އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ފަސް ދައުވާވެސް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 25 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ ދައުވާއެއް އަދި މަނީ ލޯންޑަރިންގެ އެއް ދައުވާ އެވެ.
ފޭރުމުގެ ދައުވާގައި އޭނާއަށް އިއްވީ އަށް އަހަރުގެ ޖަލު ހުކުމެކެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށަށް ޝަމްއާންގެ މައްޗަށް އިއްވީ ދެ އަހަރު ދުވަހުގެ ހުކުމެކެވެ. މަނީ ލޯންޑާ ކުރުމުގެ ކުށަށް އޭނާގެ މައްޗަށް އިއްވީ 15 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
އޭގެ އިތުރުން އޭނާ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ފޭރުނު ކަމަށް ބުނާ ފަސް ލައްކަ ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި އަނބުރާ އެމީހާއާ ހަވާލު ކުރަން ވެސް ކޯޓުން ހުކުމް ކުރި އެވެ.
ކޮންޓްރޯލާގެ މަގާމުން 21 މާޗު 2025 ގައި ޝަމްއާން ވަކިކޮށް، އޭނާ ހައްޔަރުކުރީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރުކުރީ އޭގެ އެއް ދުވަސް ފަހުންނެވެ.
އެ މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެއަށްފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން 6 އޭޕްރިލް 2025 ގައި ކޯޓުން އަމުރުކުރި އެވެ. ނަމަވެސް މައްސަލައާ ގުޅިގެން ބަންދުގައި 278 ދުވަސް ހޭދަކުރި ފަހުން 25 ޑިސެންބަރު 2025 ގައި އޭނާ ބަންދުން ދޫކޮށްލި އެވެ.
ޝަމްއާން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ