އެކްސިޑެންޓް 14
"ހައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހު ވީހާވެސް ގިނައިން އަޅުކަމުގައި ވަގުތު ހޭދަކުރަންވާނެއެވެ. އެއީ އާޚިރަތަށް ކުރެވޭ ފައިދާހުރި އަމަލެކެވެ. ގެއްލިގެންނުދާނެ ވަގުތުތަކެވެ." *** ކާދިން ހިތާމަވެރިގޮތަކަށް ހީލިއެވެ."ހިތްހެޔޮކަމަކީ ބަލިކަށިކަމެއްނޫން. އަދި ތި ރުޅިއާއި ހިތާމައަށް އިހުތިރާމް ކުރަން. އޭގެ މާނައަކީ އެކަނިމާއެކަނި އެކަން އުފުލާކަށް ނުޖެހޭ ނޫނީ އެކަމާއިހެދި ކޮންމެހެން ކަންޒާ ގެ ދިރިއުޅުން ހަލާކުކޮށްލާކަށްވެސް ނުޖެހޭ..." ކަންޒާގެ ނޭވާ ހުއްޓުނުހެން ހީވިއެވެ. އެތައް އަހަރަކަށްފަހު ހިތުގައި އޮތް ބަދަލުހިފުމުގެ ރޫހު ކުޑަކޮށް މަޑުވިއެވެ. މުޅިން ނިވުނީއެއްނޫނެވެ. ނަމަވެސް ކުށްވެރިކަމުގެ އިހުސާސާއި އޭނަގެ ހިތުގައި އުފެދުނު ކުޑަ އިތުބާރެއްގެ ސަބަބުން ބަދަލު ހިފަން އުދަގޫވެސް ވީއެވެ. **** ރިޒޯޓުގެ އޮފީހުގެ އޮފްއަރަމުންދާ ތަޅުންމައްޗަށް ވެރިވެފައިވީ ހެނދުނުގެ ރަން އަލިކަމެވެ. އެތަނުގެ ފާރުތައް ޒީނަތްތެރިކުރެވިފައިވަނީ އަރަބި ކެލިގްރަފީއިންނެވެ. ކާދިން އެތަނުގައި ހިނގަމުން ދިޔައިރު އެހެން ތަސައްވަރެއް ސިކުނޑީގައިވިއެވެ. މިތަން ވާން ޖެހޭނީ ހަމައެކަނި ފިކުރާއި ހާސްކަމުން ސަލާމަތްވާން އަންނަ އަރާމު މަންޒިލެއްގެ ގޮތުގައި އެކަންޏެއްނޫނެވެ. ސަގާފަތާއި ރޫހާނީކަން އަދި ދީލަތިކަމުގެ ހިޔާވައްސެއްގެ ގޮތުގައެވެ. އޭނަ މަޑުކޮށްލީ އަރަބި ސައިޖޯޑު ސެޓްތަކާއި ކަދުރުގެ ޑިސްޕްލޭއެއް ރީތިކޮށްލުމަށެވެ. މި ތަނުން މެހުމާނުންނަށް އިސްލާމީ މެހުމާންދާރީ އޭގެ އެންމެ ސާފުގޮތުގައި ފެންނާނެއެވެ. "މިތަންވާން ޖެހޭނީ ހޮޓަލަކަށް އެކަންޏެއްނޫން.. މިތަނުން ސަގާފަތް ދިރުވާ މުޖުތަމައަށް ޚިދުމަތްކޮށްދީ އަދި އެހެން މީހުން އިންސްޕަޔާ ވާތަނަކަށްވާން ޖެހޭ..." ކަންޒާ ކާދިން ހޯދަމުން އެހިސާބަށް އައެވެ. "ގުޑް މޯނިން..އަހަރެން މިއައީ ސްކޯލާޝިޕް ފަންޑު ބޭނުންވާ އާއިލާތަކުގެ މައުލޫމާތު ހޯދައިގެން...." "ހާދަ ރަގަޅޭ......." އޭނަ އެ ފައިލްތައް އަތުލިއެވެ."ކަންޒާއަށް އެނގޭތަ؟ އަހަރެން ވިސްނަމުން ދިޔައީ ރިޒޯޓްގެ ކަލްޗަރަލް ސައިޑާއިމެދު...ގިނައިން އަރަބިން ގެނެސް އެމީހުންނަށްވެސް ތަފާތު ތަޖުރިބާކުރުވާ ތަނަކަށް ހަދަން...ފަހަރެއްގައި ޕްރިންސެއްވެސް މިތަނަށް ގެންނަގޮތަށް...." "ޕްރިންސް މުހައްމަދު؟ ކާދިން ތިވިސްނަނީ ހާދަ މަތިން..." "އަހަރެން ބޭނުންވަނީ މިތަން ހަމައެކަނި ލަގްޒަރީ ތަނަކަށް ވުމަށްވުރެ އެހެން ގޮތަކަށް މަޝްހޫރުވާން.." "ދުނިޔެ ފޭރިގަންނަ އެއްޗެހި އަބަދާ އަބަދު ފެންނާތީ މީހުންނަށް ދިނުމަށް ފަސޭހަވެގެން ދޭ...އަހަރެން ބޭނުންވަނީ އެއްވެސް މީހަކު މިތަނުގައި ގެއްލިގެން ނޫނީ ބާކީވެފައި ނުހުންނާނެ ފަދަ ތަނަކަށް ހަދަން.." "ކާދިން ތިބުނާހާކަމެއް މިހާރުވެސް މިތަނުގައި ފުރިހަމަ..އިތުރަށް އެންމެ ފުރިހަމަކުރަން ބަލަންޏާ މިއީ ދުނިޔެ...ހަމަ ނިމިގެންދާނެ ތަނެއް..." "އޯ....ޔޫ އަ ރައިޓް ކަންޒާ.. ހަނދާންކޮށްދިނީތީ ޝުކުރުވެރިވަން...ދެއްކުންތެރިކަމަކީ އަހަރެމެން އެކަމާއި ދުރުހެލިވާންޖެހޭ ކަމެއް.."ކާދިން ހިނިތުންވެލިއެވެ. އެ ސީރިޔަސް މޫނުމައްޗަށް ރީތި ބަދަލެއް ގެނެސްދިނުމާއެކު ދަތްއުގުޅާ ބޭހެއްގެ އިޝްތިހާރަކަށް ފުދޭވަރުގެ ހުދު ދަތްތަކެވެ. އެކަމަކު ހުނުމުގެ ހައްގު އޮވެގެންނުވާނެއެވެ. ކަންޒާގެ ހިތުގައި އަނެއްކާވެސް ތޫފާނުގެ އަސަރުތައް އުތުރި އަރައިގަތެވެ. އަޖައިބެކެވެ. އޭނައަށް ކާދިންދެނެ ނަފްރަތުކުރެވޭއިރު ބައެއްފަހަރު އެ ސިފަތަކަށް ލެނބެނީ ކީއްވެހެއްޔެވެ؟ *** ކަންޒާ މާލޭގެ ކްލިނިކަކަށް ދިޔައީ އޭނައަށް ކުރިމަތިވަމުންދާ ނަފްސާނީ މައްސަލަތަކަށް އަމިއްލައަށް ހައްލެއް ހޯދަން އުދަގޫވެގެންނެވެ. ކަންޒާ އެ ސެޝަނަށް ގޮސް ތެރަޕިސްޓްއާއި ވާހަކަދެއްކީ ޒަމާންތަކަކަށް އޭނައާއިއެކުގައިވާ ކުށްވެރި އިހުސާސާއި ބަދަލުހިފުން އަދި އެންޒައިޓީއާއި ކުރިމަތިލުމަށެވެ. ސިކުނޑީގައި ރައްކާކޮށްގެން ދުވަހަކު ހަމަޖެހުމެއް ނުލިބޭނެއެވެ. ތެރަޕިސްޓަކީ އެހާ މަޝްހޫރު ނޫނަސް ފުދޭވަރަކަށް ރަގަޅު މީހެކެވެ. ސަވާގެ ހިނިތުންވުމާއި އޯގާތެރިކަމަކީވެސް ފަރުވާއެކެވެ. ކިތަންމެ އިރެއްވާންދެން އަޑުއަހަން އިންނަނީ ކެތްތެރިކަމުގެ މިސާލެއްފަދައިންނެވެ. "ވަރަށް ދުވަސްވާންދެން ތިކަމުގެ ތެރޭ އުޅެވިއްޖެ..ގްރީފް...ކުށްވެރިކަން...ރުޅި..އަދި ކޮއްކޮމެންގެ ޒިންމާގެ ބުރައަކީ ކޮންމެ މީހަކަށްވެސް އުފުލަން ފަސޭހަކަމެއްނޫން...އިމޯޝަނަލީ ވަރުގަދަ މީހުންނަށްވެސް ޗެލެންޖަކަށްވާނެ.." "މިހާރު އެ ފިރިހެންކުއްޖާ.....ކާދިން...އޭނަ އަނެއްކާ ދިރިއުޅުމަށް އައީ...އޭނަގެ ހަނދާނުން އެދުވަސްތައް ފޮހެވިފައިވަނީ..އަހަރެން އޭނަދެކެ ރުޅި އާދޭ އެކަމަކު ހަމަ ކެއާކުރެވޭ.. ހުރިހާކަމެއް އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައި މިވަނީ..." "އެއީ ހަމަ ނޯމަލްކަމެއް..ސިކުނޑިއަށް ހަމަޖެހުން ގެނެސްދޭން އެންމެ ފުރަތަމަ ފިޔަވަޅަކީ ތިމާގެ ޖަޒުބާތުތައް ދެނެގަތުން. ފަލްސަފާ ކުރުމަކާއި ނުލާ އަދި މާޒީއާއި މިހާރު ދުރުކޮށްފައި ބަހައްޓަން ދަސްކުރަންވީ...ލޯތްބާއި ރުޅިއަކީ އެކީގައި އަތުވެދާނެ އިހުސާސެއް...ހަމަ އިންސާފު ހޯދަން އެދުމާއެކު މާފުދިނުންވެސް ގުޅި ލާމެހިފައިވަނީ..." ސަވާ ގެ ހުރިހާ ސަމާލުކަމެއްވަނީ އޭނައަށް ހުއްޓިފައެވެ."ދެން އޮތީ ދީނީ ކަންތައްތަކުގައި މަޝްޣޫލުވުން...ގިނައިން ނަމާދުކޮށް ގުރުއާން ކިޔަވާ ޒިކުރުކުރުން..ހެއްދެވިފަރާތާއި އޮންނަ ގުޅުން ރަގަޅުކުރަން މަސައްކަތްކުރުމުން ސިކުނޑިއަށް އޭގެ ރަގަޅު އަސަރުކުރާނެ..." ކަންޒާެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ތިރިއަށް ދެމިގަތެވެ. އެވަގުތު އޭނައަށް އިހުސާސްވީ ހިތުގައި ޖެހިފައިވާ ގޮށްތައް ނައްޓަން އެހެން މީހެއްގެ އެހީތެރިކަމަށް އޭނަ ބޭނުންވެފައިވާ މިންވަރެވެ. ކަންޒާއަށް ސަވާގެ އެންމެ ފަހުގެ ވާހަކަތަކާއިމެދު ވިސްނުނެވެ. އޭނަ އަޅުކަމަށް ފަރުވާ ބެހެއްޓުމުން ހިތާއި ރޫހަށްވެސް އަރާމުވެއެވެ. ﷲ ތައާލާ ދުނިޔެއަށް ފޮނުއްވި މަގުސަދު ހަނދާން ނައްތާލާފައި ބަދަލުހިފުމާއި ރުޅިވެރިކަމުން ހިތް ކަޅިކުރުމަކީ ރަގަޅުކަމެއްނޫނެވެ. ހިތް ސާފުކޮށް ދިރިއުޅުމާއިގެން ކުރިއަށް ދާންވީއެވެ. *** ކާދިން ރިޒޯޓްގެ ވިލާގެ ފެންޑާގައި އިސް މުވައްޒަފުންތަކާއި ވާހަކަދައްކަން އިނެވެ. ރިޒޯޓްގެ ފެންވަރު ރަަގަޅުކުރަން އިތުރަށް ކުރަންވީ ކަންތައްތަކާއެކު ނަމާދު ކުރާ ތަންތަން ހެދުމަށެވެ ޒުވާނުންނަށް ތައުލީމީ ޕްރޮގްރާމްތަކެއް ހިންގުމާއި ސަގާފީ ވޯކްޝޮޕްތައް ބައިނަލްއަގުވާމީ ގެސްޓުންނަށް ބޭއްވުމަށްވެސް ވާހަކަދެކެވުނެވެ. ކާދިން އެއްލި ކަޅިއަކުން ފެނުނީ ތަންކޮޅެއް ދުރުގައި ކަންޒާ އެމީހުންނަށް ބަލަން ހުއްޓައެވެ. އެހާ ދުރުން ފެނުމުން ކަންޒާގެ މޫނުގެ ޝުއޫރުތައް ކިޔަން ނޭގުނެވެ. އެނގުނުހާ ކަމަކީ ކަންޒާގެ ހާޟިރުގައި ނޫނީ އޭނައަށް އެފަދަ އިހުސާސްތައް ނުކުރެވޭކަމެވެ. *** ހަނދު އުދަރެހުން ފައުޅުވީ ވިލަށް ރިހި އަލި އޮއްސަމުންނެވެ. ޖޭސްމިން މަލުގެ މީރުވަހުން ފަޒާ ހުވަދުލެވިފައިވިއެވެ. ފާނޫޒުގެ އަލީގައި ކާދިން އެކަނިމާ އެކަނި ކާން އިންދާ ކަންޒާ މަޑު ފިޔަވަޅުތަކެއްގައި އައެވެ. "އެކަނިތަ؟ ހީކުރީ އަރަބި ޕްރިންސެއް އަންނާނެކަމަށް..." ކާދިން ހީގަތެވެ."އަރަބި އިންވެސްޓަރުންނަށް ހުޅުވައިލީމަ ޕްރިންސުންވެސް އަންނާނެކަމަށް މިބަލަނީ. ކޮއްކޮމެން ކިހިނެއްތަ؟" "އަލްހަމްދުލިﷲ...." "އެކަނި ކާންވީމަ ފޫހިވެފައި މިއިނީ...މަންމައާއި ބައްޕަ ނެތީމަ ދެން އެހެން ކާކު ދޯ ހުންނާނީ....އަހަންނާއި ބައިވެރިވާންވީނު..." "ކައިގެން މިއައީ..."ކަންޒާ އަވަހަށް ބުނެލިއެވެ."މިއަދު ދިޔައިން ތެރަޕީ ނަގަން...." "ކަންޒާ އަމިއްލައަށްވެސް ތެރަޕީދެވޭނެކަމަށް ހީކުރީ..އެހެން މީހެއްގެ އެހީތެރިކަމާއިނުލާ............." "ކާކު ތެރަޕިސްޓަކީ؟ ކީކޭ އޭނަ ބުނީ؟" ދެމީހުން ވާހަކަ ދައްކަން ތިބި މަންޒަރު މެހެރްއަށް ފެނުމުން ނިތްކުރީގައި ރޫތައް ގިނަވިއެވެ. އޭނަގެ ދަރިފުޅުގެ ފަހަތުން ކަންޒާ އުޅޭނީ ފައިސާއާއިހެދި ނޫނީ ބަދަލުހިފުން ފުރިހަމަނުވެގެންނެވެ. އެދެމީހުން ވާހަކަދައްކަން ތިބިތަން ފެނުމުން ހިތުގައި ހަސަދައިގެ ކަންޏެއްވެސް ފިޔަޖަހައިލިއެވެ. *** އިރުގެ ރަން އަލި ރާޅުތަކުގެ މައްޗަށް އެޅި ބަބުޅަމުންދިޔައިރު އަތިރިމަތީގައި އޮށޯންނަން ހަދާފައި ހުރި ގޮނޑިއެއްގައި އިށީދެލައިގެން ކަންޒާއިނެވެ.ކައިރީގައި ހުރި ރުއްތަކުގެ ހިޔަނި ދޮންވެލިގަނޑަށް އެޅިފައިވާއިރު އެތަން ފެންނަނީ ހަމަ ޕޯސްޓްކާޑެއްހާ ފުރިހަމަކޮށެވެ. މަޑުމަޑުން ޖެހެމުން ދިޔަ ވައިރޯޅިއާއެކު އަތުގައިވާ ވާހަކަފޮތުގެ ގަނޑުތައް އަމިއްލައަށް އުކެމުން ދިޔައެވެ. ކަނޑުގެ ރާޅުތަކުގެ ލަވައާއެކު އެހެން ދުނިޔެއަކަށް ގެނބިފައި އޮތްވާ ސިހުނީ މެހެރް ކުރިމަތީގައި ހުއްޓިހުރިތަން ފެނިފައެވެ. "ވަރަށް އަރާމު ދިރިއުޅުމެއް ދޯ...." ކަންޒާ އަވަހަށް ހަށިގަނޑު ސީދާކޮށްލަމުން އިށީނެވެ. "އަހަރެން ކުރިންވެސް ކަލެއަށް އިންޒާރު ދިނިން..ކަލެއަކީ މިތަނަށް ހައްގު މީހެއްނޫން..ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ އިތުރަށް އަހަރެންގެ ދަރިފުޅުގެ ދިރިއުޅުމާއި ދުރުގައި ހުރޭ..ކަލެއަށް ހައްގު ނޫން ސަމާލުކަމެއް ހޯދަން އުޅުމަށް ކެތެއްނުކުރެވޭނެ...."މެހެރްގެ އަޑު މަޑުވިނަމަވެސް ފިނި އަދި އަމުރުވެރިގޮތެއްވިއެވެ. "މެޑަމް..އަޅުގަނޑުގެ މަސްއޫލިއްޔަތުގެ ބޭރުން ކަމެއްނުކުރަން. އެކަމަކު ހަގީގީ ސިފައެއްވެސް ނުފޮރުވާނަން.." "ވިސްނައިގެން އުޅޭތި އަންހެންކުއްޖާ..ބައެއް ހުރަސްތަކަކީ ހުރަސްކޮށްގެން ފަރުޖެހޭނެ އެއްޗެއްނޫން.." މެހެރް ދުރަށް ދާން ހިނގައިގަތެވެ. *** މެހެރްގެ ލަވަތައް އަދިވެސް އާއްމުންގެ މެދުގައި މަގުބޫލެވެ. އެކަމާއި އޭނަ ފަޙުރުވެރިވެއެވެ. އެހެން މީހުންގެ ސަމާލުކަމާއި ލޯބި އޭނައަށް މުހިއްމެވެ. އޭނަ ގޮނޑިއެއްގައި ފަރިގޮތަކަށް އިށީދެލައިގެން ލަވައެއްގެ ރާގު މަޑުމަޑުން އަޅުވައިލިއެވެ. އޭނައަަކީ ދުވަހެއްގެ ކޮޅުންވެސް ދީނީ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ދިން މީހެއްނޫނެވެ. އޭނަގެ މުޅި ދިރިއުޅުން ހުސްކޮށްފައިވަނީ މިއުޒިކާއި، ސްޓޭޖްގެ ހުށަހެޅުންތަކާއި ދުނިޔަވީ އުފާތަކަށެބެ. ކާދިންގެ މާމަ އެހާ ލޯބިކުރި ނަމާދުތަކަށް މެހެރް ފަރުވާކުޑަކުރާތީ ކާދިން އެކަމާއި ހާސްވެއެވެ. މަންމަ މިއުޒިކާއިއެކު ލަވަކިޔ އަޑު އިވުމުން ކާދިންގެ ބުމަ ކައިިރިވެލިއެވެ. ނުރުހުމުގެ ސަބަބުންނޫނެވެ. ނަމަވެސް އެ މިއިޒުކާއި އަޑުހަރުވުމުން ހިތުގެ ހަމަޖެހުން ގެއްލިގެންދާތީއެވެ. އޭނަ ބޭނުންވީ މަންމަ އެކަން ހުއްޓައިލުމަށެވެ. ހެނދުނުގެ މި ހިމޭން ވަގުތަށް އިހުތިރާމް ކުރުމަށެވެ. އަޑާއި ރާގުތަކަށްވުރެ ފުން ހިމޭންކަމުގައި ބައިވެރިވުމަށެވެ. އެންމެފަހުން ކާދިން ކޮޓަރިން ނުކުމެގެން ސިޓިން ރޫމަަށް އައެވެ."މަންމާ..." "ޔެސް ދަރިފުޅު....." "ޕްލީޒް މިގަޑީގައެއްނޫން...ވަރަށް އުދަގޫ އެބަވޭ..ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ޕްލީޒް..."ކާދިން ވާހަކަދެއްކީ މަޑުން ނަމަވެސް އަޑުގައި ނުތަނަވަސްކަމެއް ހުއްޓެވެ. މެހެރް ކުޑަކޮށް ބޯ އަރިކޮށްލީ ކުއްލިއަކަށް ކަންފަތުގައި ޖެހުނު ހާސްވާފަދަ އަޑަކަށް ސަމާލުވި ބުޅަލެއްފަަދައިންނެވެ. މަޖާ ބެލުމެކެވެ."އުދަގޫވީއޭ؟މިއީ މިއުޒިކޭ..ކާދިން..މިއުޒިކަކީ ދިރިއުޅުން.. ދަރިފުޅަށްވެސް ދިރިއުޅުން ކޮށްޓަކަށް ނުލެވޭނެއްނު..." ކާދިންގެ ދަތްތަކަށް ބާރުވެލިއެވެ."މިގަޑީގައެއްނޫން..އަޅުގަނޑު ބޭނުންވަނީ ހިމޭންކަން...ކުޑަ ވަގުތުކޮޅަކަށް..ޕްލީޒް.." މެހެރް ކުޑަކޮށް ހީލިއެވެ. ބޯ ހޫރައިލަމުން އަނެއްކާވެސް ލަވަ ކިޔަންފެށިއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ