ސަރުކާރުން ދަނީ ރައްޔިތުން ދަރަޖަ ކުރަމުން: އަލީ ހަސަން

މީހުން ދަރަޖަކޮށް މިސަރުކާރުން މީހުންނަށް އަނިޔާދެމުން ގެންދިޔުމަކީ، ދިވެހިރައްޔިތުން ބަލައިގަންނާނޭ ކަމެއް ނޫންކަމުގައި ޖުމުހޫރީ ޕާޓީގެ މެމްބަރު އަލީ ހަސަން ވިދާޅުވެއްޖެއެބެ.
ގުޅިފައިވާ ޕާޓީތަކުން މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ހަސަން ވިދާޅުވީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވާއިދު ތަކުގެ ކުރީގައި އެންމެންނަކީވެސް ހަމަހަމަ ބައެއް ކަމުގައެވެ.
އެހެން ނަމަވެސް މިސަރުކާރުގެ އަމަލުތައް ހުރީ އެގޮތަށް ނޫންކަމަށާއި އެއީ ރައްޔިތުން ބަލައިގަންނާނޭ ކަންކަން ނޫންކަމުގައި އަލީ ހަސަން ވިދާޅުވިއެވެ.
އަލީ ހަސަން ވިދާޅުވީ، ގައުމުގައި ހަމަހަމަކަމާއި އަދުލުވެރިކަމާއި އިންސާފު ގެއްލި ރައްޔިތުން ބިކަވަމުންދާކަމުގައެވެ.
ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބާރުވެރި ފަރާތަކީ ރައްޔިތުންކަން ފާހަގަކުރައްވައި، އަލީ ހަސަން ވިދާޅުވީ، ރައްޔިތުންގެ ބާރު ނުލިބޭ ގާނޫނުތަކަކީ، ސައްހަ އެއްޗެއް ނޫންކަމުގައެވެ.
"ރައްޔިތުންގެ ބާރު ނިލިބޭ ގާނޫންތަކާއި ހުކުމްތައް ވެލިޑެއް ނުވާނެ. ރައްޔިތުންގެ ބާރު ނުލިބޭ ގާނޫންތަކާއި، ހުކުމްތަކާއި، އުސޫލްތަކަކީ އެއީ ހައްޕުޑު. ނިކަން ބައްލަވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނާއިމެދު އަމަލުކުރަމުންދާ ގޮތް. އެއްވެސް ހިފެހެއްޓުމެއްނެތި ރައްޔިތުންގެ ތާއީދާއި ލޯބި އޮހެމުންދާ ލީޑަރުންނާއިމެދު އަމަލު ކުރެވެމުންދާގޮތް." އަލީ ހަސަން ވިދާޅުވިއެވެ.
އަލީ ހަސަން ވިދާޅުވީ ކަންކަން ކޮންމެ ގޮތަކަށް މިއަދު ދިޔަނަމަވެސް އިސްލާހަށް މަސައްކަތް ކުރާ ލީޑަރުންނާއި ރައްޔިތުންނަށް ކާމިޔާބު ލިބޭތަން ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ