ބިލްގިސް ބާނޯ ރޭޕް ކޭސް: ކުށްވެރިވި 11 މީހުން ދޫކޮށްލުމުން ސްޕްރީމްކޯޓުން ސުވާލު އުފައްދައިފި

ގުޖުރާތުގައި 2002 ވަނަ އަހަރު ހިންދޫންގެ ބަޔަކު، މުސްލިމް އާއިލާއެއްގެ 7 މީހަކު މަރާލައި، އެ އާއިލާގައި ހިމެނޭ މާބަނޑު އަންހެނެއް ކަމަށް ވާ ބިލްގިސް ބާނޯ ރޭޕްކުރި ލާއިންސާނީ ޖަރީމާގައި ހިމެނޭ 11 މީހުންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ސުވާލު އުފައްދައިފިއެވެ.
އެ 11 މީހުން ދޫކޮށްލުމުން ސްޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައިގައި އެކޯޓުގައި ކުރިއަށް ދާ އަޑުއެހުންތަކުގެ ތެރެއިން އެންމެ ފަހުން އޮތް އަޑުއެހުމުގައި ފަނޑިޔާރުން ވަނީ، އެ ހާދިސާގެ ހައްސާސް ކަމަށް ގުޖުރާތު ކޯޓުން ނަޒަރު ކޮށްފައި ނުވާ ކަމަށް ބުނެފައެވެ.
އެކޯޓުން އިތުރަށް ބުނީ، މާބަނޑު މީހަކު ރޭޕްކުރުމުގެ ކޭސް އަކީ މީހަކު މެރުމުން ބަލަން ޖެހޭ ޕީނަލް ކޯޑިގެ 302 ގެ ދަށުން ރިޔާއަތް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މީސާލު ޖަހަމުން އެ ކޯޓުން ބުނީ، އާފަލާއި އޮރެންޖެއް އެއްވަރު ކުރާނީ ކިހިނެތްތޯއެވެ. އެގޮތުން ގަތުލުއާންމަކާއި އާދައިގެ މަރަކާ އެއްވަރު ކުރާނީ ކިހިނެއްތޯވެސް އެކޯޓުން ވަނީ ސުވާލު ކޮށްފައެވެ.
"މިއަދު އެއީ ބިލްގިސް، މާދަމާ އެކަން ދިމާވަނީ ކޮންމެވެސް އެހެން މީހަކަށް ކަމަށްވެސް ވެދާނެ، އެ ވެދާނެ ކަލެއަށް ވެސް އަދި މަށަށްވެސް"
ހުޅަނގު އިންޑިއާގެ ސްޓޭޓް ގުޖުރާތުގައި 2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ގޭންގު ރޭޕްކޮށް އާއިލާއެއްގެ 14 މީހަކު ހިންދޫ ޖަމާއަތަކުން މަރާލި ހާދިސާގައި ސަލާމަތްވީ، ބިލްގިސް ބާނޯ ކިޔާ އަންހެނަކާއި 2 ކުދިންނެވެ. މި ބިލްގިސް ބާނޯ ވަނީ އޭނާގެ އެ ހިތި ތަޖުރިބާ ނޫސްތަކަށް ކިޔައިދީފައެވެ.
އޭނާ ބުނެފައި ވަނީ، ގޭންގް ރޭޕްކޮށް އެހެން އަންހެނަކު މަރާލި އިރު އޭނާވެސް ގޭންގް ރޭޕް ކުރި ކަމަށާއި ހޭނެތުމުން އެމީހުން އޭނާ ދޫކޮށް ދިޔައީ ކަމަށެވެ.
މި ހަދިސާ އަކީ ގުޖުރާތުގެ ގޯދްރާ އަވަށުގައި, ފަސިންޖަރު ރޭލެއްގައި އަލިފާން ރޯވެ ހިންދޫ ހައްޖުވެރިންގެ 60 މީހުން މަރުވުމުން ފެށި ހަމަނުޖެހުން ތަކުގެ ތެރޭގައި ހިންގި އެންމެ ބިރުވެރި އެއް ޖަރީމާއެވެ.
އަލިފާން ރޯކުރުމުގެ ތުހުމަތު މުސްލިމުންގެ މައްޗަށް ކޮށް، ހިންދޫ ޖަމާއަތްތަކުން ވަނީ މުސްލިމުންގެ އަވަށްތަކަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ. ތިން ދުވަހުގެ ތެރޭގައި 1000 އަށް ވުރެ ގިނަ މީހުން މަރުވި އެ ހާދިސާގައި ގިނައީ މުސްލިމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ