އެމްޔޫއޯ ހަދައިގެން ޤައުމުގެ ތަރައްޤީއަށް ހުރަސްއެޅުމަށް ޖާގައެއް ނުދޭނަން: އަހުމަދު ރަޝީދު
ރުމާލު 2 ޖަގަހައިގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އައްޑޫސިޓީއާ ހަމައަށް ދިވެހިންގެ ހިތުގާ ޖަހަމުންދާ ވިންދަކީ ޤައުމީ ވިންދު ކަމަށެވެ.އެހެންކަމުން 2018 ގައި ބާއްވާ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދެއްވުމަށްޓަކާ ރާއްޖޭގެ ރައްޔިތުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އިދިކޮޅު ފަރާތްތަކުން ގައުމު ހަލަބޮލިކުރަން ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން އެމްޔޫއޯ ނަމުގައި ވަކި ޖަމާޢަތް ހަދައިގެން ޤައުމުގެ ތަރައްޤީއަށް ހުރަސްއަޅާ، ސަރުކާރަށް ކުރަމުންދާ ޖެއްސުން މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް އަހުމަދު ރަޝީދު ގޮވާލެއްވިއެވެ. މީގެއިތުރުން ކުރީގެ ސަރުކާރުތަކުގައިވެސް ރައްޔިތުން ބޯހިޔާވަހިކަމުގެ ދަތިކަން ތަހަންމަލް ކުރިކަން ފާހަގަކުރައްވަމުން އަހްމަދު ރަޝީދު ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ރައީސް ޔާމީން ކުރައްވަމުންދާ މަސައްކަތް ތަކަކީ އަތްޖަހަން ޖެހޭ ވަރުގެ މަސައްކަތްތަކެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ވެރިކަން ބޭނުންވުމުން މަގުތަކަށް ނުކުމެ، ސަރުކާރުގެ އިސް މަޤާމްތަކުގައި ތިއްބެވި ބޭފުޅުންގެ އަގު ވައްޓާލާ، ހަޑިހުތުރު ބަހުން މުޚާތަބް ކުރަމުން ގެންދާއިރު، ދިވެހި ރައްޔިތުން މިއަދު ބޭނުންވަނީ ޤައުމުގައި ގެއްލިފައިވާ އިޖުތިމާޢީ ފޭރާން ރަގަޅު ކުރުމަށް ކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން ރައީސް ޔާމީން 2018 އަށް އިންތިޚާބް ކޮށްފިނަމަ، ރާއްޖެއިން އިތުރު ތަރައްޤީ ތަކެއް ފެނިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އަހްމަދު ރަޝީދު ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން މިއަދު ގައުމުގައި ހަމަނުޖެހުންތައް އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުން އެކަން ކުރަމުންދަނީ އެބައި މީހުންގެ ސަރުކާރުގައި ގައުމު ތަރައްގީ ނުކުރެވުމުން ކަމަށެވެ. އަދި ރައްޔިތުންނަށް ފޮނި ހުވަފެން ދައްކައިގެން ވެރިކަމަށް ވަޑައިގަތުމަށް ފަހު ތިން އަހަރު ތެރޭގައި މަގާމުން އިސްތިއުފާ ދެއްވި އިރު ދައުލަތުގެ މާލިއްޔާއިން މާލިއްޔަތު ގާނޫނާ ޚިލާފަށް ބޮޑެތި އަދަދުތަކުން ޚިޔާނާތްތެރިވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.އަހުމަދު ރަޝީދަކީ މީގެކުރިން އެމްޑީޕީގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރެއްވުމަށް ފަހު ރައީސް ނަޝީދުގެ ސިޔާސަތާ މެދު ހިތްހަމަ ނުޖެހި، ޕީޕީއެމްއަށް ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ