މީގެ ކުރިން ފުޓްބޯޅައިގައި ރާއްޖޭން ހޯދާފައިވާ ކާމިޔާބީތަކުގެ ފޮޓޯތަކާއި ވީޑިއޯތަކުން މިހާރުގެ ހާލަތު ބުނެނުދޭ ކަމަށާއި މިހާރު ފެންނަމުން މިދާ ކަންކަމަކީ ކުރަން ޖެހޭ މަސައްކަތްތަކުގެ ބޮޑުމިން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިިރެކްޓަރުގެ މަގާމުގައި ހުރި ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ.
ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ކުޅޭ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ހަތަރު ގައުމު ވާދަކުރާއިރު، މިހާރު ކޮންމެ ޓީމަކަށް ބާކީ އޮތީ ލީގު ބުރުގައި އެންމެ މެޗެކެވެ.
ލީގު ބުރުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަކަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށް ފޯމެޓް ރޭވިފައި އޮތް ޑައިމަންޑް ޖުބިލީ މުބާރާތުގައި، ފައިނަލުގެ ދޮރު ބަންދުވެފައި އޮތީ ރާއްޖެ އަށް އެކަންޏެވެ. އެއީ، ރާއްޖޭން ވަނީ ކުޅުނު ފުރަތަމަ މެޗުން އަފްގާނިސްތާން އަތުން 1-0 އިން އަދި ދެ ވަނަ މެޗުން ޕާކިސްތާން އަތުން 3-0 އިން ބަލިވެފަ އެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގައި ޕާކިސްތާން އަތުން 3-0 އިން ބަލިވެ، ބާކީ މެޗެއް އޮއްވައި ރާއްޖެ ވަނީ މުބާރާތުން ކަޓައިފައި. މިއީ ވޭތުވެދިޔަ 35 އަހަރު ތެރޭގައި ޕާކިސްތާނުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، ރާއްޖެ ކެޓީ ކުޅުނު ދެ މެޗުން ވެސް ޕޮއިންޓެއް ނުލިބުމުން
ޕާކިސްތާނުން އިއްޔެ ރާއްޖެ ބަލިކޮށްފައިވަނީ 35 އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ. އެއީ، 1991 ވަނަ އަހަރުގެ ސާފް ގޭމްސް އަށް ފަހު ރާއްޖެ އަތުން ޕާކިސްތާންގެ ފުރަތަމަ މޮޅެވެ. އަދި، އިއްޔެގެ މެޗަކީ، ރާއްޖޭގެ ހޯމް މެޗަކުން އެ ޓީމާ ދެކޮޅަށް ޕާކިސްތާނުގެ ފުރަތަމަ މޮޅު ކަމަށްވާއިރު، ފާއިތުވި 962 ދުވަސް ތެރޭ ޕާކިސްތާނުން އިންޓަނޭޝަނަލް މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ޓީމުން މެޗަކުން މޮޅުވީ، 2023 ވަނަ އަހަރު އޮކްޓޫބަރު މަހު ކެމްބޯޑިއާ އަތުންނެވެ.
އިއްޔެގެ މެޗަށް ފަހު، މި ރެކޯޑްތަކާ ގުޅޭގޮތުން އުރްބާނީއާ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ، މިއީ ޕާކިސްތާނުން ރާއްޖެ ބަލިކުރާނެ ފަހު ފަހަރެއް ވެސް ނޫން ކަމަށާއި އެއީ ހަގީގަތް ކަމަށެވެ.
"އެންމެނަށް ވެސް ތިބެވިދާނެ މާޒީގެ ވާހަކަ ދައްކަން. އަހަރެމެންނަށް ވީޑިއޯ ފޫޓޭޖުތައް ވެސް ބެލިދާނެ ސާފް ޗެމްޕިއަންޝިޕްތަކުގެ، (ކާމިޔާބީތަކުގެ) އެ ފޮޓޯތަކާއި ވީޑިއޯތަކުން އެ ފެންނަ ކަންތައްތަކުން ހަގީގަތެއް ބަދަލެއް ނުވާނެ. ހަގީގަތަކީ މި ގައުމުތަކުން މި ކުރަނީ ވަރަށް މަސައްކަތް އެކި ދިމަދިމާލުން ކުޅުންތެރިން ގެނެސްގެން. އެ ޓީމުތަކަށް ބަލާލުމުން ވެސް އެބަ އެނގޭ އެ މީހުން އެ ތިބީ ރަނގަޅަށް ރަނގަޅު ސިސްޓަމްގެ ތެެރެއިންކަން އައިސްގެން،" ރާއްޖޭގެ ކޯޗުކަން މީގެ ކުރިން (2009 އާއި 2013 އާ ދެމެދު) ދެ ފަހަރެއްގެ މަތިން ކޮށްފައިވާ އުރްބާނީ ބުންޏެވެ.
އެފްއޭއެމުން އުރްބާނީ އަލުން ގެނައީ ވެސް ކުރިން ކޮށްފައިވާ މަސައްކަތްތަކަށް ބަލައިފަ އެވެ. އުރްބާނީ ބުނީ، އޭނާ ގާތުގައި، ރާއްޖޭގެ ތަރި، އަލީ އަޝްފާގު (ދަގަނޑޭ)، ބުނެފައިވަނީ ދުވަހަކު ވެސް ޕާކިސްތާން އަތުން ބަލިވެފައިނުވާ ކަމަށެވެ.
"އަހަރެން މި ގައުމުގެ ކޯޗުކަމާ ހަވާލުވެ ހުރެ އެންމެ ރަނގަޅު މެޗެއް ވެސް އޮތީ ޕާކިސްތާނާ އެކު، 600 ޕާސް ވަރު ޖަހައިގެން އެކިއުރެސީ 90 ޕަސެންޓްގައި ބާއްވައި، ޓެކްނިކަލީ ހުރިހާ ގޮތަކުން އެ މީހުންނަށް ވުރެން މޮޅަށް ކުޅެގެން. އެކަމަކު، އެއީ 14 އަހަރު ކުރިން،" އުރްބާނީ ބުންޏެވެ.
"އެހެންވީމަ، މިއަދު އަހަރެން މާ ބޮޑަށް ނަތީޖާގެ ވާހަަަކަ އެނަލައިޒްކުރަން ނެތިން. އެއީ، އެނގެން ބޭނުންވާ ހަގީގަތް އެ ފެންނަނީ ނަތީޖާއިންނެއް ނޫން. އަހަރެމެން އެބަޖެހޭ ދެނެގަންނަން ބޭނުންކުރެވޭނެ ކުޅުންތެރިން. ގޯލު ޖެހޭނެ މަގާމުތަކަށް އައިސް ތަފާތު ދެއްކޭނެ ކުޅުންތެރިން،"
ޑައިމަންޑް ޖުބިލީ މުބާރާތަކީ އުރްބާނީ މިދިޔަ ތިން މަސް ތެރޭ ރާއްޖޭގެ ޓީމެއް ގޮވައިގެން ދިވެހި ފަސްގަނޑުގައި ކުރިމަތިލާ ދެ ވަނަ މުބާރާތެވެ.
މިދިޔަ މާޗް މަހު ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭގެ ކޯޗަކީ އުރްބާނީ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓީ މޮޅެއް ނުލިބި އެވެ. ފުރަތަމަ މެޗުގައި ދެ ގޯލުން ކުރީގައި އޮތް ނަމަވެސް ދެ ވަނަ ހާފުގައި ސްރީ ލަންކާ އިން ފަހަތުން އަރައި 3-2 އިން ރާއްޖެ ބަލިކުރި އެވެ. އޭގެ ފަހުން، ރާއްޖެ ވަނީ ބޫޓާނާ ލަނޑެއް ނުޖެހި އަދި ނޭޕާލާ ދެކޮޅަށް 1-1 އިން އެއްވަރުވެ، މޮޅެއް ނުލިބި އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
އޭގެ ފަހުން، މި ފަހަރުގެ ޑައިމަންޑް ޖުބިލީ މުބާރާތުގެ ފުރަތަމަ ދެ މެޗުން ލަނޑެއް ވެސް ނުޖެހި ބަލިވެފައިވާއިރު، މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ގެއްލިފައި މި ވަނީ ބާކީ މެޗެއް އޮއްވަ އެވެ. އުރްބާނީ އަށް މޮޅެއް ލިބުނީ، އޭޝިއަން ކަޕް ކޮލިފައިންގައި މާޗް 31 ވަަނަ ދުވަހު ގަލޮޅު ދަނޑުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
އުރްބާނީގެ ކޯޗުކަމުގައި ގާތްގާތުގައި ރާއްޖޭން ހޯސްޓްކުރި ދެ މުބާރާތެއްގައި މި ވަރުގެ ދަށް ނަތީޖާތަކާ ކުރިމަތިލާން ޖެހިފައި މި އޮތީ މި ވަގުތު ރާއްޖޭގެ ފުޓްބޯޅައިގެ ލެވަލް އޮތް ހިސާބުންތޯ ސުވާލުކުރުމުން، އޭނާ ބުނީ، ކުރަން ޖެހިފައި އޮތީ "ރިބިލްޑް" ކުރުމުގެ މަސައްކަތެއް ކަމަށެވެ.
"ފުރަތަމަ ކަމަކަށް ރިބިލްޑް ކުރަން ޖެހިފައި އޮތީ ފެޑެރޭޝަން (އެފްއޭއެމް). ދެން، ރިބިލްޑް ކުރަން ޖެހެނީ ހުރިހާ ޑިޕާޓްމަންޓެއް. ދެން ރިބިލްޑް ކުރަން ޖެހެނީ މުބާރާތްތައް. އެކަންކަން އެބަހިނގާ. އެތަންތަނަށް ރަނގަޅު މީހުން ހޯދައި އެކަންކަން ރަނގަޅަށް ހިނގައިގަންނަންޖެހޭ. އަހަރުތަކެއް ވަންދެން ނުވެ އޮތް ކަންތައްތަކެއް، ހަފްތާތަކަކުން ނޫނީ މަސްތަކަކުން ނުވާނެ،" އުރްބާނީ ބުންޏެވެ.
އުރްބާނީ، އެ ދެއްކި ވާހަކަތައް އިތުރަށް ތަފްސީލް ކޮށްދިނުމުގެ ގޮތުން، މިސާލެއްގެ ގޮތުގައި ބުނީ، ކުރަން ޖެހޭ މަސައްކަަތް އޮތީ "އިންސާނެއްގެ ހަށިގަނޑަށް" ބަލައިގެން ކުރަން ޖެހޭ ކަހަލަ ގޮތަކަށް ކަމަށެވެ.
"މިސާލަކަށް އަހަރެމެންގެ ހަށިގަނޑަށް ބަދަލެއް ގެންނަން ބޭނުންނުވެ އަހަރުތަކެއް ވަންދެން ހުރުމަށް ފަހު. ކުއްލިއަކަށް ޖިމް އަށް ދިޔަސް އެ ކަމެއް ނުވާނެ. އެއީ މިކަމުގެ އަސްލަށް ބަލާއިރު، ވާދަކުރަންޖެހޭ، ބާކީ ހުރިހާ އެންމެން އެ ތިބީ ގަވާއިދުން ޖިމް އަށް ގޮސްގޮސް،" އުރްބާނީ ބުންޏެވެ.
"ގްރާސްރޫޓަށް މަަސައްކަތްކުރުން ވަރަށް މުހިންމު، އެއީ ގިނަ ބަޔަކު މި ކަމުގެ ތެރޭގައި ޝާމިލްކުރެވޭނެ. ދެން، އެބަޖެހޭ، ފުޓްސަލް އާއި ފުޓްބޯޅައިގެ ތެރޭގައި މި އޮތް ފުށުއެރުންތައް ނައްތާލަން. ހުރިހާ ދިމާލެއްގައި އެއްކަމެއް ނުވާނެ (އެއް ކުޅުންތެރިންތަކަކަށް ނުކުޅެވޭނެ). ވާދަވެރި (ގައުމީ) ޓިމެއް ބިނާކުރަން ކުރަން ޖެހޭ މަސައްކަތް ބައިވަަރު އެބަހުރި،"
ރާއްޖެ އަށް ޑައިމަންޑް ޖުބިލީ މުބާރާތުގައި ބާކީ އޮތް މެޗަކީ، ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ. އެ ޓީމުން ވަނީ ފުރަތަމަ ދެ މެޗުގައި އަފްގާނިސްތާން އާއި ޕާކިސްތާން ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައި، ދެ މެޗުން ދެ ޕޮއިންޓް ހޯދައިފަ އެވެ.
އުރްބާނީ ބުނީ، ބަންގްލަދޭޝްގެ ފަރާތުން އެ ފެންނަނީ އޭނާގެ ފުޓްބޯޅަ ފިލޯސަފީއާ އެންމެ ގުޅޭ ކުޅުން ކަމަށެވެ. އޭގެ މާނަ އަކީ އެ ޓީމަކީ، އަފްގާނިސްތާނާއި ޕާކިސްތާނަށް ވުރެން މޮޅު ޓީމަކަށް ވުމެއް ނޫން ކަމަށާއި ބަންގްލަދޭޝްގެ ސްޓައިލް ފެންނަނީ ޖެހިލުންކުޑަކަމާ އެކީ ކުޅެން ކެރޭ ޓީމެއް ގޮތަށް ކަމަށެެވެ.
"ބަންގްލަދޭޝް އަށް މި ލެވަލްގެ ޓީމުތަކާ ދެކޮޅަށް ކުޅެން މިހާރު ފޮނުވާފައި އެ އޮތް ޓީމު ފޮނުވީމަ އެބަ އެނގޭ އެ މީހުންގެ ކުޅުންތެރިންގެ ޕޫލް އެ އޮތި ވަރަށް ރަނގަޅަށްކަން. އެހެންވީމަ އަހަރެމެން ވެސް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރަންވީ މަސައްކަތް،" އުރްބާނީ ބުންޏެވެ.
އޭނާ ބުނީ، ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމަށް އޮގަސްޓް ފަހު ކޮޅުގައި ނޫނީ ސެޕްޓެމްބަރު ކުރީކޮޅުގައި އޭއެފްސީ ކޮލިފައިން ކުޅެން ޖެހޭއިރު، މިހާރު ހާލަތު އޮތްގޮތުން، އެ ކުޅުންތެރިންނަށް ކޭމްޕެއް ދެވޭނެ ގޮތެއް ނެތް ކަމަށާއި އޭރު ދިވެހި ޕްރިމިއާ ލީގު ކުޅެން ޖެހޭތީ ވާނެ ގޮތެއް ސާފުނުވެ އޮތް ކަމަށެވެ.
"ނެތް މި ވަގުތަށް ބަލާއިރު ޕްރޮމިސްއެއް ވެފައެއް. ހަތަރެއް ނޫނީ ފަސް ހަފްތާގެ ޓްރެއިިނިން ކޭމްޕެއް، ތިނެއް ނޫނީ ހަތަރު މެޗު ކުޅެން ލިބޭ ގޮތަށް ރޭވޭނެ ކަމެއް. އެއީ، އޭރު ދިވެހި ޕްެރިމިއާ ލީގު ކުޅޭތީ އާއި ކުޅުންތެރިން އެކި ދިމަދިމާލުގައި ކުޅޭނެތީ. އަހަރެމެންނަށް ކުރިއެރުމެއް ފެންނާނީ ދުރާލާ ރޭވިގެން މަސައްކަތް ކޮށްގެން،" އުރްބާނީ ބުންޏެވެ.
މިހާރު ހާލަތު އޮތްގޮތުން މެޗުތަކުން ކިތަންމެ ވަރަކަށް ބަލިވި ކަމުގައި ވިޔަސް އޭނާގެ ވިސްނުމަކީ މުބާރާތްތައް އިތުރުކުރުމާއި ކުޅުންތެރިން ކުޅެން ލިބޭ ބައިނަލްއަގުވާމީ ލެވަލްގެ މެޗުތައް އިތުރުކުރުން ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އަދި، ހަމައެކަނި ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ނޫނީ ލޯކަލް މުބާރާތްތައް ކުޅެގެން ބައިނަލްއަގުވާމީ ލެވަލްގައި ކާމިޔާބު ހޯދުމަކީ ވާނެ ކަމެއް ނޫން ކަަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
"މިއީ ފާޑުކިޔަނީ އެއް ނޫން. މިއީ ފެކްޓަށް ވާހަކަ ދައްކަނީ. އަހަރެމެން ވާދަކުރަން މި ޖެހޭ ޓީމުތަކުން އަހަރެއްގެ މައްޗަށް ކުޅެނީ ކިތަން މެޗުތޯ. އެ މީހުންގެ ކުޅުންތެރިން އެ އަންނަނީ ކޮން ސިސްޓަމެއްގެ ތެރެއިންތޯ މިއީ ހައްތަހާ ވެސް ބަލަން ޖެހޭ ކަންކަން،" އުރްބާނީ ބުންޏެވެ،
ރާއްޖޭން ވަނީ ޑައިމަންޑް ޖުބިލީ ފުރަތަމަ ދެ މެޗުގެ ފުރަތަމަ އެގާރަ އަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އަދި، ތިން ވަނަ މެޗުގައި ބަންގްލަދޭޝާ ކުޅޭ މެޗަށް ވެސް ބަދަލުތަކެއް ފެންނާނެ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ ފޮޓޯތަކާއި ވީޑިއޯތަކުން މިހާރުގެ ހަގީގަތެއް ބުނެނުދޭ: އުރްބާނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ