ޕްރައިމަރީ އަކައި ނުލައި ޓިކެޓް ދިނުމަށް ހުރަހެއް ނެތް، އަސާސީ ގަވައިދުގެ ތެރެއިން ވެސް އެކަން ކުރެވޭނެ: އުމަރު
ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްެރައިމަރީ އަކާ ނުލައި ދިނުމަށް އެއްވެސް ހުރަހެއެް ނެތް ކަމަށާއި އެކަން ޕީޕީއެމްގެ އަސާސީ ގަވައިދުގެ ތެރެއިން ވެސް ކުރެވޭނޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ، ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާ ކަން އެއް ދައުރު ފުރިހަމަކުރައްވާ ބޭފުޅަކަށް އެ ބޭފުޅަކު ބޭނުންފުޅު ނަމަ ދެވަނަ ދައުރެއްގެ ޓިކެޓް ޕްރިމަރީއަކާ ނުލައި ވެސް ޕާޓީގެ އަސާސީ ގަވައިދުގެ ތެރެއިން ދެވިދާނޭ ކަމަށާއި އެހެން ނަމަވެސް އެކަން ކުރެވޭނީ ކޮންގްރެސް އަކުން ކަމަށެވެ. ރިޔާސީ ޓިކެޓް ދެވަނަ ފަރާތަކުން ބޭނުންވި ނަމަވެސް ޕްރައިމަރީއެއް ނުބާއްވައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަށް އެ ޓިކެޓް ދިނުމަށް ކޮންގްރެސް އިން ނިންމޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. ޕްރައިމަރީ އަކާ ނުލައި އިތުރު ދައުރަކަށް ރައީސް ކަމަށް ވާދަ ކުރުމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ޕީޕީއެމްގެ ކައުންސިލްގެ ގިނަ މެންބަރުން ތަކެއް ގެންދަވަނީ ގޮވައިލައްވަމުންނެވެ. އެކަމާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ މި މައްސަލަ އަވަސް ކުރާން ބޭނުން ނަމަ ޕީޕިއެމްގެ ކައުންސިލްގައި އެޖެންޑާކޮށްގެން އެކަމާ މަޝްރަވާ ކުރެއްވިދާނޭ ކަމަށާއި އެކަން ނިންމުމަށް ކޮންގްރެސް އެއް ބާއްވަން ވެސް ކައުންސިން ނިންމިދާނޭ ކަމަށެވެ. "ހަގީގަތުގައި ޓިކެޓް ރައީސް ޔާމީނަށް ޕްރައިމަރީ އަކާ ނުލައި ދިނުމަކަށް އެއްވެސް ހުރަހެއް ނެތް. އެހެން ނަމަވެސް އެކަން ކުރެވެން މި އޮތީ ކޮންގްރެސް އެއް ބާއްވައިގެން." އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ، ޚުދު އެމަނިކުފާނު ވެސް ބޭނުންފުޅު ވަނީ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ލިބިވަޑައިގަތުމަށް ކަމަށާއި ތާއީދު ކުރައްވަނީ ވެސް އެގޮތަށް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މި މައްސަލައިގައި ބަހުސް ކުރުމަށް ކައުންސިލް ބައްދަލުވުމެއް ބާއްވަން މެންބަރުން އެދިވަޑައިގެންފި ނަމަ އެކަން ކުރައްވަން ޕާޓީގެ ރައީސަށް ލާޒިމުވެވަޑައިގަންނަވާނޭ ކަމަށެވެ. އެހެން ނަމަވެސް އެ ފަދަ ބައްދަލުވުމެއްގައި ޓިކެޓް ވަކި ފަރާތަކަށް ދޭން ނުނިންމޭނޭ ކަމަށާއި ގޮތެއް ނިންމުމަށް ކޮންގްރެސް އެއް މިހާރުން މިހާރަށް ބާއްވަން ވެސް ނިންމިދާނޭ ކަމަށެވެ. އެންމެ ފަހުން ބޭއްވި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރެއްވި އުމަރު ވިދާޅުވީ، ކޮންގްރެސް އެއް ބޭއްވި ނަމަވެސް ރައީސް ޔާމީން ނޫން ބޭފުޅަކަށް ރިޔާސީ ޓިކެޓް ލިބިވަޑައިނުގަންނަވާނޭ ކަމަށެވެ. ރައީސް ޔާމީނަށް އެވަރުގެ ތާއީދެއް މިހާރު އެބަ އޮތް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، ރައީސް މައުމޫނުގެ ފަރާތްޕުޅުން ޕީޕީއެމްގެ ރިޔާސީ ރޭހަށް އެހެން ބޭފުޅަކު ނެރުއްވަފާނޭ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. އަދި މި ބަހުސް މާދިގު ދެމިގެން ދިއުން ރަނގަޅު ނޫން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ