ރައީސް ޔާމިން ގެންދަނީ ރައްޔިތުން އަޅުވެތިކުރަމުން: މެންބަރު ފަލާހު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބުދުލްގައްޔޫމް ގެންދަވަނީ މިރާއްޖޭގެ ރައްޔިތުން ދުވަހެއް ދުވަހަކަށް އަޅުވެތިކުރަމުން ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ފަލާހު ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންނާއި، ފަނޑިޔާރުގޭގެ ފަނޑިޔާރުންނަށް ނެތް ރައްކާތެރިކަމެއް މިގައުމުގެ އެއްވެސް ރައްޔިތަކަށް ނޯންނާނެ ކަމަށެވެ. އެބޭފުޅުން ވެސް އަޅުވެތިކޮށް، ގާނޫނުއަސާސީއާ ހިލާފަށް ހައްޔަރުކޮށްފައި ވާއިރު ދުވަހުން ދުވަހަށް ރައީސް ޔާމިން މިގެންދަނީ ރައްޔިތުން އަޅުވެތިކޮށް އަނިޔާވެރިކަން އިސްކުރަމުން ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ ގައުމުގައި ކޮރަޕްޝަން އާންމުކުރުމުން، ރައީސް ޔާމިންގެ ވެރިކަމަށް ނޫނެކޭ ބުނެ މަގުމަށްޗައް ނުކުތް ކޮންމެ މީހަކަށްވެސް އަނިޔާދީފައިވާ ކަމަށަާއި، މިމަންޒަރު ބަލަން ދިވެހިން ނުތިބޭނެ ކަމަށެވެ.
އެމްއެމްޕީއާރްސީ 80 މިލިއަން ޑޮލަރު ގެއްލުމުގެ ޒިންމާވެސް ނަންގަވަންޖެހޭނީ ރައީސް ޔާމިންކަން ފާހަކުރައްވާ މެންބަރު ފަލާހު ވިދާޅުވީ، ތަރައްގީގެ ނަމުގައި ގެންނަ އިމާރާތްތައް ދިވެހިން ބޭނުން ނުވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިފަދަ ބޮޑު އަނިޔާވެރިކަމެއް ދެމުންގެންދާއިރުގައި ރާއްޖޭގެ ގާނޫނުއަސާސީން އައްޔަންކޮށްފައިވާ ކޮމިޝަންތައް ވީތަނެއް ނޭނގެ. އަޅުގަނޑުމެންނަށް ފެނިގެން މިދަނި ޖަލުތަކުގައި އަނިޔާކުރެވެމުން ދާއިރުގައި އެކޮމިޝަންތަކުން ހައްޕު ކިޔައިގެން މަޑުން ތިބޭތަން. މިކަންކަން މިއީ ދެރަކަންކަން." ފަލާހް ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު ބާއްވާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށާއި، މިފަހަރު އިންތިހާބު ބާއްވައިފިނަމަ ރައީސް ޔާމިން ބޮޑުތަނުން ބަލިވާނެ ކަމަށެވެ.
ރައީސް ޔާމިންއަކީ އެއްވެސް އިރެއްގައި ރައްޔިތުންގެ ތާއިދުއޮތް ބޭފުޅެއް ނޫންކަން ފާހަގަކުރައްވާ މެންބަރު ފަލާހު ވިދާޅުވީ، ވެރިކަމަށް އައީ ރައީސް މައުމޫނާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސައްކަތްފުޅުން ކަމަށެވެ.
ފަލާހު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުން 25 އިންތައްސަ ވޯޓުވެސް ރައީސް ޔާމިންއަށް ލިބިވަޑައި ނުގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ