"ނަޝީދު، މައުމޫން ބޭނުންފުޅުކުރައްވަނީ ސިޔާސީ ޖަމަލެއްގެ ގޮތުގައި"

ރައީސް މުހައްމަދު ނަޝީދު، ރައީސް މައުމޫން ބޭނުންފުޅު ކުރައްވަނީ، ސިޔާސީ ޖަމަލެއްގެ ގޮތުގައިކަމަށާއި، އެ ޖަމަލުގެ ދަތުރު ނިމުމުން ރައީސް މައުމޫންގެ ބޭނުން ކެނޑި އެ ޖަމަލު ކަތިލާނެކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހްމަދު ސަލީމް (މާޒްސަލީމް) ވިދާޅުވެއްޖެއެވެ.
މާޒް ސަލީމް ވިދާޅުވީ، ރައީސް ނަޝީދުގެ ސިޔާސީ ކުޅިގަނޑުގައި ރައީސް މައުމޫން ޖައްސަން މަސައްކަތް ކުރަމުންދާތާ ވަރަށް ގިނަ ދުވަސްވެއްޖެކަމަށާއި، މިހާރު އެމަނިކުފާނު އެކަން ކޮށްފައިވާކަމަށެވެ.
"ރައީސް ނަޝީދު އޭނާގެ ސިޔާސީ ދަތުރު ފުރިހަމަ ކުރުމަށް ބޭނުންކުރާ ޖަމަލެއްގެ ގޮތުގައި ރައީސް މައުމޫން ބޭނުންފުޅު ކުރައްވަނީ. ނަޝީދުގެ މަންޒިލާއި ހަމައަށް ދަތުރު ކުރެއްވުނީމާ ޖަމަލު ކަތިލާނެ". މާޒް ސަލީމް ވިދާޅުވިއެވެ.
އަދި މިހާރު ރައީސް މައުމޫނަށް މީހުން ކުރާ އިހުތިރާމާއި، ގަދަރުވެސް ގެއްލިފައިވާކަމަށް ސަލީމް ވިދާޅުވިއެވެ.
"ރައީސް ނަޝީދު ވަރަށް ގިނަ ދުވަސްވެއްޖެ ރައީސް މައުމޫންގެ ލެގަސީ ދުއްވާލައި، ރައްޔިތުންގެ ފަރާތުން މައުމޫނަށް ލިބިވަޑައިގެންފައިވާ ލޯތްބާއި، އިހުތިރާމް ކަނޑުވާލަން މަސައްކަތް ކުރަމުންދާތާ". މާޒް ސަލީމް ވިދާޅުވިއެވެ.
މާޒް ސަލީމް މިހެން ވިދާޅުވިއިރު، ރައީސް މައުމޫން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެންނެވެ.
އެގޮތުން ރޭ  އިދިކޮޅު ފަރާތްތަކާއެކު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މައުމޫން ވަނީ، ޤައުމަށް އެންމެ ރަނގަޅު ގޮތަކީ، "އަޅުގަނޑާއި ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރުން" ކަމަށް ވިދާޅުވެފައެވެ.
އަދި އެ ޖަލްސާގައި އެމަނިކުފާނު ވަނީ، ރައީސް ނަޝީދާއި މެދު ގޯސްކޮށް ކަންތައް ކުރެވިފައިވާނަމަ، އެކަމަށް މައާފަށްވެސް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ