ޑިސެމްބަރުން ފެށިގެން މައުމޫން އުޅުއްވަނީ އަނބުރައިގަންނަ އާލާސްކަންފުޅެއްގައި: އާއިލާ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، މިދިޔަ ޑިސެމްބަރު މަހުން ފެށިން އުޅުއްވަނީ އަނބުރައިގަންނަ އާލާސްކަންފުޅެއްގައި ކަމަށް އެ މަނިކުފާނުގެ އާއިލާ އިން ބުނެފި އެވެ.
ޖަލު ބަންދުގައި ހުންނެވި މައުމޫންގެ ސިއްހީ ހާލުކޮޅު މިހާރު ރަނގަޅު ނޫން ކަމަށް އެ މަނިކުފާނުގެ އާއިލާ އިން ބުނެ އެވެ. އެ ގޮތުން އެ މަނިކުފާނު އަރިހުގައި އަބަދުވެސް މީހަކު ބަހައްޓަން ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.
ރައީސް މައުމޫންނަށް ދިމާވެފައިވާ ސިއްހީ މައްސަލައިގެ ތަފްސީލު ހާމަކުރައްވައި އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް، މާޗް މަހު، ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ޑިސެމްބަރު މަހުން ފެށިގެން ރައީސް މައުމޫނަށް "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ޖެހިފައިވާ ކަމަށެވެ.
Maumoon ge haalukolhu rangalheh noon: Aailaa
Mihaaru
ރައީސް މައުމޫންގެ ހާލު ރަނގަޅު ނޫންކަމަށް އާއިލާއިން ބުނުން--އެ ބަލީގެ ސަބަބުން ވަރަށް ބޮޑަށް ބޯއެނބުރުމާއި ކުއްލިއަކަށް ވެއްޓުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. އެ ގޮތަށް ވެއްޓޭ އިރު އެހީތެރިވޭނެ މީހަކު ކައިރީގައި ނެތް ނަމަ ފުރާނަ އަށް ގެއްލުންވުމުގެ ފުރުސަތު އޮވެ އެވެ.
"އެއްވެސް ހާލެއްގައި ގިނިކަންޏާ ނުހުންނެވުމަށް ވެސް ޑޮކްޓަރު ވަނީ އިރުޝާދު ދެއްވައިފަ އެވެ. އެހެންކަމުން އަޅުގަނޑުގެ ފިރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުމާ ހަމަ އަށް ވެސް ފިރިކަލުންގެ ހުރިހާ ކަމެއް ވެސް ކުރައްވަމުން ގެންދަވަނީ އަޅުގަނޑާ އެކުގަ އެވެ،" ރައީސް މައުމޫންގެ ހާލުކޮޅު ބަޔާން ކުރައްވަައި، ކްރިމިނަލް ކޯޓަށް ނަސްރީނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
ނަސްރީނާގެ އެސިޓީގައި އެދިވަޑައިގެންފައިވަނީ ރައީސް މައުމޫންގެ ބަލިހާލު ބޮޑުވެދާނެތީ ގޭ ބަންދަށް ބަދަލު ކޮށްދިނުމަށެވެ.
ރައީސް މައުމޫން ބަންދުން ދޫކުރުމަށް ގޮވާލައި އަނބިކަނބަލުން ނަސްރީނާ އަޑު އުފުއްލަވަނީ-- މިހާރު ފޮޓޯ: ހުސައިން ވަހީދު
އެނގިފައިވާ ގޮތުގައި ރައީސް މައުމޫން މިހާރު އޮންނެވީ އެ ބަލީގައި އާލާސްކަންފުޅާ އެވެ. ސާފުތާހިރުވުން ފަދަ ކަންކަން އަމިއްލަފުޅަށް ނުކުރެވެ އެވެ.
މައުމޫންގެ ވަކީލު މުހައްމަދު ފައިސަލް ކުރިން ވިދާޅުވީ މައުމޫންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން، އެއްވެސް ވަރަކަށް އެ މަނިކުފާނުގެ އިސްތަށިފުޅު ގުޑުވައި ނުހެދުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށެވެ.
"ކޮންމެ ފަދަ ވަގުތެއްގައި ވެސް ރައީސް މައުމޫން ވެއްޓިވަޑައިގަތުމުގެ ފުރުސަތު އޮތް ކަަމަށް ޑޮކްޓަރު ވިދާޅުވީ. އެހެންވީމަ އެ މަނިކުފާނުގެ އެންމެ ޒަރޫރީ ބޭނުންތައް ވެސް އަމިއްލަފުޅަށް ކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގެންފައި އެ ވަނީ،" ފައިސަލް ވިދާޅުވި އެވެ.
ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، މައުމޫން ހައްޔަރުކުރީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. މި ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު އެ މަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ވަނީ ކްރިމިނަލް ކޯޓުންއަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ