ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް އާއި ހުރާ އެއްވަރު

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ ކުޅުން މިއަދު ފެށިގެންދިޔައިރު، ކުޅުނު ފުރަތަމަ މެޗުން ކްލަބް ގްރީން ސްޓްރީޓްސް އާއި ކ. ހުރާ ކޮމިއުނިޓީ ކްލަބް 1-1 އިން އެއްވަރުވެއްޖެ އެވެ. 
ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑެއް އެކުލަވާލާފައިވާ ގޮތުން ވަނީ ހަތަރު ރީޖަން އަކަށް ބެހިފަ އެވެ. އެ ގޮތުން، ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން އަށް ބަހާލައިފައިވާއިރު، މާލެ ރީޖަނަކީ ކުރީގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާެރާތެެވެ.  މާލެ ރީޖަނުގެ ޗެމްޕިއަނުންގެ ގޮތުގައި ބިސް ބުރު ސްޕޯޓްސް އިން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނެ އެވެ، އަދި، ނޯތު ރީޖަނުން ލިބޭ ޖާގަ ހއ. ދިއްދޫން ހޯދިއިރު، ސެންޓްރަލް ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހުރާ އަށް ވަނީ ލިބިފަ އެވެ. ކޮލިފިކޭޝަންގެ ފަހު ޖާގަ ހޯދީ ސައުތު ލީގުގެ ޗެމްޕިއަން، ގދ. ގައްދޫ އެވެ. ދެން ކޮލިފިކޭޝަނުގައި ކުޅެނީ، ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ އަށް ދިޔަ، ޓީސީ ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓްސް އެވެ.
ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި މި ހަ ޓީމު ވާދަކުރާއިރު، ހަތަރު ޓީމެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ. 
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި، ލީޑުނެގީ ގްރީން ސްޓްރީޓްސް އިންނެވެ. އަލީ ނިސްތާރު މުހައްމަދުގެ ކޯޗުކަމުގައި ކުޅޭ ގްރީން ސްޓްރީޓްސް އިން ލަނޑު ޖެހީ 31 ވަަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ހުޒާމް ހަމީދު އެވެ. މިއީ، ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ހުޒާމް ބޮލުންޖެހި ގޯލެކެވެ. އެ ބޯޅަ ސަލާމަތްކުރެވޭތޯ އެރި ހުރާގެ ކީޕަރު، އަހުމަދު އަރީޝް އަށް ލިބުމުގެ ކުރިން ހުޒާމް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 
ގްރީން ސްޓްރީޓްސް އިން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ވިހި މިނިޓް ތެރޭ ހުރާ އިން އެއްވަރުކުރި އެވެ. އަހުމަދު ޝަރީފް (ޑުންގާ) ހަވާލުވެހުރި ހުރާ އިން މި ލަނޑު ޖެހީ 65 ވަނަ މިނިޓްގަ އެވެ. ހުރާގެ ސަޕޯޓަރުން ވެސް ދަނޑަށް ވަދެ، ޓީމަށް ތަރުހީބު ދެމުންދިޔަ މި މެޗުގައި އެ ޓީމުގެ ލަނޑު ޖެހީ، ބިދޭސީ ފޯވާޑް، ސާދު އަބްދުލް އަޒީޒް އިބްރާހިމް އެވެ. އޭރިއާރޮނގުމަތިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ސާދު ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. 
މެޗުގެ ބާކީ ވަގުތުގައި ދެ ޓީމުން ވެސް ކުރިއަށްޖެހިގެން ކުޅެ، ލަނޑު ޖެހޭތޯ ބެލި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ. 
ކޮލިފިކޭޝަނުގައި މިރޭ ކުޅޭނީ ހއ. ދިއްދޫ އާއި ގދ. ގައްދޫ އެވެ. އަދި، މާދަމާރޭ ބިސް ބުރު ސްޕޯޓްސް ކްލަބުން ޓީސީއާ ދެކޮޅަށް ނުކުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ