މޫސުން ގޯސްވެ ކުނަހަންދޫއަށް ބޮޑެތި ގެއްލުންތަކެއް

މޫސުން ގޯސްވެ ވަައި ގަދަވުމުގެ ސަބަބުން ލ. ކުނަހަންދޫއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ކުނަހަންދޫ ކައުންސިލުން ބުނި ގޮތުގައި އިއްޔެ ހަވީރުން ފެށިގެން ދޭތެރެ ދޭތެރެއިން ވައިގަދަވެ، އެރަށަށް ދިޔައީ ވާރޭ ވެހެމުންދިޔައެވެ. އަދި ރޭ ފަތިހު 4:15 ހާއިރު ކުނަހަންދޫއަށް އައި ކޮޅިގަނޑެއްގައި އެރަށު ސްކޫލްގެ ފުރާޅަށް ގެއްލުންވެ، ގެއެއްގެ ފުރާޅު ވަނީ އެއްލާލާފައެވެ. އަދި އިތުރު ގެއްލުންތަކެއް ވަނީ ވެފައެވެ.
ވިއްސާރައިގައި ގެއެއްގެ ފުރާޅަށް ގެއްލުންވެފައި--ފޮޓޯ ކިޔުންތެރިއެއް
ކުނަހަންދޫ ކައުންސިލްގެ ނައިބު ރައީސް ލިރްގާމް ސައީދު ވީއެފްޕީއަށް ވިދާޅުވި ގޮތުގައި ޖެހުނު ވައިގައި ސްކޫލްގެ ފުރާޅު ވަނީ ހިއްލާލާފައެވެ. އަދި ގެއެއްގެ ފުރާޅު، ޖެހިގެންހުރި ގެއަށް ވަނީ އެއްލާލާފައެވެ.
ލިރްގާމް ވިދާޅުވީ މޫސުން ގޯސްވެ، ރަށުގެ ދަނޑުތަކަށާއި ގަސްގަހާ ގެއްސަށް ގެއްލުންވެފައިވާ ކަމަށާއި ބަނދަރުގައި އަޅާފައި އޮތް ދެ ލޯންޗެއް އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި ރަށުގައި ފެންބޮޑުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވިއްސާރައިގައި، ކުނަހަންދޫ ބަނދަރުގައި އަޅާފައި އޮތް އުޅަނދެއް އަޑިއަށް ގޮސްފަ--ފޮޓޯ ކިޔުންތެރިއެއް
ކުނަހަންދޫގައި ހުރި ގަސްގަހާ ގެއްސަށް ގެއްލުންވެފަ-- ފޮޓޯ ކިޔުންތެރިއެއް
ކުނަހަންދޫ ސްކޫލްގައި ފެންބޮޑުވެފައިވާއިރު މިއަދު ސްކޫލްގައި ކިޔަވައިނުދޭ ކަމަށް ލިރްގާމް ވިދާޅުވިއެވެ. އަދި ލިބުނު ގެއްލުންތައް ބަލައި މަރާމާތު ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވިއްސާރައިގައި ސްކޫލްގެ ކްލާހެއްގައި ފެންބޮޑުބެފަ-- ފޮޓޯ ކިޔުންތެރިއެއް
އޭނާ ވިދާޅުވި ގޮތުގައި ހަނދާނުގައިވެސް އެރަށަށް އެހާ ގަދައަށް ވައި ނުޖެހެއެވެ.
މޫސުން ގޯސްވެ، ކުނަހަންދޫ ގެއެއްގެ ފާރުވެސް ވަނީ ވެއްޓިފައެވެ.
ކުނަހަންދޫ ގެއެއްގެ ފާރު ވެއްޓިފައި--ފޮޓޯ ކިޔުންތެރިއެއް
ކުނަހަންދޫއަކީ ފެންތިލަ ރަށެއްކަށް ފާހަގަކުރައްވަމުން ލިރްގާމް ވަނީ ބަނދަރު އުސްކަން ފާހަގަ ކުރައްވާފައެވެ.
ބައެއް ސަރަހައްދުތަކުގައި ދޮޅު ފޫޓަށް އަދި އަނެއްބައި ސަރަހައްދުތަކުގައި ތިން ފޫޓަށް ފެން ބޮޑުވެފައިވާ ކަމަށް ލިރްގާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ވިއްސާރައިގައި ފެންބޮޑުވެއްޖެ ނަމަ ޖެހެނީ ކޯރު ކަނޑައިގެން ފެން ބޭރުކުރާށެވެ.
މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ލ. ފޮނަދު އާއި ގއ. ވިލިގިލީގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ