ހާއްސަ އެހިއަށް ބޭނުންވާ ތުއްތު ކުއްޖަކަށް އެހީވުމަށް ކާމިޔާބު ފަންޑްރައިޒިން ހަރަކާތެއް ބޭއްވުމަށްފަހު މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި"ގެ ޓީމުން އަނެއްކާވެސް އިތުރު ކުއްޖަކަށް އެހީވުމަށް ފަންޑްރައިޒިން ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މާލެ އާއި ހުޅުމާލޭގައި ބޭއްވި ފަންޑްރައިޒިން ހަރަކާތުން އެއްކުރެވުނު ފައިސާ "ނިވައިރޯޅި" ޓީމުން ހަވާލުކުރީ ހާއްސަ އެހީއަށް ބޭނުންވާ ކުޑަ ކުއްޖެއް ކަމަށްވާ ޔޫސުފް އާނިސް ހާމިދަށެވެ.
އާނިސްގެ އާއިލާއާއި "ނިވައިރޯޅި" ޓީމުން ވަނީ 30،000 ރުފިޔާ ހަވާލުކޮށްފަ އެވެ. މި ފައިސާއަކީ ހަފްތާ ބަންދުގައި ބޭއްވި ފައިސާ އެއްކުރުމުގެ ހަރަކާތުގައި ކަޕް ކޭކް، ކުޑަކުދިންގެ ހެދުން އަދި ފޭސް ޕެއިންޓިން ކޮށްދީގެން އެއްކުރި ފައިސާ އެވެ.
ދެން އެންމެ އަވަހަށް ފަންޑްރައިޒިން ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ އަދި މަހެއްވެސް ނުވާ ތުއްތު ކުއްޖަކަށް އެހީވުމަށެވެ. އެ ތުއްތު އަންހެން ކުއްޖާއަކީ އުފަންވި އިރުވެސް ބޮޑު އޮފަރޭޝަނެއް ކުރަން ޖެހިފައިވާ ތުއްތު ކުއްޖެކެވެ. ހއ. ކެލާ ހަސަން ޒިޔާދު އާއި މާލެއަށް ނިސްބަތްވާ މަރިޔަމް ރިޒްމީންގެ ތުއްތު އަންހެން ދަރިފުޅަކީ އުފަންވި އިރު ބޮޑުކަމުދާ ނިޒާމު ރަނގަޅަށް އުފެދިފައި ނެތް ކުއްޖެކެވެ.
ބޮޑު ކަމުދާ ތަކެތި ބޭރު ބޭރުވާނެ ގޮތެއް ނެތި އެ ތުއްތު ކުއްޖާ އުފަންވި އިރު ފުރަގަސްފަރާތް އެއްވެސް ވަރަކަށް އުފެދިފައި ނުވުމުގެ އިތުރުން ފުރަގަސް ފަރާތް ހުންނަން ޖެހޭ ސަރަހައްދާއި ކައިރީގައި ގޮތް ނޭނގޭ ލޯވަޅެއް އުފެދިފައި ހުރުމުގެ ސަބަބުން އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭނީ އަގު ބޮޑު އޮފަރޭޝަނަކަށް ފަހު ކަމަށް ޑޮކްޓަރުން ވަނީ ލަފާ ދީފަ އެވެ.
މި ތުއްތު ކުއްޖާއަށް އެހީވުމަށް ފައިސާ ހޯދުމަށް "ނިވައިރޯޅި" ޓީމުން ހިންގާ ހަރަކާތް ބާއްވާނީ އަންނަ ހުކުރު ދުވަހު ހުޅުމާލޭގަ އެވެ. މި ހަރަކާތުގައި ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ބާއްވާ ޖަންބަލް ސޭލްއަކާއި ކުޑަކުދިންގެ ހަވީރަކުންނެވެ. ހުޅުމާލޭގައި މި ހަރަކާތް ކުރިއަށް ދާނީ ހުކުރު ދުވަހު ހަވީރު ހަތަރަކުން ރޭގަނޑު 11 ޖެހުމާއި ހަމައަށެވެ.
"ނިވައިރޯޅި" ޓީމުން ހަފްތާ ބަންދުގައި ފައިސާ ހޯދުމުގެ އިތުރު ހަރަކާތެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ