ހދ.ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ކުޅި ހިއްކުމާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ދެކޮޅު ހައްދަވައިފިއެވެ.
ކުޅުދުއްފުށީގެ ފޮޓޯއަކާއެކު މިއަދު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމާވެށި ލިބިފައިވަނީ ހަލާކު ކުރުމަށް ނޫން ކަމަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށް ކަމަށެވެ. އަދި ޓްވީޓް ނިންމަވާލައްވަމުން މައުމޫން ވަނީ ސޭވްކުޅުދުއްފުށިކުޅި ހޭޝްޓެގް ޖައްސަވާފައެވެ.
މައުމޫން މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން މިހާރު ދަނީ ހދ.ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތަށް ވަމުންނެވެ. އެގޮތުން އެއާޕޯޓު އަޅަނީ އެ ރަށުގެ ކުޅިން ބައެއް ހިއްކައިގެން ކަމަށްވާއިރު އެ މަސައްކަތް ކުރާނީ އެމްޓީސީސީގެ ޑްރެޖަރު "މަހާ ޖައްރާފް" އެވެ. އެ ޑްރެޖަރު މިހާރު ވަނީ ކުޅުދުއްފުށްޓަށް ބަނދަރު ކޮށްފައެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ އެއާޕޯޓު އަޅާ ބިން 25-20 އާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ހިއްކާ ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ސީދާ ދުވަސް ދަންނަވަން ނޭނގެނީ ކުޅި ހިއްކުމަކީ ޗެލެންޖިން މަސައްކަތަކަށް ވާތީ. އެކަމަށް ސީދާ ހޭދަވާނެ ދުވަހެއް ނޭނގޭ. ޑްރެޖަރުން ހިއްކަން ޖެހޭ ބައި ހިއްކަން މާގިނަ ދުވަހެއް ނުނަގާނެ" ޒިޔަތު ވިދާޅުވިއެވެ.
އެއާޕޯޓު އެޅުމަށް ކުޅި އެއްކޮށް ނުހިއްކާނެ ކަމަށާއި އެއީ ބައެއް ފަރާތްތަކަށް އޮޅުން އަރައިގެން ދައްކާ ވާހަކަތަކެއް ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި އޮންނަ ކުޅީގެ ބޮޑުމިނަކީ 22 ހެކްޓަރެވެ. އެއާޕޯޓް އެޅުމަށް ކުޅިން ހިއްކަނީ އެންމެ ނުވަ ހެކްޓަރެވެ، އަދި އެ ހިސާބު މޫދުން ހަ ހެކްޓަރު ހިއްކައެވެ. އެގޮތުން މުޅި ޖުމްލަ އެއްކޮށް ހިއްކާނީ 15 ހެކްޓަރެވެ.
ކުޅުދުއްފުށީ ކުޅީގެ ބައެއް ހިއްކާތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ދާދިފަހުން ވަނީ އެންވާރަމެންޓް މިނިސްޓްރީ ކުރިމައްޗަށް އެއްވެ މުޒާހަރާ ވެސް ކޮށްފައެވެ.
ކުޅުދުއްފުށީގައި އެއަރޕޯޓެއް އެޅުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވަޢުދުފުޅެކެވެ.
ކުޅުދުއްފުށީ ކުޅި ހިއްކުމާ މައުމޫން ވެސް ދެކޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ