ރާއްޖޭގެ ތިމާވެށި ނާޒުކު ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް އެ ތިމާވެށި ހިމާޔަތް ކުރަން ކުރާނެ ކަންތައްތަކުގެ ވާހަކަ ދައްކާލެއް ވަރަށް މަދެވެ. ކަންތައްތަކެއް ފެށި ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކަންތައްތައް އޮބިގެން ދަނީ އެވެ.
ނަމަވެސް ތިމާވެށި ހިމާޔަތްކުރަން މ. ދިއްގަރު ސްކޫލްގެ ކުދިންތަކެއް މިވަނީ މަސައްކަތްތަކެއް ފަށާފަ އެވެ. އެ ސްކޫލްގެ ތިމާވެށި ކްލަބުން އިސް ނަގައިގެން މި ފެށި މަސައްކަތަކީ ރަށުން ޕްލާސްޓިކް ފުޅި ނައްތާލުމުގެ މަސައްކަތެވެ. އެންމެ ގިނަ ޕްލާސްޓިކް ފުޅި ގެންނަ ކުދިންނަށް އެވޯޑް ދޭން ވަނީ ނިންމާފަ އެވެ.
އެންމެ ފުރަތަމަ، އިޖްތިމާއީ މަސައްކަތް ކުރުމަށް ނުކުތް ދުވަހު ކުދިން ޕްލާސްޓިކް ފުޅި އެއް ކުރީ އެވެ. އެއަށްފަހު ކޮންމެ ހޮނިހިރު ދުވަހެއްގައިވެސް ކުދިން އެއްކުރާ ފުޅިތައް ސްކޫލަށް ގެންނަނީ އެވެ. އެއަށްފަހު މާލެ ގެނެސް ފުޅިތައް ނައްތާލަނީ އެވެ. އެންމެ ފަހުން މިދިޔަ ދެ ހަފްތާގެ މަތިން ކުދިންވަނީ 225 ގޯނީގެ ޕްލާސްޓިކް ފުޅި އެއްކޮށްފަ އެވެ. އެ ފުޅިތައް މާލެ ގެނެސް ނައްތާލަން މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ. ފުޅިތައް މާލެ ގެނައުމުގެ މަސައްކަތް ކުރަނީ މުޅި ރަށް ގުޅިގެންނެވެ.
ދިއްގަރު ސްކޫލް ފެށި މި ޕްރޮގްރާމް މި އަހަރުގެ ނިޔަަލަށް ކުރިއަށް ދާނެ އެވެ. ނަމަވެސް ހަމައެކަނި ޕްލާސްޓިކް ފުޅި އެއްކޮށް މާލެ ގެނެސް ނައްތާލުން ނޫން އިތުރު ކަންތައްތައްވެސް ރާވާފައި އެބަ ހުއްޓެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ނާހިދު އަވަސް އަށް ވިދާޅުވީ ތިމާވެށި ދުވަހާ ގުޅިގެން ހާއްސަ އެގްޒިބިޝަން އެއް ބާއްވަންވެސްނިންމާފައިވާ ކަމަށެވެ. އެ އެގްޒިބިޝަންގައި ޕްލާސްޓިކް ފުޅި ބޭނުންކޮށްގެން އުފައްދާފައިވާ ތަފާތު އެއްޗެހި ދައްކާލާނެ އެވެ. ގަންނަން ބޭނުން ފަރާތްތަކަށް އެފުރުސަތު އޮންނާނެ އެވެ.
މީގެ އިތުރުން ސްކޫލްގަ އާއި ގޭގައި ބޭނުންކުރެވިދާނެ ބައެއް ތަކެތި އޭގެ ކުރިންވެސް އުފައްދާނެ އެވެ. މި ކަންތައްތައް ކުރިއަށް ގެންދާނީ ރޯދަމަސް ނިމުމަށްފަހު މިއަހަރުގެ ދެވަނަ ސެމިސްޓާގެ ކިޔެވުން ފެށުމުން ކަމަށް ނާހިދު ވިދާޅުވި އެވެ.
"މިހާރު ރަށުން ޕްލާސްޓިކް ހުސް ފުޅިއެއް ނުފެނޭ. އެހެން މުހިންމު ބޭނުމަކު ފުޅިއެއް ހޯދަން އުޅުނަސް ފުޅިއެއް ނުލިބޭ މީހުންނަކަށް، ކުދިންގެ މެދުގައި އެހާވެސް ވާދަވެރިކަން ބޮޑު ފުޅި އެއްކުރަން،" ނާހިދު ވިދާޅުވި އެވެ.
"ކުރިން ރަށުގައި ވަރަށް ގިނަ ވާނެ ފުޅި، ގޮނޑުދޮށް ތަކާއި މަގުމަތީގައިވެސް ފުޅިތައް އޮންނާނެ، މިހާރު ސާފުތާހިރު ވެސް ވެއްޖެ"
ދިއްދަރު ސްކޫލަކީ 237 ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ސްކޫލްކެވެ.
ސްކޫލް ކުދިން ނުކުމެ ދިއްގަރުން ޕްލާސްޓިކް ފުޅި ހުސްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ