ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ މައްޗަށް ކުރައްވާފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް އޭސީސީއަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށާއި އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މައުމޫން ހަމީދު ވަޑައިގަންނަވާނެ ކަމަށް ރައީސް މައުމޫން އަންގަވައިފިއެވެ.
ރައީސް މައުމޫން އޭސީސީއަށް އެގޮތަށް އަންގަވާފައިވަނީ މިއަދު އެކޮމިޝަނަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
ރައީސް މައުމޫނުގެ އެ ސިޓީފުޅުގައި މިމަހުގެ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު ކޮންމެ ވަގުތެއް އޭސީސީއަށް އެމަނިކުފާނު ވަޑައިގަންނަވާ ގޮތަށް ހަމަޖެއްސި ނަމަވެސް މައްސަލައެއް ނެތް ކަމަށް އަންގާފައިވެއެވެ.
ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ރައީސް މައުމޫނުގެ ބަޔާނެއް ނަގަން ބޭނުންވާ ކަމަށް އޭސީސީން ވަނީ އެމަނިކުފާނަށް އަންގާފައެވެ.
އޭސީސީގެ އެ އެންގުމާއި ގުޅިގެން ރައީސް މައުމޫން ވަނީ އެމަނިކުފާނު އޭސީސީއަށް ވަޑައިގަންނަވާނެ ކަމަށް އަންގާފައެވެ.
ވަކީލެއްގެ ގޮތުގައި ރައީސް މައުމޫން އައްޔަން ކުރައްވާފައިވާ މައުމޫން ހަމީދަކީ އެމަނިކުފާނަށް ބޮޑު ބޭބެ ވިދާޅުވާ ބޭފުޅެކެވެ.
ތީމު ގޭގެ އޮޑިޓު ރިޕޯޓުތަކާ ގުޅިގެން ރައީސް މައުމޫން އޭސީސީއަށް ހާޒިރު ކުރާ އިރު އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އެ މައްސަލައާއި ގުޅިގެން މައުލޫމާތު ސާފު ކުރުމަށް އޭސީސީއަށް ހާޒިރުކޮސްފައިވެއެވެ. އަދި އޮޑިޓު ރިޕޯޓައި ގުޅިގެން ދައުލަތަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކާ ކަމަށް ބުނެ ފާރިސްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވެސް ވެއެވެ. ނަމަވެސް ޕީޖީން ވަނީ އެ މައްސަލާގައި ދައުވާ ނުކުރަން ނިންމާފައެވެ.
އޭސީސީއަށް ވަޑައިގަންނަވަން މައުމޫން ތައްޔާރު، ވަކީލަކަށް މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ