ރައީސް މައުމޫން ޖަލަށްލުމުގައި އެންމެ އިސް ދައުރެއް އަދާކުރި މީހަކީ ނިހާން: ނިޒާރު

ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމްގެ އާއިލާއަށް އަނިޔާދީ، އެމަނިކުފާނު ޖަލަށްލުމުގައި އެންމެ އިސް ދައުރެއް އަދާކުރި މީހަކީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އަލީ ނިޒާރު މިހެން ވިދާޅުވީ ރައީސް ނަޝީދު ބާޢީއަކަށް ހެދުމުގައި ރައީސް ނަޝީދު ކާމިޔާބު ހޯއްދަވާފައިވާކަމަށާ، ރައީސް ނަޝީދު ރައީސް މައުމޫން "މަގުފުރައްދާފައި"ވާކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދީ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އަލީ ނިޒާރު ވިދާޅުވީ ރައީސް މައުމޫންގެ އަބުރު ވެއްޔާއި މޮޑެލާ، ޕާޓީ ފޭރިގަނެ، ދަރިކަލުން ޖަލަށްލުމަށްފަހު، އެވަރުންވެސް ނުވެގެން ރައީސް މައުމޫން ޖަލަށްލުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެކަކަށް އަހުމަދު ނިހާން ހުސައިން މަނިކު ވާނެކަމަށެެވެ.
ނިހާންގެ މިވާހަކަތަކަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުވެސް ވަނީ ފާޑުވިދާޅުވެފައެވެ.
އަމީތު ވިދާޅުވީ ރައީސް ޔާމީން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ރައީސް މައުމޫން ބާޢީއަކަށް ހެދޭތޯކަމަށެވެ. ނަމަވެސް ރައީސް މައުމޫން ބާޢީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުނުވާނެކަމަށް އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ ރައީސް މައުމޫނަކީ މިގައުމުގައި ޝަރަފުވެރިއެއްކަމަށާ އެއީ ނިޝާން ގާޒީގެ އިއްޒަތުގެ ވެރިކަން އަރުވާފައިވާ ބޭފުޅެއްކަމަށެވެ. އެހެންކަމުން ރައީސް މައުމޫނަށް މިގައުމުގައި އޮތް އިހުތިރާމާއި ގަދަރު އަދި ޝަރަފުވެރިކަން ގެއްލުވާނުލެވޭނެކަމަށް އަމީތު ވިދާޅުވިއެވެ.
ސަރުކާރު ދިފާއުކޮށް، ސިޔާސީ ލީޑަރުންނަށް ރައްދު ދިނުމުގެ ގޮތުން ސަރުކާރު ހިންގާ ޕާޓީން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުންތަކުގެ ތެރެއިން ބުދަ ދުވަހު ބޭއްވި ބައްދަލްވުމުގައި ވާހަކަދައްކަވަމުން ނިހާން ވަނީ ރައީސް ނަޝީދާއި، ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު ބާޢީއަކަށް ހެދުމުގައި ރައީސް ނަޝީދު ކާމިޔާބު ހޯއްދަވާފައިވާކަމަށާ، ރައީސް ނަޝީދު ރައީސް މައުމޫން "މަގުފުރައްދާފައި"ވާކަމަށެވެ.
ރައީސް މައުމޫނު ފަހަތްޕުޅުން ސިޔާސީ މައިދާނަށް ނިކުންނެވުމަށްފަހު ރައީސް މައުމޫނަށް އެންމެ ބޮޑަށް ތައުރީފުކުރައްވާ މީގެ ކުރިން ވާހަކަފުޅު ދެއްކެވި އެއްބޭފުޅަކީ ނިހާނެވެ. ނަމަވެސް މިސަރުކާރުން ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފަށް ކަންކަން ކުރަން ފެށުމުން މި ސަރުކާރަށް ކުރައްވަމުން އައި ތާއީދު އަނބުރާ ގެންދެވުމާއިއެކު ރައީސް ޔާމީނަސް ތާއީދުކުރާ ބޭފުޅުން ގެންދަވަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ނިހާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ