ކުނޫޒުތެރެއަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހީ ވަރަށް އަނިޔާވެރިކޮށް: މެމްބަރު ލަތީފް

އިދިކޮޅު ޕާޓީތަކުން ރޭ ބޭއްވި އެއްވުން ރޫޅާލުމަށް ފުލުހުން މ. ކުނޫޒުގެ ތެރެއަށް ވަދެ ޕެޕާ ސްޕްރޭ ޖެހީ އާދަޔާހިލާފު ގިނައިން، ވަރަށް އަނިޔާވެރިކޮށް ކަމަށް އޭރު އެތަނުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުން ރޭ ދަންވަރު ކުނޫޒު ތެރެއަށް ވަދެ، ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ތިން މީހަކަށް އަނިޔާވެފައިވެ އެވެ. އަދި ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗުގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.
ލަތީފް ވިދާޅުވި ގޮތުގައި ރޭ ދަންވަރު ފުލުހުން ކުނޫޒުގެ ތެރެއަށް ވަންއިރު އެތަނުގައި ތިބީ މަދު ބައެކެވެ. އެއީ ކުނޫޒުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނާއި އިދިކޮޅު މަދު ސަޕޯޓަރުންތަކެއް ކަމަށާއި އެކަމަކު އެ "ހައެއްކަ މީހުން" ފޮނުވާލުމަށް، ފުލުހުންގެ ގިނަ ބަޔަކު އެތަނަށް ވަދެ، ޕެޕާ ސްޕްރޭ ޖެހީ މީހުންގެ ބެލުމެއް ނެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Pepper spray jehumun meehegge haalu dherave ICU gai
Mihaaru
"އަޅުގަނޑު ހުރިން އެތަނު ބޭރުގައި. އެކަމަކު އެތަނަށް ފުލުހުން ވަންނަން ޖެހޭ ވަރުގެ ކަމެއް ރޭ ނުހިނގާ. ވަރަށް މަދު ބަޔަކު ތިބީ. ފުލުހުން އެގޮތަށް ސްޕްރޭ ޖަހަން ފެށުމުން އަޅުގަނޑު ގޮސް ދެންނެވިން ހެޔޮ ނުވާނޭ މީހުންނަށް ތިހާ އަނިޔާވެރިކޮށް ކަންތައްތައް ކުރަން. ޕެޕާ ސްޕްރޭ ޖެހީ ސީދާ މީހުންގެ މޫނަށް އަމާޒުކޮށް،" ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން ރޭ ޕެޕާ ސްޕްރޭ ޖެހި ގޮތުން މީހަކު މަރުވެސް ވެދާނެ ކަމަށް ވިދާޅުވި ކަމަށާއި އެކަމަކު އެއީ "ފިލްމީ މަންޒަރެއް" ކަމަށް ފުލުހުން ބުނި ކަމަށެވެ. ރޭ ފުލުހުން ބާރުގެ ބޭނުން ކުރި ގޮތުން އެ ފުލުހުންނާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމުގެ އިންޒާރު ވެސް ލަތީފް ދެއްވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންނަށް އެ ފަދަ ހަތިޔާރު ދީފައި އޮންނަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި އެކަމަކު ހަމަ އެ ބޭނުންކޮށްގެން މިހާރު މީހުންނަށް ބޮޑެތި އަނިޔާތައް ދެމުން އަންނަ ކަމަށެވެ. އެހެންވެ، މިހާރު އަމިއްލަ ދިފާއުގައި ކޮންމެ މީހަކު ވެސް ކަންތައްތައް ކުރަން ޖެހިފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.
ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ހާލު ސީރިއަސްވެގެން މިހާރު ފަރުވާ ދެމުން އަންނަނީ ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓު، އަބްދުﷲ ސަލީމް، 43، އަށެވެ.
ޕެޕާ ސްޕްރޭގެ ސަބަބުން ފިޓު ޖެހުނު އަބްދުﷲ އޮތީ ވެންޓިލޭޓަރެއްގެ އެހީގަ އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި އަބްދުﷲގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހީ އޭނާ ކުނޫޒުގެ ތެރޭގައި ހުއްޓަ އެވެ. އެ ތަނުގެ ތެރޭގައި ތިބި މީހުން ފޮނުވާލަން އުޅުމުގެ ތެރޭގައި އޭނާ ވެއްޓުނު ކަމަށާއި އެ ވަގުތު އޭނާގެ އަނގަޔަށް ވަރަށް ބޮޑަށް ޕެޕާ ސްޕްރޭގެ އަސަރު ކުރި ކަމަށް ވެސް މަންޒަރު ދުށް މީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ