އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނާނީ ބަދަލު ހިފުމުގެ ރޫހެއްގައި ނޫން ކަމަށާއި އެކަމަކު ރަށުގެ ރައްޔިތުންނަށްޓަކައި މި މެޗުން މޮޅެއް ހާއްސަ ވާނެ ކަމަށް ގދ. ތިނަދޫ ޓީމުގެ ސްޕެއިން ކޯޗު މާޓިނޭޒް ހުއާން މެނުއަލް ބުނެފި އެވެ.
ކުޑަހުވަދޫން މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ތިނަދޫ ބަލިކުރުމަށް ފަހު އެވެ. މާޓިނޭޒް ބުނީ ތިނަދޫ ޓީމުގައި ތިބީ އެ މެޗު ކުޅުނު ދެ ތިން ކުޅުންތެރިއެއް ކަމަށެވެ. އެހެންވުމާ އެކު އެ މެޗުގެ މާ ބޮޑު އަސަރެއް ނެތް ކަމަށް އޭނާ ބުންޏެވެ.
"އެކަމަކު ރަށުގެ ރައްޔިތުންނަށް ވަރަށް މުހިއްމު ވާނެ މޮޅެއް (ފައިނަލުން ބަލިވެފައިވާތީ). އަހަރެންގެ ޒިންމާއަކީ ރައްޔިތުން އުފާކޮށްދިނުން. އެހެންވެ އަހަރެން މަސައްކަތްކުރާނަން އެކަން ހާސިލްކޮށްދޭން،" މާޓިނޭޒް ބުންޏެވެ.
އެ މެޗަށް ފަހު ލީގަށް އައިއިރު ތިނަދޫން ވަނީ ފުރަތަމަ ޑިވިޝަނުގެ ވަރަށް ގިނަ ކުޅުންތެރިން ގެނެސްފަ އެވެ. އެކަމަކު މާޓިނޭޒް ބުނީ މެޗުގެ ފޭވަރިޓަކީ އޭނާގެ ޓީމު ކަމަށް ނުދެކޭ ކަމަށެވެ.
"ފުޓްބޯޅަ އަކީ ވަރަށް ތަފާތު އެއްޗެއް. ފޭވަރިޓަކީ ކޮބައިކަމެއް ކަމެއް އެހެން ބުނަން ނޭގޭނެ. އެކަމަކު އެނގޭ ކަމަކީ ކުޑަހުވަދޫން ކުޅޭނީ އަހަރެމެންނަށް ކުޅެން ފުރުސަތު ދީގެންކަން. އެ ޓީމުން ބޯޅައަށް މަސައްކަތްކުރާނީ. ކައުންޓާ އެޓޭކުގައި ވެސް ވަރަށް ނުރައްކާކުރާނެ. އެހެންވެ ރީތި ފުޓްބޯޅައެއް ފެންނާނެ،" މާޓިނޭޒް ބުންޏެވެ.
އޭނާ ބުނީ ކުޅުންތެރިންނަށް ޗުއްޓީ ދިނީ ތިން ދުވަހަށް ކަމަށާއި އެކަމަކު ބައެއް ކުޅުންތެރިންނަށް އެއަށް ވުރެ ދިގު ޗުއްޓީއެއް ނެގި ކަމަށެވެ. އެއާ އެކު، ޓީމު އެއްކޮށް ހަމަކޮށްގެން ޕްރެކްޓިސް ކުރެވުނީ މަދު ދުވަހެއްގައި ކަމަށާއި ޓީމު އޮތީ އެންމެ ފަހުން ކުޅުނު މެޗުގައި އޮތް ހާލަތުގައި ނޫން ކަމަށް އޭނާ ބުންޏެވެ.
"އެކަމަކު މާޒިޔާ މެޗެކޭ މި މެޗެކޭ އަހަރެމެން ތަފާތެއް ނުކުރާނަން. މުހިއްމުކަން ހަމަ އެއްވަރެއް. ރަނގަޅު ނަތީޖާއަކަށް މަސައްކަތްކުރާނަން،" އެންމެ ފަހުން ކުޅުނު މެޗުގައި މާޒިޔާއާ 1-1 އިން އެއްވަރުވި ޓީމުގެ ކޯޗު ބުންޏެވެ.
"ތިނަދޫ ރައްޔިތުން ބޭނުންވާނެ ކުޑަހުވަދޫ ބަލިކުރަން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ