިއެކުއެވެ. މި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް ހަތަރު މެންބަރުން ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވިއެވެ.
މި މައްސަލަ ބަލައިގަނެ އެކަމާ ގުޅޭ ގޮތުން މިހާރު ވަނީ ބަހުސްކުރަން ފަށައިފައެވެ.
މިދިޔަ ބުދަ ދުވަހު ވެސް ބީއެމްއެލްއާއި ގުޅޭ މިފަދަ މައްސަލައެއް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަތައް ބެލުމަށް މަޖިލީހުގައި ހަދާފައިވާ އެސްއޯއީ ކޮމިޓީއަށް ހުށަހަޅާފައެވެ. އެ ކޮމިޓީއަށް މި މައްސަލަ ހުށަހެޅުއްވީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ